މެޗްގެ ފަހު ސިކުންތުކޮޅުގައި ވެސްޓްބްރޯމް ކޮޅަށް ލިވަޕޫލްގެ ކީޕަރު އެލިސަން ގޯލްޖަހާ ލިވަޕޫލް މޮޅުކޮއްދީފިއެވެ.
ގަދަ ހަތަރަކަށް އަރަން ކުރާ މަސައްކަތުގައި މޮޅުވުން މަޖުބޫރު މި މެޗުން ލިވަޕޫލް މޮޅުވީ 2-1 ލަނޑުންނެވެ. ވެސްޓް ބްރޮމް ދަނޑުގައި ކުޅުނު މެޗުގައި ލީޑުނެގީ ވެސްޓް ބްރޮމްއިންނެވެ. މެޗުގެ 10 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ވޭލްސްގެ ފޯވާޑް ހަލް ރޮބްސަން ކާނޫ އެވެ. މެޗްގެ ނަތީޖާ ހަމަހަމަވީ 33 ވަނަ މިނިޓްގައި މުހައްމަދު ސަލާހު ޖެހި ގޯލުންނެވެ. މުޅި މެޗް ކޮންޓްރޯލްކޮށް ގިނަ ހަމަލާތައް އުފެއްދީ ލިވަޕޫލުންނެވެ. ނަމަވެސް މެޗްގެ 90 މިނެޓް ހަމަވިއިރުވެސް އެޓީމަށް މޮޅުވެވޭ ގޮތެއް ނުވިއެވެ.
މެޗްގެ ނަތީޖާ ލިވަޕޫލް ކޮޅަށް އަނބުރާލީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 4 މިނެޓްގެ ތެރެއިން އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ބްރެޒިލްގެ ކީޕަރު އެލިސަން ބެކާއެވެ. ޑިފެންޑަރު އާނޯލްޑު ނަގައިދިން ކޯނަރު އެލިސަން ވަނީ ބޮލުން ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ. މިއީ ލިވަޕޫލްގެ ދިގު ތާރީހުގައި އެ ޓީމުގެ ގޯލްކީޕަރަކު ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. އަދި ޕްރިމިއާ ލީގު ތާރީހުގައި ވިނިންގ ގޯލެއް ކީޕަރަކު ޖެހި ފުރަތަމަ ފަހަރެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ގަދަ ހަތަރެއްގައި ނިންމާލަން އެ ޓީމުން ކުރާ މަސައްކަތުގައި މިއީ ވަރަށް ހާއްސަ ތިން ޕޮއިންޓަށް ވާނެ ކަމަށާއި މި މޮޅު ހާއްސަވާ އެންމެ ބޮޑު ސަބަބަކީ އެލިސަންގެ ފަރާތުން އެ ފެނުނު އާދަޔާ ހިލާފު ގޯލު ކަމަށެވެ.
މި މޮޅާ އެކު ލިވަޕޫލް ވަނީ ގަދަ ހަތަރަކާ ޕޮއިންޓަކަށް ގާތަށް ޖެހިލައިފަ އެވެ. ލިވަޕޫލް ފަސް ވަނައިގައި އޮތީ 36 މެޗުން 63 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި ޗެލްސީ އޮތީ 36 މެޗުން 64 ޕޮއިންޓް ހޯދައިގެންނެވެ. ލެސްޓާ ސިޓީ ތިން ވަނައިގައި އޮތީ 36 މެޗުން 66 ޕޮއިންޓާ އެކު އެވެ. އަންގާރަ ދުވަހުގެރޭ ޗެލްސީ ދަނޑުގައި ބައްދަލުކުރާނީ ލެސްޓާއާ އެވެ. ލީގުގައި ބާކީ ކޮންމެ ޓީމަކަށްވެސް ދެން އޮތީ ދެ މެޗެވެ.