Ad

އަނިޔާ! އަނިޔާ! އަނިޔާ!

ސިންގަޕޫރުގައި ޑޮމެސްޓިކް ސާވެންޓަކު މަރާލި އަނިޔާވެރި ހާދިސާ

ޒުވާން އުމުރުގައި ބުރަކޮށް މަސައްކަތްކޮށް ބާއްޖަވެރި ދިރިއުޅުމެއް ހޯދުމުގެ މަގުސަދުގައި މިޔަންމާގެ ޕިއަންގް ސިންގަޕޫރަށް ދިޔައީ ޑޮމެސްޓިކް ސާވަންޓެއްގެ ވަޒީފާއަށެވެ. އުމުރުން 24 އަހަރުގެ ޒުވާން އަންހެން ކުއްޖާ ސިންގަޕޫރުގައި މަސައްކަތްކުރަން ފެށުމާއެކު އޭނާގެ މުސްތަގުބަލަށް ކުރަމުން އައި ފޮނި އުންމީދުތަކަށް ހިޔަނި އެޅެންފެށިއެވެ. އޭނާގެ ސާހިބުންގެ ހައަނިޔާއާއި ބޭއިންސާފާއި ލާއިންސާނީ އަމަލުތަކުގެ ސަބަބުންނެވެ.

އޭނާ ވަޒީފާ އަށް ނުކުތް ފުރަތަމަ ދުވަހުން ފެށިގެން އެގޭގެ އަންހެން މީހާ ގެންދިޔައީ ޒުވާނާއަށް އެކި ގޮތްގޮތުން އަނިޔާ އަނިޔާކުރަމުންނެވެ؛ ކުނިކަހާ ފިހިގަނޑުން ހަމަލާދެއެވެ. ހޫނު އިސްތިރި ގައިގެ އެތަންމިތަނުގައި ޖައްސާ ފިއްސާލައެވެ. ނިދާ އެނދަށް ފެންއަޅާ ފޯކޮށްލުމަށްފަހު އެތަނުގައި ނިދަން މަޖުބޫރުކުރުވައެވެ.

މުސްތަގުބަލަށް ކުރަހާލި އުފާވެރި މަންޒަރު ލޯމަތިން ފަނޑުވަމުން، ފުސްވަމުން، ގެއްލެމުން ދާއިރުވެސް، ހިތްވަރު ދޫނުކޮށް ވަޒީފާގައި ދެމިހުއްޓެވެ. ބަނޑުފުރާ އެންމެ ދުވަހަކުވެސް ކާކަށް ނުލިބެއެވެ. ރޭގަނޑު ނިދަން ލިބެނީ މަދު ވަގުތުކޮޅެކެވެ. އެހެންނަމަވެސް ގޭ މީހުންގެ އަނިޔާގެ ސަބަބުން ހަށިގަނޑުގައި އަޅާ ވޭނުގެ ސަބަބުން ނިދުމުން މަހްރޫމުވި ދޭތައް ދިޔައީ ގިނަވަމުންނެވެ. ވޭނީ ކަރުނައިން ބާލީސް ތެމި ފޯވާ ރޭތައް ވެސް މަދެއް ނޫނެވެ.

ވަޒީފާގައި ފަސްވަނަ މަހެވެ. އެއް ދުވަހަކު އޭނާ ގޭގެ މަސައްކަތުގައި ޝާމިލުވެ އުޅެނިކޮށް ގޭގެ ވެރިން އޭނާއަށް އަނިޔާކުރަން ފެށިއެވެ. އަންހެން މީހާ ހަތަރެސްފައިން އެކުއްޖާއަށް ހަމަލާދޭން ފެށުމުން، ފިރިމީހާވެސް ބައިވެރިއެވެ؛ ހޭވެރިކަން ނެތެންދެން ދެމަފިރިންވެގެން ތެޅިއެވެ. ހަމަ އެއްވެސް ސަބަބަކާނުލައެވެ. ފަހުން އެމީހުން ތިބީ އަނިޔާކުރަން ދެވި ހިފާފައެވެ. ކޮންމެ ދުވަހަކު އެތައް ގަޑިއިރެއް ވަންދެން އެކުއްޖާއަށް އެކި ކަހަލަ އަނިޔާތައް ކުރެއެވެ.

އަނިޔާގެ ޑައިރީއަށް އަހަރުވީއެވެ. މިއަދު މިލިޔަކީ ހިތްވަރު ގަދަ އެކުއްޖާގެ މަރުގެ ވާހަކައެކެވެ. ގޭގެ ބޮޑުންގެ އަނިޔާއާއި ކާން ނުދީ ގެންގުޅުމުގެ ސަބަބުން އެކުއްޖާ މަރުވިއިރު އޮތީ ހިކި އަނަރޫފަވެފައެވެ. ވަޒީފާއަށް ދިޔައިރު ހުރި ބަރުދަން 33 އިންސައްތަ ލުއިވެފައެވެ. މުޅި ހަށިގަނޑު އޮތީ ނޫފާގެންފައެވެ. ދުޅަވެ، ރަތްވެފައި ހުރި ތަންތަނުގެ ވާހަކަ ނުދައްކަމާ ހެއްޔެވެ؟ މިއީ އަނިޔާވެރި މަރެކެވެ. އިބުރަތުން ފުރިގެންވާ އަސަރު ގަދަ ވާހަކަ އެކެވެ. އެ ދުވަހު ހެނދުނު ސާވަންޓަށް ކުރަން ފެށި އަނިޔާ ހުއްޓާލީ އޭނާގެ ފުރާނަ ހަށިގަނޑާ ވަކިވުމުންނެވެ؛ އަނގަޔާއި ނޭފަތުން ލޭއަންނަނީއެވެ. ކުރިމަތީ ފަރާތުން ފޭބި ލޭ އޮތީ ސިޓިން ރޫމުގައި ކޯރު ހެދިފައެވެ. ދެލޯ އޮތީ ދުޅަޥޭ، ބޭރަށް ނުކުމެފައެވެ. އިސްތަށިގަނޑު ބުރިކޮށްލާފައެވެ. ދެ އަތްތިލައާއި ފައިގެ ބޮޑު ބައި ވަނީ އިސްތިރި ޖައްސާ ފިއްސާލާފައެވެ.

ސިންގަޕޫރުގެ ފުލުހުން މައްސަލަ ތަހުގީގުކޮށް އާންމުކޮށްފައިވާ ބަޔާންތަކުގައިވާ ގޮތުގައި މިއީ ފަހުގެ ތާރީޚުގައި ސިންގަޕޫރުގައި މިހާ އަނިޔާވެރި ގޮތަކަށް ޑޮމެސްޓިކް ސާވެންޓަކު މަރާލި ފުރަތަމަ ފަހަރެވެ. ސިންގަޕޫރުގައި ވަޒީފާ އަދާކުރާ ތިން ލައްކައެއްހާ ސާވެންޓުންނަށް އެމީހުންގެ ސާހިބުން އަނިޔާކުރާ ވާހަކައަކީ އާ ވާހަކަތަކެއް ނޫނެވެ. ފުލުހުން ބުނީ ޑޮމެސްޓިކް ސާވަންޓުންނަށް އަނިޔާކުރުމުގެ ސަގާފަތަށް ނިމުމެއް ނެތްކަން މި ޒުވާން މަރުން ސާބިތުވެއްޖެ ކަމަށާއި މިއީ އިންސާނިއްޔަތަށް ކުރި މަލާމާތެއް ކަމަށެވެ.

މައްސަލަ އޮތީ ސިންގަޕޫރު ކޯޓުގައެވެ. ތިން މީހެއްގެ މައްޗަށް ވަނީ މަރަށް މަރު ހިފުމަށް އޮތީ ހުށަހަޅާފައެވެ. ލަސްތަކެއް ނުވެ އެމީހުންގެ މައްޗަށް އުމުރަށް ޖަލަށްލުމަށް ނުވަތަ މަރަށް މަރު ހިފުމަށް ހުކުމް އިއްވާނެއެވެ. އަނިޔާވެރިމަރާމެދު އެންމެން ވެސް ކޯޓުގައި އިއުތިރާފު ވެފައިވާތީއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *