Ad
އެމްސީޓީއޯ ގެ ނައިބު ރައީސް މިދުއަމް ސަޢުދު ޗައިނާއިން ރައްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއެކު-: ފޮޓޯ:މިދުޢަމް
އެމްސީޓީއޯ ގެ ނައިބު ރައީސް މިދުއަމް ސަޢުދު ޗައިނާއިން ރައްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއެކު-: ފޮޓޯ:މިދުޢަމް

ޓީޗަރުން، ޑޮކްޓަރުން އަދި ނަރުހުން އަތުން ފްލެޓް ނެގި ބަޔަކަށް މި ސަރުކާރު ވުމަކީ ލަދުގަންނަން ޖެހޭ ކަމެއް: މިދުއަމް

ޓީޗަރުން، ޑޮކްޓަރުން އަދި ނަރުހުންނަށް ކަނޑައެޅި ފްލެޓު އެފަރާތްތަކުގެ އަތުން ނެގި ބަޔަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރު ވުމަކީ ލަދުގަންނަން ޖެހޭ ކަމެއްކަމަށް، ޢާންމު އެކުވެރިގުޅުން ޖަމިއްޔާގެ މުއައްސިސެއްކަމުގައިވާ މިދުއަމް ވިދާޅުވެއްޖެއެވެ.

މިދުއަމް މިފަދައިން ވިދާޅުވެފައި މިވަނީ، ހިޔާ ފްލެޓްތަކާ ގުޅޭގޮތުން ޢާންމުންގެ ކަންބޮޑުވުންތަކަަށް ޙައްލު ހޯދައިދިނުމުގެ މަޤްޞަދުގައި އުފެއްދިފައިވާ ޢާންމު އެކުވެރި ގުޅުންގެ ފަރާތުން ސަންގު ޓީވީގެ ޚަބަރަށްފަހު ރޭގެ ޕްރޮގްރާމްގައި އެބޭފުޅާ ދެއްކެވި ވާހަކަތަކަށް އަލިއަޅުވާލައްވައި މިރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައެވެ.

ފްލެޓްތަކުގެ މައްސަލާގައި ޢާންމުންގެ ހުރި ކަންބޮޑުވުންތައް ފާހަގަކުރަށްވައި އެކަންކަން މީޑިއާތަކާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެންނަވައި އެކަންކަމަށް ޙައްލުހޯއްދެވުމަށް ނުހަނު ބުރަ މަސައްކަތްތަކެއް ކުރަށްވަމުން ގެންދަވާ މިދުއަމް، ސަންގު ޓީވީގެ ރޭގެ މި ޕްރޮގްރާމްގައި ހިޔާފްލެޓާ ގުޅިގެން، ޚާއްޞަކޮށް ޑޮކްޓަރުންނާއި ނަރުހުން އަދި ޓީޗަރުންގެ ކެޓަގަރީއިން ފްލެޓަށް ކުރިމަތިލާފައިވާ ފަރާތްތަކާމެދު، މިސަރުކާރުން ކަންތައްކުރާ ގޮތަށް އިންތިހާއަށް ފާޑުވިދާޅުވިއެވެ.

"އަދިވެސް އެއްފަހަރު އަޅުގަނޑު ތަކުރާރުކޮށްލާނަން. ޓީޗަރުން، ޑޮކްޓަރުން، ނަރުހުން، މި ތިން ކެޓަގަރީއަށް ކުރީ ސަރުކާރުގަ ފްލެޓަށް ފޯމުލީ އެންމެނަށް ފްލެޓް ދިން. މި ސަރުކާރު ބަދަލުވެގެން މިފަހުން ހައުސިން މިނިސްޓްރީން މި ކުރި ކަމަކީ، މި ތިން ކެޓަގަރީއަށްވެސް ކަނޑައަޅާފަ ހުރި ފްލެޓްތަކުގެ ޢަދަދު މަދުކުރީ. އެހެންވީމަ މިހާރު ޑޮކްޓަރުން، ނަރުހުން، މުދައްރިސުން، މި ތިން ކެޓަގަރީ ފްލްޓް ގެއްލިގެން އުޅޭ މީހުންނަށް ގެއްލިގެން އުޅެނީ ޙައްޤު ނުވާތީއެއް ނޫން، އެހެން އެއްވެސް މައްސަލައެއް އުޅޭތީއްޔަކީ ނޫން. އެމީހުންނަށް ގެއްލިގެން އުޅެނީ ދިވެހި ސަރުކާރުން ނިންމި ނިންމުމަކާ ހެދި" 

އިންސާނީ އެންމެ އަސާސީ ދެ ޚިދުމަތްކަމަށްވާ ޞިއްޙަތާ ތަޢުލީމު ފޯރުކޮށްދިނުމުގައި އުޅުއްވާ ފަރާތްތައް ކަމަށްވާ، ޑޮކްޓަރުންނާއި ނަރުހުން އަދި ޓީޗަރުންގެ ތެރެއިން ފްލެޓަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ގިނަ ބައަކަށް ފްލެޓް ގެއްލިގެންދިޔަ ސަބަބު ތަފްޞީލްކޮށް ހާމަކޮށްދެއްވަމުން މިދުއަމް ވިދާޅުވިއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި ކުރިމަތިލީ އެންމެހައި ޑޮކްޓަރުންނާއި ނަރުހުން އަދި ޓީޗަރުންނަށް ކުރީ ސަރުކާރުން ހިޔާ ފްލެޓް ދީފައިވަނިކޮށް އެނިންމުން ބަދަލުކޮށް އޭގެތެރެއިން ގިނަ ބައެއްގެ އަތުން ފްލެޓް އަތުލުމަށް މިސަރުކާރުން ނިންމި ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔުއްވައި މިދުއަމް ވިދާޅުވީ، ޑޮކްޓަރެއް ނުވަތަ ނަރުހެއް ނޫނިއްޔާ ޓީޗަރެއްގެ ފްލެޓް ނަގާފައި އެހެން އެއްވެސް ތަނަކަށް ބަދަލުކުރަން ޖެހޭ ސަބަބެއް އެބޭފުޅާއަށް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ. ޚާއްޞަކޮށް، ދިވެހި ދައުލަތުގެ ނިޝާންޖެހި ސިޓީ އަކުން ކަނޑައެޅިގެން ވަކިބައަކަށް ދެވިފައި އޮތް ފްލެޓްތަކެއް އެމީހުންގެ އަތުން ނެގުމަށްފަހުގައި، ސަރުކާރު ބަދަލުވިޔެކޭ ކިޔާފަ، އެހެން ބައަކަށް އެތަން ދެވުމަކީ ޤާނޫނީ ގޮތުންވެސް ކުރެވޭނެ ކަމެއްތޯ ސުވާލުކުރެވެން ޖެހޭކަމަށްވެސް މިދުއަމް ފާހަގަކުރެއްވިއެވެ.

ފާއިތުވެދިޔަ، ރައީސް ޔާމީނުގެ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ "ހިޔާ" މަޝްރޫޢުގެ ދަށުން ހުޅުމާލޭ ފޭސް-ޓޫ ގައި ޢިމާރާތްކޮށްފައިވާ ފްލެޓްތައް ލިބޭފަރާތްތަކުގެ ލިސްޓް އޭރުގެ ސަރުކާރުން ޢާންމުކޮށް ގެޒެޓްކޮށް އެކަމުގެ ލިޔުންވެސް އެފަރާތްތަކަށް ދޫކޮށްފައިވެއެވެ. އެހެންނަމަވެސް ކުރީގެ ސަރުކާރު ބަދަލުވުމާއެކު، ފްލެޓް ދެވިފައި ވަނީ އޭގެ "ޙައްޤު" ވެރީންނަށް ނޫންކަމުގައި މިސާރުކާރުން ބުނެ، ފްލެޓްތަކުގެ ޙަޤީޤީ ހައްޤުވެރީންނަށް ފްލެޓްތައް ދިނުމަށް އެކަމަށް ޚާއްޞަ ރިޔާސީ ކޮމިޝަނެއް އެކުލަވާލަށްވައި، ހިޔާ ފްލެޓަށް ފޯމް ލީ ފަރާތްތަކަށް ޕޮއިންޓް ދެވޭ ގޮތްވެސް ބޮޑެތި ބަދަލުތަކަކާއެކު އަލުން އިޞްލާޙުކޮށް، ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް އަލުން އިޢުލާނުކޮށްފައި ވެއެވެ.

ޢާންމު އެކުވެރި ގުޅުމަކީ، މިހާރުގެ ސަރުކާރުން އިޞްލާޙުކުރުމަށްފަހު އަލުން ޢާންމުކުރި ފްލެޓް ލިސްޓުތަކުގެ ސަބަބުން، ފްލެޓް ލިބޭކަމަށް ކުރިން ލިޔުން ލިބިފައި ތިބި އެތަކެއް ސަތޭކަ ބަޔަކަށް ފްލެޓް "ގެއްލިގެން" ދިއުމާ ގުޅިގެން ގިނަ ރައްޔިތުންތަކެއްގެ އުދާސްތައް ބަންޑުންކޮށް ފާޅުކުރަމުން ގެންދިޔަ ކަންބޮޑުވުންތަކުގެ އަޑު އުފުލައި އެކަމަށް ޙައްލު ހޯދައިދިނުމުގެ ނަމުގައި އެންމެ ފުރަތަމަ "ކޮތަރު ކޮށި" ނަމުގައި މީސްމީޑިއާގައި ކުރިއަށް ގެންދިޔަ ޙަރަކާތް، ރެޖިސްޓްރީކުރެވި ޤާނޫނީ ހައިސިއްޔަތު ލިބިގެން، ހަމަ އެ މަޤްޞަދުގައި ކުރިއަށް ގެންދާ މަދަނީ ޖަމްޢިއްޔާ ކަން ފާހަގަކޮށްލެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *