Ad

އިންގްލިޝް ޕްރިމިއާ ލީގު: ލިވަޕޫލް މޮޅުވުމުން ގަދަ ހަތަރެއްގެ ފޯރި ގަދަވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަން އަތުން 2-0 އިން މޮޅުވެ ލިވަޕޫލުން ގަދަ ހަތަރެއްގެ އުއްމީދު އާ ކޮށްފި އެވެ.

މެޗުގައި ލިވަޕޫލްގެ ފަރާތުން މޮޅު އެޓޭކިން ފުޓްބޯޅައެއް ފެނިގެން ދިޔައެވެ. ފުރަތަމަ މިނިޓުން ފެށިގެން ލިވަޕޫލުން ދިޔައީ ސައުތެމްޓަނަށް ޕްރެޝަރު ކުރަމުންނެވެ. އެ ގޮތުން ލިވަޕޫލްގެ މުހައްމަދު ސަލާހާއި ޑިއޯގޯ ޖޮޓާ ޖެހި ބޯޅަތަކެއް ސައުތެމްޓަން ކީޕަރު ފޮސްޓާ ވަނީ މަތަކޮށްފަ އެވެ. މެޗުގެ 31 ވަނަ މިނިޓްގައި ސަލާހު ނަގައިދިން ރީތި ހުރަހަކުން ލިވަޕޫލަށް ފުރަތަމަ ގޯލް ޖަހައިދިނީ ސަޑިއޯ މާނޭއެވެ. މެޗުގެ އިތުރު ވަގުުތުގައި ލިވަޕޫލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު ޖެހީ ސްޕެއިނުގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ އެވެ. މިއީ ލިވަޕޫލާ ގުޅުނު ފަހުން ތިއާގޯ ޖެހި ފުރަތަމަ ގޯލެވެ.

ދެ ވަަނަ ހާފްގައި ލިވަޕޫލަށް ލީޑުފުޅާކުރަން ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފި ދިޔައިރު ސައުތެމްޓަނުން ނަތީޖާ ހަމަހަމަކުރަން ނުރައްކާތެރި ހަމަލާތަކެއް އުފެއްދި އެވެ. އަދި ކައުންޓަރ އެޓޭކުގައި ސައުތެމްޓަނުން ނުރައްކާތެރި ހަމަލާތައް ފޮނުވާލިއެވެ. މިމެޗްގައި ސައުތެމްޓަނުން ފޮނުވާލި ނުރައްކާތެރި 6 ހަމަލާއެއް ލިވަޕޫލްގެ ގޯލުގައި މިރޭ މޮޅު ކުޅުމެއް ދެއްކި އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ.

މި މެޗުން ލިބުނު މޮޅާއެކު ލިވަޕޫލް ވަނީ ހަ ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމަށް 34 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް ވަނީ 34 މެޗުން 58 ޕޮއިންޓް ލިބިފަ އެވެ. ހަތަރު ވަަނައިގައި އޮތް ލެސްޓާ ސިޓީ އަށް 35 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީ މެންޗެސްޓާ ސިޓީ ބަލިކޮށް ތިން ވަނައަށް އެރީ 35 މެޗުން 64 ޕޮއިންޓާ އެކު އެވެ.

ގަދަ ހަތަރެއްގެ ތެރޭގައި މި ފަހަރު ލީގު ނިންމަން ބޭނުންނަމަ ބާކީ އޮތް ހަތަރު މެޗުން ލިވަޕޫލް މޮޅުވާން ޖެހެ އެވެ. އެ ޓީމަށް ދެން އޮތް މެޗުތަކަކީ ރަށުންބޭރުގައި މެންޗެސްޓާ ޔުނައިޓެޑާއި ބާންލީ އަދި ވެސްޓް ބްރޮމްއާ ކުޅޭ މެޗުގެ އިތުރުން ލީގުގެ ފަހު މެޗްގައި އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްއާ ބައްދަލުކުރާ މެޗެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ގަދަ ހަތަރެއްގައި ނިންމާލުމަކީ ނުވާނެ ކަމެއް ކަމަށް ނުދެކޭ ކަމަށާއި އެކަމަކު އަމިއްލަ ބާރެއް ނެތުމުން އެކަން ކުރަން އޮތް މަގަކީ ކުޅެން ހުރި މެޗުތަކުން މޮޅުވުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *