Ad
ފޮޓޯ: ގެޓީ އިމޭޖްސް
ފޮޓޯ: ގެޓީ އިމޭޖްސް

ދީނީ ނަޒަރަކުން އިންޝުއަރެންސް/ތަކާފުލް (5 ވަނަބައި)

ތަކާފުލް ގެ ނިޒާމު މަސައްކަތް ކުރާގޮތް

ކާޒީ އެމް.ޑީ މޯތުޒާ އަލީ (2016) ލިޔުއްވާފައިވާ ކޮންސެޕްޓް އޮފް ތަކާފުލް ގައި ވާގޮތުން ހިރާސް ނުވަތަ އިނގިރޭސިބަހުން މިކިޔާ "ރިސްކް" އަކީ ދިރިއުޅުމުގެ މައިދާނުގެ ހުރިހާ ދިމާލެއްގައިވެސް އެކުލެވޭ އެއްޗެކެވެ. ހިރާސްއާ ކުރިމަތިލާން ޖެހެނީ އެކިމީހުންނަށް އެކިކަންކަމުގައި އެކިވަރަށެވެ. ފިކުރީ މާލީ ޙިމާޔަތަކީ އެއްބަޔަކު އަނެއްބައެއްގެ މައްޗަށް މިދެންނެވި ހިރާސް ފުރޮޅާލާ ނުވަތަ ބަދަލުކުރާގޮތަށް އޮންނަ (ރިސްކް ޓްރާންސްފަރ ކުރެވޭ) ނިޒާމެކެވެ. ނަމަވެސް ތަކާފުލްގެ ނިޒާމަކީ ބައިވެރިވާ ގިނަބަޔެއްގެ މެދުގައި ބައި އެޅިގެން ހިރާސް، ހިއްސާ ކުރެވޭ ނިޒާމެކެވެ. ތަކާފުލް ނުވަތަ އިސްލާމީ މާލީ ޙިމާޔަތުގެ ނިޒާމުގައި ތަކާފުލް ގެ ކުންފުންޏަކީ ޚިދުމަތް ހޯދާ ބައިވެރިންގެ ވަކީލެއްގެގޮތުން މަސައްކަތްކުރާ ފަރާތެކެވެ. ފިކުރީ މާލީ ޙިމާޔަތާ ޚިލާފަށް ތަކާފުލް ގައި، ބައިވެރިން ދައްކާ ޗަންދާ އަކީ ޚިދުމަތްދޭ ފަރާތުގެ އެއްޗެއްނޫނެވެ. އެއީ ބައިވެރިންގެ ފަރާތުން ޚިދުމަތްދޭ ފަރާތާއި ޙަވާލުކުރެވޭ އަމާނާތެކެވެ. އެހެނީ، އިސްލާމީ މާލީ ޙިމާޔަތުގެ ނިޒާމަކީ ޔަޤީންކަން ދޭ ނިޒާމެކެވެ.

ފިކުރީ މާލީ ޙިމާޔަތުގެ ނިޒާމުގައި ޚިދުމަތް ހޯދާ ފަރާތްތަކުން ދައްކާ "ޕްރިމިއަމް" އާ ޚިލާފަށް، ތަކާފުލް ގެ ނިޒާމެއްގައި ބައިވެރިން ދައްކާ ޗަންދާއަކީ ކުރެވޭ ހޭދައެކެވެ. މިއީ އެއްބަޔަކު އަނެއްބައެއްގެ ތަކުލީފުތައް ލުއިކޮށްދިނުމުގެ ނިޔަތުގައި، ﷲ އަށް ކުރެވޭ ހޭދައެކެވެ. ތަކާފުލް ނިޒާމުގައި ބައިވެރިވާ ފަރާތްތަކަށް ލިބިދާނެ ގެއްލުމަކުން އަރައިގަތުމަށް އެހީތެރިވެ އެއްބާރުލުންދޭން ބައިވެރިން އެއްބަސްވެ މި ޞަދަޤާތް ތަކާފުލް ކުންފުންޏާއި ޙަވާލުކުރެވެއެވެ. އެގޮތުން ބައިވެރިން ދައްކާ ޗަންދާގެ ތެރެއިން ތަކާފުލް ފަންޑެއް ޤާއިމުކުރެވެއެވެ. ބައިވެރިންގެ ފަރާތުން މިފަންޑުގެ ކަންކަން ބަލަހައްޓަނީ ތަކާފުލް ކުންފުނިންނެވެ.

ފިކުރީ މާލީ ޙިމާޔަތުގެ ނިޒާމުގައި "އިންޝުއަރެންސް ޕްރިމިއަމް" ބަލައިގަތުމަށްފަހު އެފައިސާ ހިއްސާދާރުންގެ ރައުސުލްމާލުގެ ތެރޭގައި ހިމެނިގެންދެއެވެ. އެއާ ޚިލާފަށް ތަކާފުލް ނިޒާމުގައި، ބައިވެރިން ޞަދަޤާތުގެ ގޮތުގައި ވަޤުފު ކުރާ ތަކާފުލް ފަންޑާއި ކުންފުނީގެ ހިއްސާދާރުންގެ ފަންޑަކީ މުޅިން ވަކިން ބެލެހެއްޓޭ ދެ ފަންޑެކެވެ. ތަކާފުލް ފަންޑު ބޭނުންކުރެވޭނީ ބައިވެރިވާ ފަރާތަކަށް ގެއްލުމެއް ލިބިއްޖެ ޙާލަތެއްގައި ތަކުލީފު ލުއިކޮށްދިނުމަށެވެ. ތަކާފުލް ފަންޑުގެ ކަންކަން ބެލެހެއްޓުމުގެ ފީ އެއްގެގޮތުން ކަނޑައެޅޭ ވަކިމިންވަރެއް ބައިވެރިންގެ ފަންޑުން ތަކާފުލް ކުންފުންޏަށް އުޖޫރައެއްގެ ގޮތުގައި ދެވިދާނެއެވެ.

ތަކާފުލްގެ ނިޒާމަށް ގެނެވުނު ޒަމާނީ ތަރައްޤީތަކުގެ ތެރެއިން، މި ނިޒާމަކީ މިހާރު ހަމައެކަނި މާލީ ޙިމާޔަތުގެ ޔަޤީންކަންލިބިދެވޭ ނިޒާމެއްގެ އިތުރުން ހުއްދަވިޔަފާރީގެ ޢަޤުދުތަކުގެ ތެރެއިން ފައިދާވެސް ލިބިދެވޭ ނިޒާމަކަށް މިވަނީ ވެފައެވެ. މިގޮތުން މާލީ މުޢާމަލާތްތަކުގައި ބޭނުންކުރެވޭ ޝަރީއަތް ހުއްދަކުރާ ޢަޤުދު ތަކުގެތެރެއިން މުޟާރަބާ (ފައިދާ ހިއްސާ ކުރެވޭ ޕާރޓަނަރޝިޕް)، ވަޤުފް ނުވަތަ ވަކާލާ އަދި މިނޫންވެސް ހުއްދަ ޢަޤުދުތަކާއެކު ފައިދާ ނެރެވޭފަދަ ގޮތްގޮތަށް ތަކާފުލް ގެ ނިޒާމު ތަފާތު އިސްލާމީ މުޖުތަޢު ތަކުގައި ދަނީ ބޭނުންކުރެވެމުންނެވެ.

 ތަކާފުލް ހުއްދަވާ ސަބަބުތައް

މޮހެމެޑް އަމިން (2010) ކޮންވެންޝަނަލް އެންޑް ތަކާފުލްގައި ބަޔާން ކޮއްފާވާގޮތުން ތަކާފުލްގެ ނިޒާމަކީ ހުއްދައެއްޗެއް ކަމުގައި ބެލެވެނީ ތަކާފުލް ގެ ޢަޤުދުގައި އިސްލާމީ ޝަރީއަތުގައި ޙަރާމްކުރެވިފައިވާ ރިބާ އާއި ޣަރަރު އަދި ޖުވާގެ އެއްވެސް މިންވަރެއް ނުހިމެނޭގޮތަށް ތަކާފުލް ގެ ނިޒާމު ބައްޓަންކުރެވިފައި ވާތީއެވެ.

"އިސްލާމިކް އިކޮނޮމިކް ސްޑަޑީސް ވޮލިއުމް 07″ ގައި ސާމީ އަލް ސުވައިލަމް ( 2000 ) ހާމަކުރައްވާފައިވާގޮތުން އިންޝުއަރެންސް ހުއްދަނުވާ އެއްސަބަބަކީ، އޭގައި ޔަޤީންނުވާ ކަންކަން ނުވަތަ "ޣަރަރު" އެކުލެވުމެވެ. އެއީ ގަނެވޭ އިންޝުއަރެންސް ޕޮލިސީގެ އަގު ނުވަތަ ޕްރިމިއަމް ދެއްކުމަށްފަހު ބަދަލުގައި އެއްވެސް މިންވަރެއް ލިބުން ބިނާވަނީ އިންޝުއަރ ކުރި އެއްޗަކަށް ގެއްލުމެއް ލިބުމާ ނުލިބުމުގެ މައްޗަށެވެ. ތަކާފުލް ނިޒާމުގައިވެސް ބަދަލު ލިބުން ބިނާވަނީ ހަމަ މިދެންވި ގޮތުގެ މަތިންނެވެ. ނަމަވެސް ތަކާފުލް ގެ ނިޒާމެއްގައި ގެއްލުމުގެ ބަދަލު ދެވޭނީ ބައިވެރިންގެ ފަރާތުން ކުރެވޭ ޞަދަޤާތުގެ ތެރެއިން އެކުލަވާލެވޭ ތަކާފުލް ފަނޑަކުންނެވެ. އެއީ ގަނެ ވިއްކުމުގެ ނުވަތަ އެކަތި އަނެކައްޗާ ބަދަލު ކުރުމުގެ ޢަޤުދެއްނޫނެވެ. ނަމަވެސް ﷲ ސުބުހާނަހޫ ވަތަޢާލާގެ މަގުގައި ކުރެވޭ މަތިވެރި ހޭދައެކެވެ. އެހެންކަމުން، އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމުގެ ގޮތުން ޞަދަޤާތުގެ ގޮތުގައި އެއްކުރެވޭ ފަންޑަކުން ތަކުލީފު ލިބިފައިވާ ފަރާތަށް ނުވަތަ ފަރާތްތަކަށް، އެހީތެރިވުމުގައި ޣަރަރު އެކުލެވިގެންނެއް ނުވެއެވެ.

އިންޝުއަރެންސްގެ ނިޒާމެއްގައި، ޚިދުމަތް ހޯދާ ފަރާތަށް ގެއްލުމެއް ލިބިއްޖެ ޙާލަތެއްގައި ބަދަލު ދޭއިރު ލިބިގެންދާނީ ޗަންދާގެ ގޮތުގައި ދެއްކި ޢަދަދައްވުރެ އިތުރު ޢަދަދެކެވެ. ބައެއްފަހަރަށް މަދު ޢަދަދެކެވެ. އެހެންކަމުން މިއީ ކަނޑައެޅިގެން ރިބާގެ މުޢާމަލާތެއްކަން ސާފުވެއެވެ. މީގެ އިތުރުން އިންޝުއަރެންސް ކުންފުނިތަކުން ޕްރިމިއަމްގެ ގޮތުގައި އެއްކުރެވޭ ފައިސާ ގިނަފަހަރަށް ހޭދަކުރާނީ ވިޔަފާރި ބޭންކްތައް ފަދަ ރިބާގެ މުޢާމަލާތްތައް ހިންގާ މާލީ އިދާރާ ތަކުގައެވެ. މިއާ ޚިލާފަށް ތަކާފުލް ނިޒާމުގެ ތެރެއިން ބައިވެރިން ޞަދަޤާތުގެ ގޮތުގައި އެކުލަވާލާ ފަންޑުން ގެއްލުންވާ ފަރާތަކަށް ކިތަންމެ ކުޑަ ނުވަތަ ކިތަންމެ ބޮޑު ބަދަލެއް ދިނަސް އެއީ ރިބާގެ މުޢާމަލާތަކަށް ނުވާނެއެވެ. މުސީބާތުގެ ވަގުތުގައި މުސްލިމުންގެ މުދަލުން ހޭދަކުރުމުގައި އަވަސްވެ ގަތުމަށް ރަސޫލާ (ސ.އ.ވ) ބާރުއަޅުއްވައި ޙަދީޘް ކުރައްވާފައި ވާކަން އިމާމު ތިރްމިޛީގެ އަރިހުން ރިވާވެގެންވާ ރިވާޔަތްތަކުގެ ތެރެއިން، 589 ވަނަ ރިވާއަތުގައި ވެއެވެ.

އިސްލާމް ކިއު.އޭ ގައި މުޙައްމަދު ޞާލިޙް އަލް މުނައްޖިދު (1999) ގައި ބަޔާންކުރައްވާފައިވާގޮތުން ޖުވާ އަކީ ކުޑަ މިންވަރެއް ހޭދަކޮށްގެން ބޮޑު މަންފާއެއް ލިބުމުގެ އެދުމުގައި ހޭދަކުރެވޭކަންކަމެވެ. އެއީ އިޤްތިޞާދީ ގޮތުން އެއްވެސް އުފެއްދުންތެރިކަމެއް ނެތި، ކަންނެތް ކަމާއި ބާޠިލުގޮތުގައި އެކަކު އަނެކެއްގެ މުދާ ކެއުމަށް ހުށަހެޅޭ ޝައިޠާނީ ޢަމަލެކެވެ. ފިކުރީ މާލީ ޙިމާޔަތުގެ ޢަޤުދުތަކުގައި މައިސިރް ނުވަތަ ޤިމާރު (ޖުވާ) ގެ އަސަރު ވަރަށްބޮޑަށް އެކުލެވޭ ކަމުގައި އިސްލާމީ ޢިލްމުވެރިން އިޖުމާޢުވެއެވެ. އެއީ މާލީ ޙިމާޔަތް ހޯދާފަރާތަށް ގެއްލުމެއް ލިބިއްޖެ ޙާލަތުގައި ޙިމާޔަތް ދިން ކުންފުނިން ބަދަލު ދިނުމާއި، ގެއްލުމެއް ނުވާޙާލަތުގައި، ޚިދުމަތް ހޯދާ ފަރާތުން ޗަންދާގެ ގޮތުގައި ދެއްކި ހުރިހާ ފައިސާއެއް މާލީ ޙިމާޔަތް ދިން ކުންފުންޏަށް ލިބިދެވޭ އެއްބަސްވުމަކަށް، އިންޝުއަރެންސްގެ އެއްބަސްވުން ވާތީއެވެ. މިއީ ޙަރާމް ކަމެއްކަމާއި، އަދި އެކަމާއި ދުރުހެލިވުމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ސޫރަތުލް މާއިދާގެ 90 ވަނަ އާޔަތުގައި އަމުރުކުރައްވާފައެވެ. އެއާޔަތުގެ މާނައިގައިވެއެވެ. " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާ އާއި، ޖުވާކުޅުމާއި،އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި ނަޞީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާއި ދުރުވެގަންނާށެވެ! (އެއީ) ތިޔަބައި މީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކައެވެ".

ތަކާފުލް ނިޒާމުގެ ޢަޤުދުގައި ޖުވާގެ އަސަރު ނުހިމެނެނީ ބައިވެރިން ދައްކާ ޗަންދާ އަކީ ކުރެވޭ ޞަދަޤާތަކަށްވާތީއެވެ. އަދި ގެއްލުމުގެ ބަދަލު ދެވެނީ މިދެންނެވި ޞަދަޤާތުގެ ތެރެއިން އެކުލަވާލާ ތަކާފުލް ފަންޑުން ނެވެ. ތަކާފުލް އަކީ އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރެވޭ މަތިވެރި ހޭދައެކެވެ. އެގޮތުން ކީރިތި ޤުރުއާނުގެ سورة المائدة ގެ 2 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.  ﴿وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَىٰ ﴾. މާނައީ: "ހެޔޮކަންތައް ކުޅައުމާއި، تقوى ވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! ".

ތަކާފުލްގައި ބައިވެރިން ދައްކާ ޗަންދާގެ ތެރެއިން، ފައިދާ ހޯދުމަށް ހުއްދަ ކަންކަމުގައި އިންވެސްޓް ކުރެވިދާނެއެވެ. މިގޮތުން ލިބޭ ފައިދާ ތަކާފުލް ކުންފުނިން ނެގުމުގެ ބަދަލުގައި، ޗަންދާ ހުށަހެޅި ބައިވެރިންގެ މެދުގައި، ތަކާފުލް ކުންފުނި ޝާމިލުވާ ގޮތުން، ކުރިން އެއްބަސްވެވިފައިވާ ގޮތެއްގެ މަތިން ބަހާލެވެއެވެ. މިފައިދާ ބެހުމުގައި، ތަކާފުލް ކުންފުންޏަށް ބައިއެޅުން ބިނާވެގެންދަނީ، ބޭނުން ކުރެވޭ "މޮޑެލް" އެއްގެ މައްޗަށެވެ.

މުޙައްމަދު ފަޒިލް ޔޫސުފް (2011) ގައި ފަންޑަމެންޓަލް އޮފް ތަކާފުލް ގައި ބާޔާން ކުރައްވާފައިވަނީ ތަކާފުލްގައި ބޭނުންކުރެވޭ "މޮޑެލް" އަކީ "މުޟާރަބާ (ޕާރޓްނަރޝިޕް) މޮޑެލް" ނަމަ، އިންވެސްޓްމެންޓް ފަންޑުން ލިބުނު ފައިދާ ބެހުމުގައި ތަކާފުލް ކުންފުންޏަށް، ކުރިން އެއްބަސް ވެވިފައިވާ ގޮތެއްގެމަތިން ބައިއެޅިގެން ދާނެއެވެ. އަދި، ބޭނުންކުރެވޭ "މޮޑެލް" އަކީ "ވަކާލާ (އެޖެންސީ) މޮޑެލް" ނަމަ، ތަކާފުލް ކުންފުންޏަށް އެއްބަސް ވެވިފައިވާ ފީ އެއް، ނެގުމަށްފަހު، ލިބުނު ފައިދާ ބައިވެރިންގެ މެދުގައި، އެއްބަސްވެވިފައިވާ ގޮތެއްގެމަތިން ބަހާލެވެއެވެ. މީގެ އިތުރުންވެސް ވަޤުފް މޮޑެލް އާއި ގިނަ މަފްޙޫމްތައް އެކުލެވޭގޮތަށް ތަރައްޤީ ކުރެވިފައިވާ ތަކާފުލް މޮޑެލްތައް އިސްލާމީ ޤައުމުތަކުގައި އަންނަނީ ތަޢާރަފްކުރެވި ބޭނުން ކުރެވެމުންނެވެ.

ތަކާފުލް އަކީ މުދަލާއި ތަކެއްޗަށް ނުވަތަ ފަރުދުންނަށް ކުރިމަތިވެދާނެ ގެއްލުމެއް އަދި ނުރައްކަލެއްގެ ސަބަބުން، މަންފާ ލިބެނިވި ފަރާތަށް ލިބިދާނެ ނިކަމެތިކަމަކުން އަރައިގަތުމަށްޓަކައި ދުރާލާ ތައްޔާރުވުމަށް އެޅޭ ފިޔަވަޅެކެވެ. ވީނިއުސްގައި ޝާއިއުކޮށްފައިވާ "އިސްލާމިކް ފައިނޭންސް: ރިބާއާ ދެކޮޅަށް ގެނައި އިންޤިލާބެއްތަ؟" މިއާރޓިކަލްގައި ޑރ.މުނީޒާ ސިފަކޮށްދެއްވާފައިވާ ފަދައިން " މިއީ ހުން އަންނާނެ ކަމަށް ރަޖާލުން ފަދަ ކަމެކެވެ". އެހެންކަމުން ތަކާފުލް އަކީ ދުރާލާ ރައްކާތެރިވުމުގެ ގޮތުން އެޅޭ ފިޔަވަޅެކެވެ. ﷲ އާ ވަކީލުކުރުމުގެ ކުރިން، ސަބަބުގައި ހިފުމުގެ ގޮތުން ކުރެވޭ މުހިންމު ކަމެކެވެ. އިސްލާމްދީނުގައި އަމުރު ކުރެވިފައިވަނީ، އިންސާނުން އެމީހުން ކުރާ ކޮންމެ ކަމެއްގައި ވެސް، އެކަމަކަށް ބޭނުންވާ ހުރިހާ ސަބަބުތަކެއްގައި ހިފުމަށެވެ. އިމާމު ތިރްމިޛީގެ އަރިހުން ރިވާވެގެންވާ ޙަދީޘްފުޅުން ދޭހަވާ ފަދައިން "ފުރަތަމަ ޖަމަލު ބަނުމަށެވެ، ދެން އެ ނުގެއްލި ރައްކާތެރި ކަންމަތީ އޮތުން، ﷲ އާ ވަކީލުކުރުމަށެވެ".

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *