ޤާނޫނު ނަންބަރު 3/2020 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020) އަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖްލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒު ހުށައެޅުއްވި ބިލުގެ އިބްތިދާއީ ބަހުސް މިއަދު ނިންމާލަށްވައި އެބިލަށް ވޯޓަށް އައްސަވޭނެކަމަށް ރައްޔިތުންގެ މަޖްލީހުގެ މިއަދު ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ ނައިބު ރައީސާ އީވާ ޢަބްދުﷲ ވިދާޅުވެއެޖެއެވެ.
ނައިބު ރައީސާ އީވާ މިފަދައިން ވިދާޅުވީ، އެ އިސްލާޙުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން ދައުރުން ބޭރުގައި މިއަދު ބާއްވަވަމުންގެންދަވާ ޖަލްސާ މެންދުރު ވަގުތަށް މެދުކަނޑާލަށްވަމުންނެވެ.
"މިވަގުތު މެދުކަނޑާލާނަން. މެދުކަނޑާފަ އަޅުގަނޑުމެން ފަށާނީ އެއްގަޑި ބައިގަ. އެދިވަޑައިގެންފަވާ ޢިއްޒަތްތެރި، ވާހަކަދެއްކެވުމަށް އެދިވަޑައިގެންފަވާ ޢިއްޒަތްތެރި މެމްބަރުންގެ ޢަދަދުން ލަފާކުރެވެނީ އެއްގަޑިބައިގަ ފަށާފަ އެއްގަޑި، އިތުރު އެއްގަޑިއިރު ބަހުސްކޮށްފަ ދެގަޑި ބައިގަ އަޅުގަނޑުމެންނަށް މިއަށް ވޯޓަށް އެހޭނެކަމަށް"
ލޯކަލް ކައުންސިލް އިންތިޚާބު އަވަސްކުރުމުގެ ބޭނުމުގައިކަމަށްބުނެ ހުށައެޅިފައިވާ ބިލުގެ މަސައްކަތް ކުރެއްވުމަށް ދައުރުން ބޭރުގައި ބޭއްވުނު ދެވަނަ ޖަލްސާގެ ފުރަތަމަ ދަންފަޅި ނިންމަވާލަށްވަމުން އީވާ ވިދާޅުވިއެވެ.
މެންބަރު ނިޔާޒު ހުށައެޅުއްވި މި ބިލުގެ ބޭނުމަކީ، ކޮވިޑް-19 އާ ގުޅިގެން ފަސްކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ދިމާވެފައިވާ ޤާނޫނީ ހުރަސްތަކަށް ހައްލެއް ހޯދައި، ވީ އެންމެ އަވަހަކަށް އެ އިންތިޚާބު ބޭއްވުންކަމަށް އެބިލުގައި ބުނެފައި ވީނަމަވެސް، އެ އިޞްލާޙުތައް ފާސްކުރެވިގެން ޤާނޫނަކަށް ވީނަމަވެސް، ލޯކަލް ކައުންސިލް އިންތިޚާބު ފަސްވެގެން ދިއުމުގެ ފުރުޞަތު އެބައޮތްކަމަށްވެސް ޚުދު އެ މެންބަރުވެސް ބިލަށް ބަހުސްކުރަށްވަމުން ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ތަޅު މިއަދު ނައްޓާލިޔަސް އަދިވެސް މި އިންތިހާބު ބޭއްވުމުގައި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ދެއްްވާ އިރުޝާދަކާއި ދެއްވާ ގައިޑްލައިނެއްގެ ސަބަބުން، އަދިވެސް މި އިންތިހާބު ލަސްވުމުގެ ފުރުސަތު އޮތްކަން އެބަ އެނގޭ،" ހުޅުމާލޭ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒު މިއަދުގެ ޖަލްސާގައި ވިދާޅުވެފައި ވޭމެއެވެ.