Ad

ސްޕެނިޝް ލަލީގާ: އެތުލެޓިކޯ އާއި ބާސެލޯނާ އެއްވަރުވެ ރެއާލަށް ލީގު ކާމިޔާބު ކުރުމުގެ އަމިއްލަ ބާރު ލިބިއްޖެ

ސްޕެނިޝް ލީގުގައި 1 ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި 2 ވަނައިގައި އޮތް ބާސެލޯނާ ކުޅުނު މެޗު އެއްވަރުވުމުން ލީގުގެ ތިން ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލީގުގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު ލިބިއްޖެ އެވެ. މި މެޗް ނިމުނީ ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

ބާސެލޯނާ ދަނޑުގައި ކުޅުނު މެޗުގައި ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ގިނަ ހަމަލާތައް ފެނުނީ އެތުލެޓިކޯ މެޑްރިޑްގެ ފަރާތުންނެވެ. އެތުލެޓިކޯގެ ފޯވާޑް ލުއިސް ސުއަރޭޒް ޖެހި ބޯޅަތައް ބާސެލޯނާގެ ކީޕަރު ޓާ ސްޓެގެން ވަނީ ހުށިޔާރު ކަމާއެކު މަތަކޮށްފަ އެވެ. މިއީ ބާސެލޯނާ ދޫކޮށް އެތުލެޓިކޯއާ ގުޅުނު ފަހުން ބާސެލޯނާ ދަނޑުގައި ސުއަރޭޒް ކުޅުނު ފުރަތަމަ މެޗެވެ. ލީގުގައި މި ދެޓީމު ފުރަތަމަ ކުޅުނު މެޗްގައި ސުއަރޭޒަށް ނުކުޅެވުނީ މެޗްގެ ކުރިން އޭނާ ކޮވިޑަށް ޕޮޒިޓިވް ވުމުގެ ސަބަބުން ނެވެ.

ލަލީގާގެ ތާވަލްގެ އެއް ވަނައިގައި އެތުލެޓިކޯ މި ވަގުތު އޮތީ 35 މެޗުން 77 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އަށް 35 މެޗުން ވަނީ 75 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި މި ވަގުތު ރެއާލް އޮތީ 34 މެޗުން 74 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް ސެވިއްޔާ އަށް 34 މެޗުން ވަނީ 70 ޕޮއިންޓް ލިބިފަ އެވެ. ލީގުގައި މިރޭ ރިއާލް ބައްދަލުކުރާނީ ސެވިއްޔާއާއެވެ. މި މެޗުން މޮޅުވެގެން ރެއާލަށް އެއް ވަނަ އަށް އެރޭނީ އެތުލެޓިކޯއާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް ހެޑް ޓު ހެޑް ގަވާއިދުން ކުރި ލިބޭނެތީ އެވެ. އެހެންކަމުން ލީގުގައި ބާކީ އޮތް ތިން މެޗުން މޮޅުވެގެން ރެއާލަށް ލީގު ތަށި ދިފާއުކުރެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. އެތުލެޓިކޯ މެޑްރިޑް ބާކީ ހުރިހާ މެޗްތަކުން މޮޅުވީމަ ލިބެނީ ތާވަލްގެ 3 ވަނަތަ؟ ނޫނީ 2 ވަނަތަ؟ ތީ އަޖާއިބެއް!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *