Ad
ރައީސް ނަޝީދަށް ހަމަލާދިން ސަރަހައްދު
ރައީސް ނަޝީދަށް ހަމަލާދިން ސަރަހައްދު

ރައީސް ނަޝީދަށް އަމާޒުވި ހަމަލާ: އެތައް ކަމެއް ފެއިލްވެފައިވާކަމުގެ ހެއްކެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ރޭ އަމާޒުވި ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ. ހާލުކޮޅު ސީރިއަސްއެވެ. ފަރުވާ ދެމުން ގެންދަނީ އޭޑީކޭ ހޮސްޕިޓަލުގެ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ)ގައެވެ. މި ހަމަލާގައި އެމަނިކުފާނުގެ އިތުރުން ހަތަރު މީހަކަށް އެކި ވަރުގެ ޒަހަމްތައް ލިބިގެން ހޮސްޕިޓަލުން ފަރުވާ ދީފައިވެއެވެ.

ހާދިސާ ހިނގީ ރޭގެ 8:20 ހާއިރުއެވެ. ފުލުހުންގެ ކޮމާންޑް ސެންޓަރަށް ހާދިސާގެ ހަބަރު ރިޕޯޓުކޮށްފައިވަނީ އޭގެ ދިހަ މިނިޓު ފަހުން ގާތްގަނޑަކަށް 8:30 ހާއިރުއެވެ. އެހާ ހިސާބަށް ވެސް އެ ހާދިސާއާ ގުޅޭ އިންޓެލިޖެންސް ނުވަތަ ސިއްރު މަޢުލޫމާތު ދިވެހި ފުލުހުންނަށް ލިބިފައިނުވާކަން ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވަނީ އާންމުކޮށް އިޢުލާންކުރައްވާފައެވެ.

އާންމުންގެ ހިތުގައި ސުވާލުތައް ފުނިޖެހުނު އެންމެ ބޮޑު މައްސަލައަކީ މިއީއެވެ. މިފަދަ ނުރައްކާތެރި ހަމަލާއެއް ރާވައި، އަދި ރާއްޖޭގެ ޤާނޫނު ހަދާ ބާރުގެ އެންމެ މަތީ ވެރިޔާއަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް އެހާ ފަސޭހައިން އެ ދެވުނީ ކީއްވެގެންހެއްޔެވެ؟ ފުލުހުންގެ ކިބައިން މި ސުވާލަށް އެކަށީގެންވާ ޖަވާބެއް މިއަދުގެ ނޫސް ކޮންފަރެންސްގައި ލިބިފައެއް ނުވެއެވެ.

އެމަނިކުފާނުގެ ސަލާމަތީ ކަންކަމާ ޤާނޫނީ ގޮތުން މަތިކޮށްފައިވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ކަމަށްވެފައި، އެމަނިކުފާނަށް ހުރި ނުރައްކާތަކާއި ތުރެޓްތައް ދިރާސާކޮށް ސަލާމަތީކަންކަން ވަރުގަދަކުރުމަކީ އެ މުވައްސަސާގެ ޒިންމާއެކެވެ. އަދި އެނުރައްކާ ނައްތާލުމަކީވެސް އެމުވައްސަސާ އިސްވެ އޮވެ ކުރުން ލާޒިމް ކަމެކެވެ. އެކަމަކު މިފަހަރު މި އެނގެނީ އެ މުވައްސަސާގެ އިންޓެލިޖެންސް ވެސް ފޫވެއްޓިފައި އޮތް ކަމެވެ. ޚާއްސަކޮށް ހާދިސާއަށް 24 ގަޑިއިރު ވެގެން ދާއިރުވެސް، އެމުވައްސަސާގެ ރަސްމީ ބަހެއް މިކަމުގައި ރައްޔިތުންނާ ހަމައަށް ގެނެސްދީފައި ނުވުމަކީވެސް ސުވާލު އުފެދޭ ކަމެކެވެ.

ރައީސް ނަޝީދަށް ހަމަލާދިން ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ

ރައީސް ނަޝީދުގެ ކުރިން އެތައް ފަހަރަކު އެމަނިކުފާނަށް ނުރައްކާ އެބައޮތް ކަމާއި ހަމަލާއެއް އަމާޒުވުމުގެ ފުރުސަތު ބޮޑު ކަމަށް އާންމުކޮށް ވިދާޅުވެފައި އެބައޮތެވެ. އެފަދަ ކޮންމެ ފަހަރަކުވެސް ދިވެހި ސަލާމަތީ ބާރުތަކުން ބުނެފައި ވަނީ އެމަނިކުފާނު އެވިދާޅުވާ ފަދަ ނުރައްކަލެއް ނެތް ކަމަށެވެ. އެންމެ ފަހުން އެމަނިކުފާނުގެ ފައިތިލަ ކައިރިން އެ ގޮއްވާލީ ބޮމެކެވެ. އެމަނިކުފާނުގެ ފުރާނަފުޅު ނުރައްކަލުގެ ތެރެއަށް އެ ވައްޓާލީއެވެ. އާންމު ތަނެއްގައެވެ. ކުރިއާލައި ރާވައިގެންނެވެ. އެކަކަށްވުރެ ގިނަ މީހުން ޝާމިލުވެގެންނެވެ. ގުޅިގެންނެވެ.

މިހާ ހިސާބުން އަދި އުފެދެނީ މާނުރައްކާތެރި ނުތަނަވަސްކަމެކެވެ. މިކަމުގައި ސިޔާސީ ގޮތުން މަތީ ފަންތީގެ ރޭވުމެއް އޮވެދާނެ ހެއްޔެވެ؟ އެ ސުވާލު އުފަންވަނީ ގައުމީ ދިފާއީ ބާރުގެ އިންޓެލިޖެންސް ފޫއަޅުވާލައި، އާންމު މަގެއްގައި ބޮމުގެ ހަމަލާއެއް ދީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޒަހަމްކޮށްލާފައިވާތީއެވެ. މިއީ ގައުމެއްގެ ހައިސިއްޔަތުން ވަރަށް ނާޒުކު މައްސަލައެކެވެ.

ހާދިސާއަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ ފުރަތަމަ ޓްވީޓް ފާހަގަވީ މިފަދަ ހާދިސާއަކަށް ބަލާއިރު، ވަރަށް ފިނި ގޮތަކަށެވެ. އަދި ރައީސް ނަޝީދު ފޯކަސްއިން ގެއްލުވާލައި، ރާއްޖޭގެ ޑިމޮކްރަސީއާއި އިގްތިސާދަށް އަމާޒުވި ހަމަލާއެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އެމަނިކުފާނުގެ ޓްވީޓުގައިވެސް އަދި ޤައުމާ މުހާތަބުކޮށް ވާހަކަ ދެއްކެވި އިރުވެސް، ފޯކަސް ކުރެވިފައި ވަނީ ވަކި ގޯޅިއެއްގައި ނުވަތަ މަގެއްގައި އެއްޗެއް ގޮވި ގޮވުމުގެ މައްޗަށެވެ. ހާދިސާ ހިނގި ހިސާބުންވެސް ވަކި ކަމެއް ކަށަވަރު ވެފައި ވާއިރުވެސް އެކަމަށް ސްޓްރެސް ކުރެއްވުނުލެއް ކުޑަކަން ސިޔާސީ ވިސްނުމަކުން ވިސްނާއިރު ފާހަގަކުރެވުނެވެ. އެއީ ރައީސް ނަޝީދުއަށް ހަމަލާ އަމާޒުވިކަމުގެ ހަގީގަތެވެ. މިއީ ފަހަރުގައި އެމަނިކުފާނުގެ ޕީއާރު ޓީމުގެ އަތްދަށުން ގޮސްފައިވާ ކަންކަމަށް ވެސް ވުން އެކަށީގެންވެއެވެ. ނުވަތަ ޤައުމުގެ ހާލަތު އިތުރަށް ގޯސް ވެދާނެ ކަމަށްޓަކައި ލުއި އެޕްރޯޗެއް ގެންގުޅުއްވީ ކަމަށްވެސް ވެދާނެއެވެ. އެކަމަކު މިސުވާލުތައް ސިކުނޑީގައި މިހާރުވެސް އެބަ އެނބުރެއެވެ.

ހާދިސާގެ ޚަބަރާއެކު އެމްޑީޕީގެ އިސް ބޭފުޅުން އަވަސްވެ ގަތީ ތަހުގީގުގައި ބޭރުގެ ތަޖުރިބާކާރުން ބައިވެރިކުރުމަށް ބާރުއެޅުމަށެވެ. ކީއްވެ ހެއްޔެވެ؟ ތުހުމަތުތައް ބައިވަރެވެ. ކްރައިމް ސީން ހަލާކުކޮށްލަފާނެ ކަމުގެ ތުހުމަތެވެ. ދިވެހި ސަލާމަތީ ބާރުތަކަށް އެ ހާދިސާ އިންސާފުވެރިކަމާއި މިނިވަންކަމާއެކު ނަތީޖާ ނެރެވޭނެ ފަދަ ގޮތަކަށް ތަހުގީގު ނުހިންގިދާނެ ކަމުގެ ތުހުމަތެވެ. ތަހުގީގުގެ އިތުބާރު ބޮޑުކުރުމުގެ ގޮތުން ބޭރުގެ ތަޖުރިބާކާރުން ތަހުގީގުގައި ބައިވެރިކުރުމަށް ސަރުކާރުން މިހާރުވަނީ ނިންމާފައެވެ.

ޕޮލިސް ކަމިޝަނަރު ހަމީދު ވިދާޅުވި ފަދައިން މިހާދިސާއިން އެއްކަމެއް އެބަ ކަށަވަރުވެއެވެ. ރަނގަޅު ކުރަންޖެހޭ ކަންކަން ގިނަވެފައި، ބައްދަން ޖެހޭ ބާގަނޑުތައް ގިނަކަމެވެ. އަދި އިތުރުކޮށްލާނަމެވެ. ސަލާމަތީ ބާރުތަކުގެ ޕްރޮފެޝަނަލިޒަމް، ސިޔާސީ ސަބަބުތަކަށްޓަކައި ގުރުބާންވަމުންދާތަން އެބަ ފެނެއެވެ. ފިޔަވަޅުތައް ހަރުދަނާކޮށް ރަނގަޅުކުރާށެވެ. ގައުމާއި ރައްޔިތުންގެ ހެވާއި ލާބައަށްޓަކައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *