އެމްއެމްޕީއާރުސީން ގެއްލުނު ފައިސާ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުޤީޤުކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓު ރައްޔިތުންގެ މަޖިލީހުން އާންމުކުރުމާ ގުޅިގެން އެ ރިޕޯޓަށް އެތައް ގޮތަކުން މިވަނީ ފާޑުކިޔުން އަމާޒުވެފައެވެ. އެމްއެމްޕީއާރުސީގެ ފައިސާއިން މަންފާ ލިބުނު ފަރާތްތަށް ކަމަށްބުނެ އާންމުކޮށްފައިވާ ލިސްޓުގައި 281 މީހެއްގެ ނަން ހިމެނެއެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ހިމެނޭހެން އެކުލަވާލާފައިވާ ޖޮއިންޓް ކޮމިޓީން ދިރާސާ ކުރުމަށްފަހު ކޮމިޝަނުން މަޖިލީހާ ހިއްސާކުރި ލިސްޓު ވަނީ އިއްޔެގެ ވަގުތެއްގައި އާންމުކޮށްފައެވެ.
މި ލިސްޓު އާންމު ކުރުމާއެކު ލިސްޓުގެ ސައްޚަ ކަމާ މެދު އެތައް ބަޔަކު ގެންދަނީ ސުވާލު އުފައްދަވަމުންނެވެ. ލިސްޓުގައި ނަން ނެތް ބައެއް ސިޔާސީ ބޭފުޅުން ވެސް ގެންދަވަނީ ކޮމިޝަންގެ ތަހުގީގާ މެދު ސުވާލު އުފައްދަވަމުންނެވެ. އެސެޓް ރިކަވަރީ ކޮމިޝަންގެ ތަހުޤީޤަށް ދެ އަހަރާއި ބައި ވެގެން އައިއިރު ވެސް ތަހުގީގުގެ ބޮޑު ބައެއް ފުރިހަމަ ނުވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ ލިސްޓުގައި ހިމެނޭ ގިނަ މީހުންނާ ސުވާލެއް ކޮއްލާފައިވެސް ނެތުމެވެ. އަދި ލިސްޓުގައި ނަން އޮތް ކަން އޭގެ ތެރެއިން ގިނަ މީހުންނަށް އިނގުނީ ލިސްޓް އާންމު ކުރުމުން ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ. ސުވާލަކީ މިހާ ގިނަ ދުވަސްވި އިރު ލިސްޓުގައި ނަން އޮތް މީހުންނާ މިކަމާ ބެހޭ ގޮތުން ސުވާލެއް ނުކުރެވުނީ ކީއްވެ ހެއްުޔެވެ. އަދި މީހުންގެ ފޮޓޯއާއި ޒާތީ ހުރިހާ މަޢުލޫމާތަކާއެކު މިފަދަ ލިސްޓެއް އާންމުކުރާއިރު ލިސްޓުގައި ހިމެނޭ މީހުންނަށް އެކަން ނޭންގި އޮތުމަކީ ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމެކެވެ.
މި ލިސްޓު އާންމުކުރުމަށް އަޑުހަރުކޮށް ގޮވަމުންދިޔަ ބައެއް ފަރާތްތަކުގެ ނަންވެސް ވަނީ މި ލިސްޓަށް އަރާފައެވެ. ނަމަވެސް ލިސްޓު އާންމުވުމުން އެފަރާތްތަކުންވެސް ވަނީ ކޮމިޝަންގެ ރިޕޯޓާމެދު ސުވާލު އުފައްދާ ތަޚުޤީޤީ ކޮމިޝަން ފެއިލްވެފައިވާކަމަށް ބުނަމުންނެވެ. ލިސްޓު އާންމު ވުމާއެކު އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވަނީ އިސްތިއުފާ ދެއްވާފައެވެ. ސަބަބެއް ކަމަށް އެބޭފުޅާ ވިދާޅުވެފައިވަނީ މިފަދަ ތުހުމަތެއް ކުރެވުމުން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ގަދަރާ އިއްޒަތް ހިފެހެއްޓުމުގެ ގޮތުން ކަމަށެވެ. އަދި ތަހުޒީބީ މުޖުތަމައުތަކުން ކަންކުރަނީ އެއުސޫލުން ކަމަށް ވާތީއެވެ.
ކޮންމެއަކަސް އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ބައިވެރިވިކަމަށް ސާބިތުވެ ތިން ފަރާތަކަށް ވަނީ ހުކުމް ކޮށްފައެވެ. އެއީ ކުރީގެ ރައީސް ޔާމީނާއި ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޒިޔަތެވެ. މި މައްސަލައިގައި ރައީސް ޔާމީންގެ ވެރިކަމުގެ ފަހު ދެއަހަރު އަހުމަދު އަދީބާއި ޒިޔަތު ހޭދަކުރެއްވީ ޖަލުގައެވެ. ނަމަވެސް މި ސަރުކާރު ބަދަލުވި ފަހުން މި ދެބޭފުޅުންގެ ސިއްޚީ ހާލަތަށް ރިއާޔަތްކޮށް ވަނީ ގޭބަންދަން ބަދަލުކޮށްފައެވެ. އަދި މިސަރުކާރުގައި ރައީސް ޔާމީންވެސް އަހަރަކަށް ވުރެ ގިނަ ދުވަހު ޖަލުގައި ހޭދަކުރެއްވުމަށްފަހު މިހާރު ވަނީ ގެޔަށް ބަދަލުކޮށްފައެވެ. ނަމަވެސް މި ތިން ބޭފުޅުންނާ ހަމައައިން އެމްއެމްޕީއާރުސީގެ ހިޔާނާތް ނުނިމޭނެކަން ޔަޤީނެވެ. މިފައިސާއިން މަންފާވި އެތައް ބަޔަކު އުޅޭނެކަން ކަށަވަރެވެ. އެހެންކަމުން ރަނގަޅު ތަހުޤީޤެއް ކުރުމަކީ މުހިންމު ކަމެކެވެ. ނޫނީ އެތައް ބައެއްގެ އަބުރު ގެއްލުމުގެ ފުރުޞަތު އެބައޮތެވެ.