މީގެ އަހަރުތަކެއް ކުރިން ފަށައިގެން ރާއްޖެގައި އަންނަނީ މީހުން މެރުން އާންމުވަމުންނެވެ. މިގޮތުން އެކި އުމުރުގެ މީހުން މަރާލާފައި އެއްލާފައި ވަނިކޮށް އެތައް ތަނަކުން ވަނީ ފެނިފައެވެ. ރާއްޖޭގައި މީހުން މަރާ ރޭޓް މި ދަނީ މަތިވަމުންނެވެ. ހަމައެކަނި މާރާމާރީ އާއި ގޭންގް ވަޔަލެންސްގައި މަރާލެވިފައިވާ މީހުންގެ އަދަދަށް ބެލިކަމުގައިވިޔަސް މި ކުޑަކުޑަ ބައިމަދު ގައުަމަކާއި ބަލާއިރު ބިރުން ފިއްކަނޑައިގެން ދާވަރުގެ އަދަދުތަކެއް ފެނިގެންދާނެއެވެ.
މިފަދަ ދަށުދަރަޖައަކަށް އަޅުގަނޑުމެންގެ މުޖުތަމަޢު ގޮސްފައިވާއިރު، މިކަންކަން ހުއްޓުވުމަށްޓަކައި ކޮންމެ ބަޔަކުވެސް މަސައްކަތްކުރަންޖެހެއެވެ. ޢާއްމު ރައްޔިތުންނާއި، ވެރިންނާއި، އަމަންއަމާންކަން ބެލެހެއްޓުމާ ޙަވާލުވެ ތިއްބެވި މީހުންނާއި، ޤާނޫނުތަކާއި ޤަވާޢިދުތައް ތަންފީޒްކުރަން ތިއްބެވި މީހުންނެވެ. މުޖުތަމަޢުތެރޭގައި މިފަދަ ނޭއްގާނީ ޖަރީމާތައް ފެތުރެމުންދާއިރު، ކޮންމެ މީހަކީ އެމީހެއްގެ ކުޅަދާނަކަން ލިބިގެންވާ މިންވަރެއްގެ މަތިން އެކަންކަމުގެ މަސްޢޫލިއްޔަތު އުފުލަންޖެހޭނެ މީހެކެވެ. ޤިޔާމަތްދުވަހު ﷲ ސުބުޙާނަހޫ ވަތަޢާލާގެ ދަރުބާރުގައި ޖަވާބުދާރީވާންޖެހޭނެމީހެކެވެ. އެދުވަހުން ތިމަންނައެއް ނޫނޭ އޭނައޭ، ޤާނޫނުތައް ތަންނުދެނީއޭ، އިންސާނީ ޙައްޤުތަކޭ، ނުވަތަ މިނޫންވެސް ބަހަނާތައް ދައްކައިގެން ސަލާމަތްނުވެވޭނެއެވެ. ކޮންމެ މީހަކަށްވެސް އޮތީ އެމީހެއްގެ މަސްޢޫލިއްތުތައް އެންމެ ފުރިހަމަގޮތުގައި އަދާކުރުމެވެ.
މީހުން މެރުމާއި ނުރައްކާތެރި ހަތިޔާރުން މީހުންގެ ފުރާނައަށް ގެއްލުން ދިނުން ފަދަ އަމަލުތައް ތަކުރާރުވާއިރު މިކަންކަން ހުއްޓުވުމަށްޓަކައި އެކަށީގެންވާ މަސައްކަތްތަކެއް ރާއްޖޭގައި ކުރެވޭތަނެއް ނުފެނެއެވެ. މިއިން ކޮންމެ ހާދިސާއެއް ވެސް ހިނގާ ދުވަހަކު ސަރުކާރުގެ މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލީހާއި ސިޔާސީ ފަރާތްތަކުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ވާހަކަދައްކާ އެކަމާ ގުޅިގެން ބަޔާންތައް ނެރޭތަން ފެނުނު ނަމަވެސް އެފަދަ ހާދިސާއެއް ހިނގާތާ ދުވަސްކޮޅެއްވާ ފަހުން އަނެއްކާވެސް އެ ފަރާތްތަކުގެ އަނގަ ބަންދުވެގެންދެއެވެ.
ކުުޑަހުވަދޫ އައްޔުބޭ މަރާލުމުންނާއި އަދި މާލޭގައި މުހީތު މަރާލުމުން، ޤާނޫނީ ވަކީލު ކެރެޓް ނަޖީބް، އަދި ޚާއްސަ ގޮތެއް އަދި ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލި ހާދިސާއާއި، ބްލޮގަރ ޔާމީން ރަޝީދުގެ އިތުރުން ގެއްލުވާލާފައިވާ ނޫސްވެރިޔާއާއި ރިޟްވާން، އަދި މި ފަހުގެ ތާރީޙެއް އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ވ. ރަކީދޫ މުހައްމަދު އިބްތިހާލްގެ މަރާއި ގުޅިގެން އެކި ފަރާތްތަކުން އެކަންތައް ކުށްވެރިކޮށް ވާހަކަތައް ދެއްކި ނަމަވެސް ފަހުން ވަނީ އެވާހަކަތައް ހުއްޓާލާފައެވެ. އޭގެ ފަހުން އެކަން ހުއްޓުވުމަށްޓަކައި އަމަލީގޮތުން އެއްވެސް މަސައްކަތްތަކެއް ކުރާތަނެއްވެސް ފެނިފައެއް ނުވެއެވެ. އަދި މީހަކު މަރާލުމާއެކު ބުނަމުން ގެންދިޔައީ އެކަން "އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެކަމުގައި ޝާމިލުވާ ފަރާތްތަކަށް ހައްގު އަދަބު ދޭންޖެހޭނެ" ކަމަށެވެ.
އަދި އެހެންމެ މާރާމާރީއާ މީހުން މެރުން ހުއްޓުވަން އާންމު ރައްޔިންތުންވެސް ވަރަށްބޮޑަށް ހޭލައި ލޯ ހުޅުވައިލަން ޖެހެއެވެ. ދިރިއުޅުމުގެ ވައްޓަފާޅީގައި ހިމެނޭ ބައެއް ކަންކަމަށް ބަދަލުތައް ގެންނަން އެބަޖެހެ އެވެ. ފުލުހުންނަށް އެހީވާން ޖެހެ އެވެ. ޝަރީއަތަށް އެއްބާރުލުން ދޭންޖެހެ އެވެ. ފުލުހުންގެ އިސް އޮފިޝަލުން ވިދާޅުވާގޮތުގައި މީހެއްގެ ގަޔަށް ވަޅީހަރާ މަންޒަރު ފެންނަ މީހުންވެސް އެ މައްސަލައިގައި ހެކިބަސް ދިނުމަށް އިންކާރު ކުރާތީވެ، މިކަމުގައި ރައްޔިތުން ވެސް ވަރަށް ބޮޑަށް ހޭލުންތެރިކުރަން އެބަޖެހެއެވެ.
މީހަކު މަރާލުމަކީ 3 ފަރާތެއްގެ ޙައްޤު އެކަމުގައި އޮތްކަމެކެވެ. އެއީ:
- ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙައްޤެވެ. މީހުން ޤަޞްދުގައި ޙައްޤަކާނުލައި މަރާމީހުން އެއަރައިގަންނަނީ ﷲ ޙަރާމްކުރައްވާފައިވާ ކަމަކަށެވެ. ތައުބާވުމުން ﷲ ފާފަފުއްސަވާ ދެއްވާނެތެވެ. ނަމަވެސް، އަންނަނިވި 2 ޙައްޤަކީ ތައުބާއިން ޢަފޫލިބޭނެ 2 ޙައްޤެއްނޫނެވެ.
- މަޤްތޫލު (މަރާލެވުނުމީހާ) ގެ ޙައްޤެވެ. ތައުބާވުމަކުން މިޙައްޤަށް ޢަފޫނުލިބޭނެއެވެ. ޤިޔާމަތްދުވަހުން މަރާލެވުނުމީހާ، ޤާތިލުގެ އަނިޔާއާ އެއްވަރަށް އެމީހާގެ ހެޔޮކަންތަކުން އެކަމުގެ ބަދަލު ހޯދާނެއެވެ. ނުވަތަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަޝިއްޔަތުން ޤާތިލުގެ ބަދަލުގައި މަރާލެވުނުމީހާއަށް އެކަމުގެ ބަދަލުދެއްވައިފާހުއްޓެވެ. އަދި މަރަށްމަރުހިފުމަކުން މަރާލެވުނުމީހާގެ ޙައްޤު ފިލައިނުދާނެއެވެ. އެހެނީ، މަރަށް މަރުހިފުމަކީ މަރާލެވުނުމީހާގެ ވަލިއްޔުންގެ ޙައްޤެކެވެ. މިކަމުން ކަމުގެ ނުރައްކާތެރިކަމާއި، ބިރުވެރިކަން އެނގިގެންދެއެވެ.
- މަރާލެވުނުމީހާގެ ވަލިއްޔުންގެ ޙައްޤެވެ. މިޙައްޤު ޢަފޫވާނީ ތިންކަމަކުންނެވެ. އެއީ ވަލިއްޔުން ޤާތިލަށް ޢަފޫކުރުން، ނުވަތަ މަރުގެ ދިޔަދިނުމަށް އެއްބަސްވުން، ނުވަތަ މަރަށް މަރުހިފުމެވެ. ކުރިން ދެންނެވުނު ފަދައިން މިކަންކަމުން މަރާލެވުނުމީހާގެ ޙައްޤު ޢަފޫއެއްނުވާނެއެވެ.
މިގޮތުން، ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ މަރާލެވުނުމީހާގެ ވަލިއްޔުންނަށް ބާރުތަކެއް ދެއްވާފައެވެ. ޤާތިލަށް މަރަށް މަރު ހިފުމަށް އެދުމާއި، ޢަފޫކުރުމާއި މަރުގެ ދިޔަދިނުމަށް އެއްބަސްވުމުގެ ބާރު ލިބިގެންވަނީ ވަލިއްޔުންނަށެވެ. ރަސޫލާ (ﷺ) ޙަދީޘް ކުރައްވާފައިވަނީ وَمَنْ قَتَلَ مُؤْمِنًا مُتَعَمِّدًا، دُفِعَ إِلَى أَوْلِيَاءِ الْمَقْتُولِ، فَإِنْ شَاءُوا قَتَلُوهُ، وَإِنْ شَاءُوا أَخَذُوا الدِّيَةَ﴾ މާނައީ: "އަދި މުއުމިނެއްގެ ޤަޞްދުގައި މަރައިފިމީހާގެ (ޙުކުމް) ދެވިފައިވަނީ މަރާލެވުނުމީހާގެ ވަލިއްޔުންނަށެވެ. ފަހެ، އެބައިމީހުން އެދިއްޖެނަމަ އޮތީ އެމީހާ ޤަތުލުކުރުމެވެ. އަދި އެބައިމީހުން އެދިއްޖެނަމަ އޮތީ ދިޔަ ހޯދުމެވެ."
ޤާނޫނީ ބައެއް ތަޖުރިބާކާރުން ވިދާޅުވަނީ މަރަށް މަރު ހިފުމަކީ ވެސް، ކުށް މަދުކުރުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅެއް ކަމަށާއި ކަމުގެ މުޅި ހައްލުނޫންކަމަށް ވިޔަސް އެއީ ވެސް މުހިއްމު "އޮޕްޝަނެއް" ކަމަށެވެ. މުޅި ހައްލަކަށް ވާނީ، މަރުގެ ހުކުމް ތަންފީޒު ކުރާއިރު، ހުކުމްތައް ހަރުދަނާ ވާން ޖެހުމާއި ދައުވާ ލިބޭ ފަރާތަށް ގާނޫނީ ވަކީލުން ހަމަޖެހޭނެ ފަސޭހަ ގޮތެއް އޮތުމާއި ބޮޑެތިވަމުން އަންނަ ކުދިންނަށް ދިރިއުޅެވޭނެ ރަނގަޅު މާހައުލެއް ގާއިމްކޮށްދިނުން ފަދަ ކަންތަކަށްވެސް ހައްލެއް ހޯދުމެވެ. ހަމައެކަނި މަރުގެ އަދަބު ތަންފީޒުކުރުމަކީ ހައްލު ކަމަށް ވަރަށް ފަސޭހައިން ދުލަށް އަންނައިރު، ދެން ހުރި ކަންތައްތަކަށް އަޅާނުލައި ދޫކޮށްލައިފި ނަމަ، މީހުން މެރުމުގެ ބަދަލުގައި އެހެން ކުށްތަކަށް އަރައިގަތުން ގިނަވެދާނެ ކަމަށް އިޖުތިމާއީ ތަޖުރިބާކާރުން ގަބޫލުކުރައްވަ އެވެ. އެހެން ނަމަވެސް، އެ ބޭފުޅުންވެސް ބުރަވެވަޑައިގަންނަވަނީ، އަދި ހަމައެހެންމެ ރާއްޖޭގެ ގާނޫނީ އެންމެ ވަރުގަދަ ތަޖުރިބާކާރުން ވެސް ގަބޫލުކުރައްވަނީ ރަނގަޅު ކުރަން ޖެހޭ ކަންތައްތަކަށް ސަމާލުކަން ދީގެން ނަމަވެސް މަރުގެ އަދަބަކީ ރާއްޖޭގައި މިހާރު ދޭން ވެއްޖެ އަދަބެއް ކަމަށެވެ.