Ad
އެ ޙަފްލާއެއްގައި "ޕައުންޑޭ" ވިދާޅުވެވުމުން ތަރުޖަމާ ކުރަށްވަން ޖެހިވަޑައިގެންނެވި ޙަފްލާގައި ޓޫރިޒަމް މިނިސްޓަރު ޢަބްދުﷲ މަޢުޞޫމް ވާހަކަދައްކަވަނީ-: ފޮޓޯ: ޕީއެސްއެމް

ވިދާޅުވެވުނު ބަސް އަނެއްކާވެސް ތަރުޖަމާކޮށްދެއްވަން މިނިސްޓަރު މަޢުޞޫމަށް ޖެހިވަޑައިގެންފި

އައްޑޫ ރައްޔިތުންގެ ޖީބަށް ވަންނާނީ ޑޮލަރުގެ ބަދަލުގައި "ޕައުންޑް" ކަމަށް ވިދާޅުވެވުމުން ގިނަބަޔަކަށް އޮޅިގެންދިއުމާއެކު އެބަސް ތަރުޖަމާ ކޮށްދެއްވަން ޖެހިވަޑައިގެންނެވިތާ ގިނަ ދުވަސްތަކެއް ނުވަނީސް އެމަނިކުފާނު ވިދާޅުވި އެހެން ބަހެއް ތަރުޖަމާކޮށްދެއްވުމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. މަޢުޞޫމަށް އަނެއްކާވެސް ޖެހިވަޑައިގެންފިއެވެ.

ކުރިން އޮޅިގެންދިޔައީ ޢާންމު ރައްޔިތުންނަށް ނަމަހީވެސް މިފަހަރުގެ ބަސް އޮޅިފައި މިވަނީ މިނިސްޓަރު މަޢޫޞޫމުގެ ބަސް ހޯދި މީޑިއާށެވެ.

"ގައިގޯޅިކޮން #އުޅުމާ ގައިގޯޅިކޮން #އުޅެންޖެހުމާ ލައްކަތަފާތު. އަޅުގަނޑު ބުނިން ގައިގޯޅިކޮން އުޅެންޖެހޭ ވާހަކަވެސް. ވަރަށް ބޮޑަށް މާނައޮޅުވާ ސުރުޚީއެއް!!" 

އެމަނިކުފާނާ ޙަވާލާދީ މިހާރު ނޫހުގައި ޝާއިޢުކޮށްފައިވާ ޚަބަރެއް ހިއްސާކުރެއްވުމާއެކު އެޚަބަރުގެ ސުރުޚީ އެޅިފައި އޮތް ގޮތާމެދު ހިތްހަމަ ޖެހިވަޑައިނުގެން، އެމަނިކުފާނު ވިދާޅުވި ބަސް ތަރުޖަމާ ކޮށްދެއްވައި ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު މަޢުޞޫމް ވިދާޅުވެފައިވެއެވެ.

މިހާރު ނޫހުގައި ލިޔެފައިވާ ޚަބަރުގެ ސުރުޚީގައި ވަނީ، "ރިސޯޓުތަކުގައި ކޭސްތައް އިތުރުވަނީ މުވައްޒަފުން ގައިގޯޅިކޮށް އުޅޭތީ: ޑރ. މައުސޫމް" މިހެންނެވެ. އަދި މިނިސްޓަރު މަޢުޞޫމު އެނޫހަށް މައުލޫމާތުދެއްވަމުން ވިދާޅުވި ބަސް އެ ޚަބަރުގެ ތަފްޞީލުގައި "ކޯޓް" ކޮށްގެން ހިމަނާފައި ވެއެވެ.

"އެކަމަކު ބައެއް ފަހަރު މުވައްޒަފުންނަށް މިއުޅެވެނީ މާ ގައިގޯޅިކޮށް." މިނިސްޓަރު ވިދާޅުވި ސީދާ ބަސްކަމަށް އެނޫހުގައި ރިޕޯޓްކޮށްފައި ވޭމެއެވެ.

މިއަދުގެ ގޮތުންވެސް، ގައިގޯޅިކޮށް އުޅުމާ، ގައިގޯޅިކޮށް އުޅެންޖެހުމާއި އަދި ހަމަ ގައިގޯޅިކޮށް އެޅެވުމާ ވެސް ތަފާތުކަމަށް ބަލައި، ޙަޤީޤީ މާނަ އޮންނާނީ ޅެންވެރިޔާގެ ބަނޑުގައިކަމަށް ނިންމައި، ޅެންވެރީންގެ ދުވަހުގެ ތަހުނިޔާވެސް އެންމެހައި ޅެންވެރިންނަށް އަރިސްކުރަމެވެ.

އެހެނެއްކަމަކު ވަޒީރުންގެ މަޤާމުގެ ހައިސިއްޔަތުން ޢާންމު ރައްޔިތުންނަށް ފޯރުކޮށްދޭ މައުލޫމާތުތައް "ޅެންވެރިކަން" ގެ ބަހުރުވައަކަށް ނުގެންދަވައި ޢާންމު ސާދާ ސީދާ ދިވެހި ބަހުން ވިދާޅުވެ ނުދެއްވާ ނަމަ ތިންވަނަ ފަހަރަކަށްވެސް ތަރުޖަމާކުރަށްވަން ޖެހިވަޑައިގަތުން އިންތިހާ ގާތްވެދާނެއެވެ.

https://twitter.com/scubaappo/status/1349736422131941386?s=20

ވީހިނދު، މިނިސްޓަރު މަޢުޞޫމުގެ ޓްވީޓު "ކޯޓް" ކޮށް ޚިޔާލުފާޅުކޮށްފައިވާ ފަރާތުންވެސް ބުނެފައިވާ ބީދައިން، މިނިސްޓަރު ދައްކަވާ ވާހަކަ ތަންކޮޅެއް "ތިލަކޮށް" ދައްކަވަން ވެއްޖެ ނޫންތޯއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *