ޔޫރޮޕާ ލީގުގެ ގަދަ 16 އިން އާސެނަލް ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ގަދަ 16 އިން އާސެނަލް ޖާގަ ހޯދީ ފަހުވަގުތު އެންރިކް އައުބަމަޔަން ޖެހި ލަނޑުންނެވެ. ގްރީސްގަ ކުޅުނު މެޗު އާސެނަލްއިން ކާމިޔާބުކުރީ ޕޯޗުގަލްގެ ބެންފީކާއާ ވާދަކޮށް 3-2 ލަނޑުންނެވެ. އާސެނަލްގެ އައުބަމަޔަން ލަނޑެއްޖަހާ ކުރި ހޯދާފަވަނިކޮށް ފުރަތަމަ ހާފް ނިމުމުގެކުރިން ބެންފީކާއިން ވަނީ ނަތީޖާ ހަމަހަމަ ކޮއްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ ޑިއޭގޯ ގޮންކަލްވޭސްއެވެ. މެޗުގެ ދެވަނަ ހާފް ރަފާ ސިލްވާ ބެންފީކާއަށް ލީޑް ނަގައިދީ އުންމީދު އާކޮށްދިން އިރު އާސެނަލްއިން ހަމަހަމަކުރީ ކެއިރެން ޓައިނޭގެ ލަނޑުންނެވެ.
މެޗުގެ 87 ވަނަ މިނިޓުގައި އާސެނަލް މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ އައުބަމަޔަންއެވެ. މުބާރާތުގެ ގަދަ ސޯޅައިން އާސެނަލް ޖާގަކަށަވަރު ކުރީ 4-3 ލަނޑުގެ އެގްރިގޭޓަކުންނެވެ.