Ad

ޓްރާސްފާރގެ އެންމެ ފަހުވަގުތު ލިވަޕޫލުން 2 ޑިފެންޑަރުން ހޯދައިފި

ލިވަޕޫލްގެ ޑިފެންސްލައިނަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ޓްރާސްފާރގެ އެންމެ ފަހުވަގުތު 2 ޑިފެންޑަރުން ހޯދައިފިއެވެ.

ސީޒަންގެ ކުރީކޮޅުގައި ލިވަޕޫލްގެ އެންމެ މުހިއްމު ދެ ޑިފެންޑަރުން ކަމަށްވާ ވާޖިލް ވެންޑައިކާއި ޖޯ ގޮމޭޒަށް އަނިޔާވެ މި ސީޒަންގައި ނުކުޅެވޭނެކަން ޔަގީންވިއެވެ. އަދި ދެން ސެންޓްރަލް ޑިފެންޑަރަކަށް ހުރި ޖޯލް މަޓިޕަށްވެސް އަނިޔާވެ ސީޒަންގައި ދެން ނުކުޅެވޭނެކަން ޔަގީންވުމުން އެޓީމަށް މާޔޫސްކަމާ ކުރިމަތި ވިއެވެ. މިކުޅުންތެރިންނަށް އަނިޔާވުމުގެ ސަބަބުން ސެންޓްރަލް ޑިފެންޑަރުންނަށް ކުޅުނީ މިޑްޕީލްޑަރުން ކަމަށްވާ ފަބީނިއޯއާއި ކެޕްޓަން ހެންޑަސަން އެވެ. މި ދެކުޅުންތެރިން ޑިފެންސަށް ކުޅެންފެށުމުން ޓީމުގެ މެދުތެރެއިން އެތަން ދެއްކިއެވެ. ނަތީޖާއެއްގެ ގޮތުން ޑިފެންޑަރުން ހޯދަން މަޖުބޫރުވިއެވެ. ޓްރާންސްފާގެ އެންމެ ފަހު ދުވަހާ ހަމައަށް ލިވަޕޫލުން ޓްރާންސްފާ މާކެޓް ތެރެއަށް ވަދެ މާ ބޮޑަށް ހަރަކާތްތެރި ނުވި ނަމަވެސް އެންމެފަހު ދުވަހު އެޓީމުން ވަނީ ރަނގަޅު ޑީލްތަކެއް ހޯދައިފައެވެ.

ލިވަޕޫލުން ޓްރާންސްފާ މާކެޓްގެ ފަހު ދުވަހު ވަނީ ޒުވާން ދެ ޑިފެންޑަރުން ގެނެސްފައެވެ. އެއީ އުމުރުން 20 އަހަރުގެ ތުރުކީ ޑިފެންޑަރު އޮޒާން ކަބަކާއި، ޕްރެސްޓޮން ނޯތު އެންޑްގެ ބެން ޑޭވީސްއެވެ. ކަބަކްއަކީ ޝާލްކޭއަށް ކުޅެމުން އަންނަ ފުރަތަމަ 11 ގެ މުހިންމު ޑިފެންޑަރެކެވެ.

ކަބަކް މިސީޒަން ނިމެންދެން ކަބަކް ލިވަޕޫލާ ގުޅިފައިވާއިރު، ބެން ޑޭވީސް ގުޅިފައި ވަނީ ދިގު މުއްދަތަކަށެވެ.

ލޯން އެއްބަސްވުމެއްގެ ދަށުން ކަބަކް ލިވަޕޫލާ ގުޅުނު ނަމަވެސް ލޯން ނިމުމާއެކު ކްލަބުން ބޭނުންވާ ނަމަ 18 މިލިއަން ޕައުންޑަށް އޭނާ ގަނެވޭނެ މާއްދާއެއް އެއްބަސްވުމުގައި ވަނީ ހިމަނާފައެވެ. ސީޒަން ނިންމުމަށްފަހު ލިވަޕޫލަށް އެ ފުރުސަތު އޮތް ނަމަވެސް މިހާރު ކަބަކް ހުރީ އެއް މިލިއަން ޕައުންޑްގެ ލޯން ފީއެއްގައެވެ.

ޓްރާންސްފާތަކަށްފަހު ޔާގަން ކްލޮޕް ބުނެފައި ވަނީ ލިވަޕޫލަށް ދިމާވެފައިވާ ޑިފެންޑަރުންގެ އަނިޔާގެ މައްސަލަތަކުން އަރިގަތުމަށް މި ދެ ޓްރާންސްފާވެސް މުހިއްމުވާނެ ކަމަށެވެ. އަދި މިހާލަތުގައިވެސް ލިވަޕޫލުން ކުޅުންތެރިން ގެންގޮސްފައި ވަނީ ކޮލިޓީއަށް ބަލާފައިކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ކްލޮޕް ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *