Ad

ޖެހިޖެހިގެން 9 ވަނަ ފަހަރު ޖަރުމަން ލީގުގެ ޗެމްޕިއަންކަން ބަޔާން މިއުނިކުން ހޯދައިފި

ޖަރުމަނު ލީގުގައި މިރޭ ދެ ވަނައިގައި އޮތް އާރްބީ ލައިޕްޒިގު ކުޅުނު މެޗުން 3-2 އިން ބޮރޫޝިއާ ޑޯޓްމަންޑް އަތުން ބަލިވުމާ އެކު އެއް ވަނައިގައި އޮތް ބަޔާން މިއުނިކަށް ލީގު ޗެމްޕިއަންކަން ކަށަވަރުވެއްޖެ އެވެ. މިއީ ބަޔާނުން ލީގު ޗެމްޕިއަންކަން ޖެހިޖެހިގެން ހޯދި 9 ވަނަ ފަހަރެވެ.

ބަޔާނުން މިރޭ އަމިއްލަ ދަނޑުގައި ބޮރޫޝިއާ މުންޗެންގްލަޑްބެކާ ދެކޮޅަށް ނުކުތުމުގެ ކުރިން އެ ޓީމަށް ލީގު ޗެމްޕިއަންކަން ލިބިފައި އޮތްއިރު، އެ ޓީމުން ވަނީ މުންޗެންގްލަޑްބެކް އަތުން 6-0ގެ ބޮޑު ތަފާތަކުން މޮޅުވެފަ އެވެ.

ބަޔާނުން މުންޗެންގްލަޑްބެކް ކޮޅަށް ޖެހި ހަ ގޯލުގެ ތެރެއިން ތިން ގޯލު ކާމިޔާބުކޮށް ރޮބަޓް ލެވަންޑޯސްކީ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. ބަޔާނުގެ އަނެއް ތިން ގޯލު ޖެހީ ތޯމަސް މުލާ އާއި ކިންގްސްލީ ކޯމަން އަދި ލެރޯއި ސާނޭ އެވެ.

ބަޔާންގެ ކޯޗުކަމާ މި ސީޒަން ނިމުމުން ދެ ވަނައިގައި އޮތް ލައިޕްޒިގުގެ ކޯޗު ހޫލިއަން ނާގަލްސްމަން ހަވާލުވާން ވަނީ ނިންމައިފަ އެވެ. ޒުވާން ކޯޗު ނާގަލްސްމަން ބަޔާނާ އެކު ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރާނެ އެވެ. ބަޔާން ކޯޗަކަށް މި ވަގުތު ހުރި ހަންސީ ފްލިކް އެ ޓީމު ދޫކޮށްލުމަށް ފަހު ހަވާލުވާނީ ޖަރުމަނު ގައުމީ ޓީމާ އެވެ. ޔޫރޯ އަށް ފަހު ޖަރުމަނު ގައުމީ ޓީމުގެ ކޯޗަކަށް މިހާރު ހުރި ޔަކީމް ލޯ މަގާމުން ވަކިވާނެ އެވެ.

ބާކީ ދެ މެޗު އޮއްވައި ބަޔާނުން ލީގު ކަށަވަރުކުރީ 32 މެޗުން 74 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލައިޕްޒިގަށް ވަނީ 32 މެޗުން 64 ޕޮއިންޓް ލިބިފަ އެވެ. ޑޯޓްމަންޑް ވަނީ މި މޮޅާ އެކު ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިގަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *