ވެރިކަމުގައި އޮތީ ގުޅިފައިވާ އިއްތިހާދެއްގެ ވަޢުދުތަކާއެކު ރައްޔިތުން އިންތިހާބުކުރި ސަރުކާރެކެވެ. ވެރިކަމަށް ހުވާ ކުރެވޭ ހިސާބަށް ދެވުނީ، އަދުލުވެރި ޝަރުއީ ނިޒާމެއް ހޯދައިދީ ކޮރަޕްޝަނަށް ހުޅުވި ދޮރުތައް ބަންދުކޮށް، އަނިޔާވެރިކަން ނައްތާލުން ފަދަ މުހިއްމު ގިނަ ވައުދުތަކެއް ރައްޔިތުންނަށް ވިއްކުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.
ހަގީގަތް ގަބޫލުކުރަމާ ހެއްޔެވެ؟ އިއްތިހާދުގެ ވެރިކަމަށް ދެ އަހަރު ވެގެން ދިޔައިރުވެސް، ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތަށް އެކަށީގެންވާ ކާމިޔާބެއް، ހައްލެއް ނުލިބެއެވެ. އެންމެ މިސާލެކެވެ؛ ކޮވިޑްގެ ހާލަތުގައި ސަރުކާރުން ގެންނަން ބޭނުންވި ވެންޓުލޭޓަރު ތަކަކަށް ފައިސާ ދެއްކުމުގަ އާއި ސަޕްލައިކުރާނެ ފަރާތެއް ހޮވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަ ކަންތައްތަކެއް ހިމެނޭ ކަމަށް އޮޑިޓަ ޖެނެރަލާއި އޭސީސީން ފާހަގަކޮށް، އެމައްސަލާގައި ހިމެނޭ މީހުންނަށް ދައުވާ ކޮށްދިނުމަށް ޕްރޮސިކިއުޓަ ޖެނެރަލަށް ހުށަހެޅުމުން، ކުއްލި ނިއުސް ކޮންފެރެންސެއް ބާއްވަވާ ޕްރޮސެކިއުޓަ ޖެނެރަލު ވިދާޅުވީ "ދައުވާ ކުރެވެން ނެތް" ކަމަށެވެ. މިކަމުން ރައްޔިތުންނަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. އަދި ވެންޓިލޭޓަރު ގަތުމުގެ މުޢާމަލާތުގައި ދައުލަތުގެ ބައެއް އިސްވެރިންނަށް މަންފާ ލިބުނު ކަމަށް، ވާދަވެރި ސިޔާސީ ފަރާތްތަކުން ތަކުރާރުކޮށް ކުރަމުން ގެންދިޔަ ތުހުމަތުތަކަށް ބާރު ލިބިގެންދިޔަ އެވެ.
"…ސަރުކާރުގެ ނުފޫޒެއް އެއްވެސް ފަރާތަކަށް، މުވައްސަސާއަކަށްވެސް ނެތް"ކަމަށް ސަރުކާރުގެ ތަރުޖަމާނު ވިދާޅުވުން ފިޔަވާ މިކަން ރައްޔިތުންނަށް ގަބޫލުކުރެވޭ ފަދަ ހުއްޖަތެއް، ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަނުގެ މައްސަލާގައި ނުދެއްކުނެވެ.
އޭސީސީއާއި ބައެއް ސީނިއަ ގާނޫނީ ވަކީލުން ދެކޭ ގޮތުގައި ވެންޓިލޭޓަރުގެ މައްސަލާގައި، "ޕީޖީން ބޭނުންވި ނަމަ" ދައުވާ ކުރެވޭނެއެވެ. އެކަމަށް ބޭނުންވަނީ ހެޔޮ ނިޔަތާއި ތެދުވެރިކަމާއެކު ނަތީޖާ ނެރުމަށް މަސައްކަތްކުރުމުގެ އަހުލާގެވެ.
"މިކަހަލަ މައްސަލަތަކުގައި ޕީޖީން ދައުވާ އުފުލާފައި އެބަހުރި ކުރިން ވެސް. އަޅުގަނޑުމެން ދެކެނީ މިމައްސަލާގައި (ވެންޓިލޭޓަރުތަކުގެ މައްސަލަ) ވެސް ދައުވާ ކުރެވޭނެ ކަމަށް. އެކަމަށް އަޅުގަނޑުމެން މި ޗެލެންޖްކުރަނީ،"އޭސީސީގެ ރައީސާ ވިދާޅުވިއެވެ.
ކޮރަޕްޝަނުގެ މައްސަލަތަކުގައި ފަހަތު ފަޔަށް ބުރަވުމުގެ އަމަލުތައް މުވައްސަސާތަކުގެ އަމަލުތަކުން ފެނެއެވެ. އޭސީސީން އެތައް ސަތޭކަ މައްސަލައެއް ތަހުގީގުކޮށް ނިންމިއިރު ދައުވާކުރުމާ ހަމައަށް ގެންދެވުނީ ދެ އަދަދުން ގުނާލެވުނު މަދު މައްސަލަތަކެކެވެ. އަދި އޭގެ ތެރެއިން ޕީޖީން ދައުވާ އުފުލާފައިވަނީ ދެތިން މައްސަލައެއްގައެވެ.
އޭސީސީން ވިދާޅުވާ ގޮތުގައި ޕީޖީއަށް ދައުވާކުރަން ފޮނުވާ މައްސަލަތައް އަނބުރާ ފޮނުވާލުމަކީ އާންމު ކަމަކެވެ. ކީއްވެ ހެއްޔެވެ؟ މިއީ ދެބައި މީހުން ގުޅިގެން ރަނގަޅުކޮށްގެން މެނުވީ ހެޔޮ ނަތީޖާއަށް ވާސިލުނުވެވޭނެ ކަމެކެވެ.
"ޖީޕީ އޮފީހުގެ ޕްރޮސެކިއުޓަރުންނާ ގުޅިގެން، އެމީހުންގެ ލަފާގެ މަތިން ނިންމައި ދައުވާކުރަން ފޮނުވާ މައްސަލަތަކުގައިވެސް ދައުވާ ނުކޮށް އަނބުރާ ފޮނުވާލާފައި އެބަހުރި،" އޭސީސީގެ ރައީސް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވިއެވެ.
މިއީ އެއްބަޔަކު އަނެއް ބަޔަކަށް ތުހުމަތުގެ އިނގިލި ދިއްކޮށް ޒިންމާއިން ރެކެވޭ ވަރަށްވުރެ މާ ސީރިއަސް މައްސަލައެކެވެ. ޖީޕީ އޮފީހުން ވަރަށް ކުދިކުދި އަދި ތަހުގީގު ފުރިހަމަނުވާ އެތައް މައްސަލައެއްގައި ދައުވާ އުފުލާއިރު، މިވެރިކަމުގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަނާ ގުޅޭ މައްސަލަ އޮއްބާލުމުގައި ޕީޖީގެ ނިންމެވުންތައް ބޮޑު ދައުރެއް އަދާކުރިއެވެ.
މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީގެ ރައީސް މުހައްމަދު ނަޝީދު ދާދި ފަހުން ވިދާޅުވީ ޕީޖީ އާއި އޭސީސީގެ ރައީސް އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ. އަދި ސަރުކާރުން ވައްކަމުގައި ބައިވެރިވިކަމުގެ ތުހުމަތާއެކު ސަރުކާރުން އެކަމަށް ހަރުކަށި ރައްދު ވަނީ ދެއްވާފައެވެ. އެހެންނަމަވެސް ނަޝީދުގެ ތުހުމަތުތަކާ ގުޅިފައިވާ އިއްތިފާގުތަކުން ސަރުކާރަށް ބަރީއައެއް އަދިވެސް ނުވެވެއެވެ.
ކުރީ ސަރުކާރުން ކޮރަޕްޝަނަށް ހުޅުވި ދޮރުތައް މި ސަރުކާރަށް ބަންދެއް ނުކުރެވުނެވެ؛ ސަރުކާރުގެ އެންމެ ބޮޑު ރިޔާސީ ވަޢުދު ފުއްދިދާނެ ކަމާމެދު އުފެދޭ ސުވާލުތައް ދަނީ ފުނިޖެހެމުންނެވެ.