Ad

މަޝްހޫރު ޑްރަގް ކާޓެލްގެ ލީޑަރު، އަލް ޗަޕޯގެ އަނބިމީހާ އެމެރިކާއިން ހައްޔަރުކޮށްފި

މަޝްހޫރު ޑްރަގް ކާޓެލްގެ ލީޑަރު، އަލް ޗަޕޯގެ އަނބިމީހާ، (ފޮޓޯގެ ރީނދޫ ހެދުމުގައި) މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި އެމެރިކާއިން ހައްޔަރުކޮށްފިއެވެ.

މެކްސިކޯގެ ކުރީގެ ރީތީގެ ރާނީ އަދި މިހާރު ޖަލުގައި ހައްޔަރުކޮށްފައިވާ އަލް ޗަޕޯގެ އަނބިމީހާ ހޯމަ ދުވަހު ހައްޔަރުކޮށްފައިވަނީ ވޮޝިންޓަނުގެ ރަށްބޭރުގައިވާ ބައިނަލްއަގުވާމީ އެއާޕޯޓެއްގައި ހުއްޓައެވެ. އޭނާ ހައްޔަރުކުރީ، އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނި ގޮތުގައި، އެމެރިކާއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި އެމެރިކާގެ އެކި ހިސާބުތަކަށް ފަތުރަމުން ގެންދާކަމުގެ ތުހުމަތުގައެވެ. އަދި އޭނާގެ ފިރިމީހާ ޖަލުން ފިލުމަށް އެހީތެރިވެދިންކަމުގެ ތުހުމަތުވެސް އެބައޮތެވެ.

އެމެރިކާގެ އިންޓެލިޖެންސާ ހަވާލާދީ ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އުމުރުން 31 އަހަރުގެ އެމާ ކޯނެލް ހައްޔަރުކުރީ، ކެނަބިސް އާއި ކޮކެއިން އަދި ހެރޮއިންގެ އިތުރުން ތަފާތު ގިނަ ބާވަތުގެ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި އެމެރިކާގައި ހިންގާކަމުގެ ކަށަވަރު ހެއްކާއެކީގައެވެ.

އެހެންނަމަވެސް އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައިވަނީ މެކްސިއޯ އާއި އެމެރިކާގެ ރައްވެހިކަންވެސް އޮންނަ ރީތީގެ ރާނީގެ މައްޗަށް އުފުލާފައިވާ ތުހުމަތުތަކަކީ މުޅިން ސާފުނުވާ ކަންތައްތަކެއް ކަމަށެވެ.

އޭނާ ހައްޔަރުކޮށްގެން ފުލުހުން ގެންދިޔައިރުވެސް ހުރީ ހިނިތުންވެފައެވެ. މޫނުމަތިން އެއްވެސް ހާސްކަމެއް، ކަންބޮޑުވުމެއް ނުފެނެއެވެ. މީޑިޔާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އުމުރުން 18 އަހަރުގައި އަލް ޕަޗޯއާ ކައިވެނިކުރިއިރު، އެމާ ކޯނެލް ގެ ބައްޕަ އަކީ ވެސް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ދުނިޔޭގެ ގައުމުތަކުން ހާއްސަ ގޮތެއްގައި ފާރަލަމުން ގެންދިޔަ ނުރައްކާތެރި ކުށްވެރިއެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *