Ad

އިންތިޚާބާޖެހި ވަރުގަދަ ކޮވިޑްވެސް ބަލިވެއްޖެ!

ކޮވިޑް-19 އަކީ ފަހުގެ ތާރީހެއްގައި ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ބަލިމަޑުކަމެވެ. މިބަލީގައި މުޅި ދުނިޔެ ހުއްޓުނު ފަދައެވެ. ޤައުމުތައް ފުރަބަންދުކޮށް ބަލިން ރައްކާތެރިވުމަށް ހަރުދަނާ ހަރުކަށި ފިޔަވަޅުތައް އެޅިއެވެ. ބަލި ކޮންޓްރޯލްވާ މިންވަރު ބެލުމަށްފަހު ބައެއް ޤައުމުތަކުން ލުއިތައް ދިން ނަމަވެސް ބަލީގެ ހާލަތައް ބަލާ ފިޔަވަޅުތައް ހަރުކަށި ކުރެއެވެ. މިގޮތުން އެތައް ފަހަރަކު ބައެއް ޤައުމުތައް ފުރަބަންދުވެސް ކުރިއެވެ. ކޮންމެއަކަސް ކޮވިޑަކީ ދުނިޔެއަށް ކުރިމަތިވި އެންމެ ނުރައްކާ ބަލިތަކުގެ ތެރޭގައި ހިމެނޭ ބައްޔެކެވެ. މި ބައްޔަކީ ފަސޭހައިން ފެތުރޭ ބައްޔެކެވެ. މިބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކުން ބަލީގެ ނުރައްކާ ވަރަށް ސާފެވެ. މި ބަލި ފެތުރެން ފެށިފަހުން އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު މި ބަލީގައި އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކު ދަނީ މި ދުނިޔެ ދޫކުރަމުންނެވެ. އަދި ކޮންމެ ދުވަހަކު އެތައް ލައްކަ މީހުންނަން ކޮންމެ ދުވަހު ދަނީ މި ބަލި ޖެހެމުންނެވެ. ގިނަ ޤައުމުތަކުއި މިހާރުވެސް ދަނީ ކާފިއު ހިންގަމުންނެވެ. މި ބަވާގެ ސަބަބުން ދުނިޔޭގެ ބޮޑެތި ވިޔަފާރިތައް ހުއްޓި، ޤައުމުތަކުގެ އިޤްތިޞާދު ހުއްޓި، ދުނިޔޭގެ ދަތުރުފަތުރު ހުއްޓި މި ބަލީގެ ކުރިމަތީގައި މުޅި ދުނިޔެ ކުޑަކަކޫ ޖެހިއެވެ.

ދުނިޔެއަށް މި ބަލި ފެތުރެން ފެށުމާއެކު ރާއްޖެއިން ވެސް ދުރާލާ ފިޔަވަޅުތައް އަޅަންފެށިއެވެ. މި ބައްޔަކީ ފަސޭހައިން ފެތުރޭ ބައްޔަކަށް ވުމާއެކު މިބަލި ރާއްޖެ އަންނާކަމަށް ދެކި، ކޮވިޑް ފެސިލިޓީތައް ހަދާ ދުރާލާ ތައްޔާރުވިއެވެ. ބަލި ފުރަތަމަ ފެނުނީ ރާއްޖެއިން ފުރި ފަތުރުވެރިއެއްގެ ގައިންނެވެ. އެއާއެކު ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރިއެވެ. އޭގެ ދުވަސްކޮޅެއް ފަހުން މާލެއިން މީހަކު މި ބައްޔަށް ޕޮޒިޓިވް ވުމާއެކު ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރިއެވެ. ޤައުމު ފުރަބަންދު ކުރިއެވެ. ކާފިއު އިއުލާންކުރިއެވެ. ޒަރޫރީ ބޭނުމެއްގައިވެސް ބޭރަށް ނިކުމެނީ ޚާއްޞަ ހުއްދައެއްގެ ދަށުން ކުޑަ ވަގުތު ކޮޅަކަށެވެ. މާލެއަށް އަރާފޭބުން މަނާ ކުރިއެވެ. މިދިޔަ ރައްޟާން މަހު މާލޭގައި ދިވެހިން ތިބީ މާލޭ ބަންދުގެ އިތުރުން ގޭބަންދުވެގެންނެވެ. ގިނަ ބައެއްގެ ވަޒީފާ ގެއްލި އާމްދަނީ ލިބޭނެ ދޮރުތައް ބަންދުވިއެވެ.

މާލޭގައި އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު މިބަލި ކޮންމެވެސް ވަރަކަށް ކޮންޓްރޯލްވިއެވެ. މިއާއެކު ބައެއް ލުއިތައް ދިނެވެ. މާލެއިން ރަށްރަށަށް ދެވޭގޮތް ހެދިއެވެ. މިގޮތަށް މާލެއިން ރަށްރަށަށްދާ މީހުން 14 ދުވަސް ވާންދެން ކަރަންޓީން ވާން ޖެހެއެވެ. އެމީހުންނަށް ގެއިން ބޭރަށް ނިކުމެވޭނީ 14 ދުވަސް ފަހުން ހަދާ ޓެސްޓް ނެގެޓިވް ވުމުންނެވެ. މިގޮތަށް ރައްރަށުގައި ކަރަންޓީންގައި ތިބި ބައެއް ފަރާތްތައް ޕޮޒިޓިވްވެސް ވިއެވެ. އޭގެ ދުވަސްކޮޅެއް ފަހުން ރަސްމީ ބޭނުމަށް ޚާއްޞަ ހުއްދައެއްގެ ދަށުން މާލެއިން ރައްރަށަށް ދެވޭގޮތް ހެދިއެވެ. ޚާއްޞަ ހުއްދައިގެ ދަށުން ރަށްރަށަށް ދިޔަ ބައެއް މީހުން ކޮވިޑަށް ޕޮޒިޓިވްވެ އެރަށްރަށަށް ކޮވިޑް ފެތުރުނެވެ. ޚާއްޞަ ހުއްދައިގެ ދަށުން މާލެއިން ރަށްރަށަށް ދިޔަ ގިނަ މީހުންނަކީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް އެކި ނަންނަމުގައި ދިޔަ މީހުން ނެވެ.

އިންތިހާބު ގާތްވަމުން އައިރު ކެމްޕެއިން ފޯރި ގަދަވިއެވެ. ކޮވިޑް ކޮންޓްރޯލް ކުރަން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ބެލުމެއް ނެތެވެ. 5 މީހުންނަށްވުރެ ގިނައިން އެއްވުން މަނާކަމުގައި ވީނަމަވެސް އެއްވުން ތަކާއި ހަފްލާތައްވެސް ބާއްވަނީއެވެ. މުޒާހަރާވެސް ކުރަނީއެވެ. ޕާޓީތަކާއި ހަފްލާތައްވެސް ބާއްވަނީއެވެ. މިކަމުގައި އެެޗްޕީއޭއިންވެސް ބައިވެރިވާ ކަހަލައެވެ. އިންތިހާބަށް ކެމްޕޭނަން މާލެއިން ރަށްރަށަށް ކަރަންޓީން ވާން ނުޖެހޭ ގޮތަށް ޤަވާއިދު ބަދަލުކުރިއެވެ. ކޮވިޑްގެ ނުރައްކާ އެޗްޕީއޭއިން ހަނދާން ނެތުނު ފަދައެވެ. މިބަލީގެ ނުރައްކާ އެތައްބަޔަކު އެޗްޕީއޭގެ ސަމާލުކަމަށް ގެނައުމުން އަނެއްކާވެސް އެ ޤަވާއިދު އުވާލާ ކަރަންޓީން ވާން ޖެހޭގޮތަށް އުސޫލު ބަދަލުކުރިއެވެ.

ލޯކަލް ކައުންސުލް އިންތީހާބަށް 2 ރައީސުން ރަސްދޫއަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ

ލޯކަލް ކައުންސިލް އިންތިހާބުގެ ފޯރި ގަދަވެ ޕާޓީތަކާއި ހަފްލާތަކާއި، ޖަލްސާތައް ހުއްޓުމެއްނެތި ބާއްވަން ފެށިއެވެ. ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެންމެ ތަންކޮޅެއްވެސް މަދެއް ނޫނެވެ. ބަލި ކޮންޓްރޯލެއް ނުވެއެވެ. ނަމަވެސް ވޯޓާ ދިމާކޮށް ހުރިހާ މުވައްސަސާއަކާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކޮވިޑް މަތިން ހަނދާން ނެތިއްޖެއެވެ. ވޯޓު ލުމަށްޓަކައި މާލެއިން ރަށްރަށަށް ދެވޭގޮތަށް އުސޫލު ބަދަލުކުރިއެވެ. ކަރަންޓީންގައި ތިބޭ މީހުންނަށް ވޯޓު ފޮށިކައިރިއަށް ގޮސް ވޯޓް ލެވޭގޮތް ހަދައިފިއެވެ. އަދި ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނަށްވެސް ވޯޓު ފޮށި ކައިރިއަށް ގޮސް ވޯޓު ލެވޭގޮތަށް ހުއްދަ ދީފިއެވެ. އެހެންކަމުން އިންތިހާބާ ޖެހި ކޮވިޑް-19 ހަމަ ރަނގަޅަށްވެސް ބަލިވެެއްޖެއެވެ. ވޯޓަށްފަހު ނިކުންނާނެ ނަތީޖާއަކަށް ކުޑަކޮށްވެސް ވިސްނާ ނުލާ ކަހަލައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *