Ad

ކޮންޓޭނަރު ނުލިބޭތީ، ވިޔަފާރިވެރިންގެ މުދާ ރާއްޖެ ނުގެނެވި ގައުމުތަކުގައި ތާށިވެއްޖެ

ފްރައިޓުގެ އަގުތައްވެސް ވަނީ އުފުލިފައި

ހުސްކޮންޓޭނަރު ލިބުން ދަތިވެ، ރާއްޖެ ގެންނަން ތައްޔާރުކޮށްފައިވާ ގިނަ އަދަދެއްގެ މުދާ އެކި ގައުމުތަކުގެ އެޖެންޓުންގެ ގުދަންތަކުގައި ތާށިވެއްޖެއެވެ.

ރާއްޖެއަށް އެންމެ އާންމުކޮށް މުދާ އެތެރެކުރާ ތައިލެންޑާއި ޗައިނާގެ ބައެއް ކާގޯ އެޖެންޓުން އިރުވަރު ނޫހަށް ބުނިގޮތުގައި، ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން، ހުސްކޮންޓޭނަރު ދައުރުވުން މަދުވެ، ކޮންޓޭނަރު ލިބުމުގެ ދަތިކަން މިހާރު އިންތިހާއަށް ބޮޑެވެ.

"ގުދަންތައް މިހުރީ ފުރިފަ. ރާއްޖޭގެ ވިޔަފާރިވެރިންގެ މުދާ އިތުރަށް ނުގެނެވި މިދަނީ މިހާރު ފޮނުވަން ތައްޔާރުކޮށްފައިވާ އެތައް ކޮންޓޭނަރެއްގެ މުދާ ގުދަނުގައި ތާށިވެފައިހުރެގެން. އެންމެ އަވަހަށް ވެސް ކޮންޓޭނަރު ލިބޭނެ ކަމަށް މިހާރު މި ބެލެވެނީ އަންމަ މަހުގެ ކުރީކޮޅު،" ތައިލެންޑުން ރާއްޖެއަށް މުދާ ފޮނުވައިދޭ އެޖެންޓަކު ބުންޏެވެ.

ޗައިނާއަށް ރާއްޖެއަށް ގިނަ އަދަދެއްގެ މުދާ ފޮނުވައިދޭ އެޖެންޓެއްކަމުގައިވާ ޑޭވިޑް ބުނިގޮތުގައި، ކޮންޓޭނަރު ލިބުމުގެ ދަތުކަން ކުރިމަތިވުމުން،ބޭނުންވާ މިންވަރަށް ރާއްޖެއަށް މިވަގުތު މުދާ ނުފޮނި ދަނީ ތާށިވަމުންނެވެ.

ކޮންޓޭނަރުގެ ތާށިކަމާއެކު، ސީފްރައިޓުގެ އަގުތައްވެސް ވަނީ ބޮޑުތަނުން އުފުލިފައެވެ. މީގެ ކުރިން ޗައިނާއިން ރާއްޖެއަށް އެތެރެކުރާ ވިހި ފޫޓު ކޮންޓޭނަރެއްގެ ފްރައިޓު އުޅެނީ 1200-1500 އެމެރިކާ ދެމެދެވެ. އެހެންނަމަވެސް މިހާރު އެ އަދަދު ވަނީ 3000 ޑޮލަރަށް އަރާފައެވެ.

ސާޅީސް ފޫޓުގެ ހައިކިއު ކޮންޓޭނަރެއް މީގެ ކުރިން ތައިލެންޑުން ރާއްޖެއަށް ގެނެވެނީ ތިންހާސް ޑޮލަރުގެ އަގުތަކުގައި ކަމަށްވިއަސް މިހާރުގެ ފްރައިޓް ޗާޓް ހުރީ 6000 ޑޮލަރުން މަތީގައެވެ.

ބައެއް ވިޔަފާރިވެރިން ބުނިގޮތުގައި މުދާ ހައްދައި، އެމުދަލަށް ފައިސާ ފޮނުވާ ގިނަ ދުވަސްތަކެއް ވެގެން ދިޔައިރުވެސް މުދާ ލޯޑު ނުކުރެވި ދިގު ދެމިގެން ދިއުމުން، މުދަލުގެ ދަތިކަން ދަނީ ބޮޑުވަމުންނެވެ. އަދި ފްރައިޓުގެ އަގުތައް އުފުލިފައި ހުރުމުން، މުދަލުގެ އަގުތައް މަތިވެގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް އެމީހުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *