Ad

ޔޫރޯ 2020: ފްރާންސް

ތަޢާރަފް / ކާމިޔާބު

ދުނިޔޭގެ ޗެމްޕިއަން ފްރާންސަކީ ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ މަތީ ފަންތީގެ ޓީމެކެވެ. ފުޓުބޯޅައިގާ ތަފާތު މޮޅު ކުޅުމެއް އަބަދުވެސް ކުޅޭ ޓީމެކެވެ. މިފަހަރު ޔޫރޯގެ "ޓޮޕް ފޭވަރިޓް" ގޮތުގައި އެންމެންވެސް ދެކޭ ޓީމެވެ. ފީފާ ރޭންކިންގ ދުނިޔޭގެ 2 ވަނަ އެވެ. ފްރާންސް ވަނީ ދުނިޔޭގެ ޗެމްޕިއަންކަން 2 ފަހަރު ހޯދާފައެވެ. ޔޫރަޕްގެ ޗެމްޕިއަންކަން 2 ފަހަރު އަދި ފީފާ ކޮންފެޑެރޭޝަންސް ކަޕްގެ ޗެމްޕިއަންކަންވެސް ފްރާންސްވަނީ 2 ފަހަރު ހޯދާފައެވެ. ފްރާންސްގެ ފުޓުބޯޅަ ލީގަކީ ދުނިޔޭގެ ގަދަ 5 ލީގު ތެރޭގައި ހިމެނޭ ލީގެކެވެ.

މުހިންމު ކުޅުންތެރިން:

މިފަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތަށް ފްރާންސުން އިޢުލާނުކުރި ޓީމަކީ ދުނިޔޭގެ ނިސްބަތުން މިވަގުތު ތިބި އެންމެ މޮޅެތި ކުޅުންތެރިން ހިމެނޭ ޓީމެކެވެ. ފްރާންސްގެ ގިނަ ކުޅުންތެރިންނަކީ ޤައުމުން ބޭރު ބޮޑެތި ފުޓުބޯޅަ ލީގުތަކުގައި ކުޅޭ ކުޅުންތެރިންނެވެ. ފްރާންސްގައި މިވަގުތުހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިއަކީ ގޯލް ކީޕަރ ހޫގޯ ލޮރިސް އެވެ. 2008 ވަނަ އަހަރުން ފެށިގެން ހޫގޯ ލޮރިސް އަކީ ފްރާންސްގެ 1 ވަނަ ގޯލް ކީޕަރެވެ. ކަރިމް ބެންޒެމާ އަކީ، ދުނިޔޭގައި މިވަގުތުހުރި އެންމެ އިތުބާރުހުރި ފޯވާޑެވެ. ރެއާލް މެޑްރިޑް ބެންޒެމާ ދައްކާ ހުނަރުވެރިކަން ދެއްކޭ ފޯވަޑެއް ދުނިޔޭގައި މިވަގުތަކު ނެތެވެ. ގްރިޒްމަން އަދި ޕޮގްބާއަކީ 2018 ވަނަ އަހަރު ވޯލްޑްކަޕް ހޯދުމުގައި ފްރާންސްގައި އެންމެ މުހިންމު ރޯލެއް ކުޅުނު 2 ކުޅުންތެރިންނެވެ. މެދުތެރެއިން އެންމެ ވަރުގަދައަށް ކުޅޭ ކުޅުންތެރިއަކީ ޗެލްސީގެ ކާންޓޭއެވެ. ފަހަތުގައި ތިބި ލޫކަސް ހެނާންޑޭޒް އަދި ޕަވާޑަކީ، ޖަރުމަނުގެ ބަޔާން މިޔުނިކުގެ ވިންގު ބެކެވެ. މުޅި ސީޒަން ދެކުޅުންތެރިން ނިންމާލިއިރު، ކޮމްބިނޭޝަން ރަނގަޅުކަން ފާހަގަވެއެވެ. ވަރާން އަދި ކިމްޕެމްބޭ އަކީ ސެންޓަރ ބެކަށް ކުޅޭ ދެކުޅުންތެރިންނެވެ. އެމްބާޕޭ، ކޯމަން އަދި ޑެމްބެލޭގެ ހުނަރުވެރިކަމާމެދު ޝައްކުކުރާނެ މީހަކު ނުހުންނާނެއެވެ. ދުވެލިބާރު، ނިންމުން އެހާމެ ރަނގަޅު މި 3 ކުޅުންތެރިންނަށް ފޫއަޅުވާނުލެވޭނެވަރުގެ ގޯލެއް ދުނިޔޭގައި ނެތެވެ.

ކޯޗް:

ފްރާންސްގެ ކޯޗަކީ ފްރާންސަށް އުފަން ޑިޑިއަ ޑެޝޯމްޕްސްއެވެ. ޑިޝޯމްޕްސްއަކީ ފްރާންސްގެ "ގޯލްޑަން ބޯއީ" އެވެ. ފްރާންސަށް ވޯލްޑްކަޕެއް ހޯދައިދިން ފުރަތަމަ ކެޕްޓަނެވެ. 2000 ވަނަ އަހަރު ޔޫރޯ ފްރާންސަށް ހޯދައިދިނުމަށްފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައި، ކޯޗިން ކެރިއަރ ފެއްޓި ޑިޝޯމްޕްސްގެ 21 އަހަރުވީ ކޯޗިންގ ކެރއަރގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވެއެވެ. 1991 ވަނަ އަހަރު ފްރާންސްގެ މާސޭ ޔޫރަޕިއަން ޗެމްޕިއަންސް ލީގު ނެގިއިރު އެޓީމުގެ ކަޕްޓަނަކީވެސް ޑިޝޯމްޕްސްއެވެ. މިއާއެކު ޑިޝޯމްޕްއަކީ ޗެމްޕިއަންސް ލީގު ހޯދި އެންމެ ޒުވާން ކެޕްޓަނެވެ. ފްރާންސްގެ ކޯޗުކަމާއި ޑިޝޯމްޕްސް ހަވާލުވީ، 2012 ވަނަ އަހަރުގެ ޔޫރޯއަށްފަހު ކޯޗު ލައުރެންޓް ބްލޮންކް އިސްތިއުފާ ދިނުމާއެކުއެވެ. ފްރާންސް ޓީމު ތެރޭގައި ޖެހުނު ބޮޑެތި މައްސަލަތަށް ޙައްލުކޮށް، މުޅި ޓީމު ބެލެންސްކޮށް، ދުނިޔޭގެ ޗެމްޕިއަންކަން 2018 ވަނަ އަހަރު ކޯޗެއްގެ ގޮތުގައި ފްރާންސަށް ހޯދައިދިނެވެ.

ތާރީޚް:

ދުނިޔޭގެ ފުޓުބޯޅައާއި ފްރާންސް އާއި އޮތީ ގުޅިލާމެހިފައެވެ. އޭރުވެސް އަދި މިހާރުވެސް ފްރާންސަކީ ދުނިޔޭގެ އެންމެ ބޮޑު އެއްބާރެވެ. ފްރާންސްގެ ފުޓުބޯޅަ ސިސްޓަމުން ތަމްރީނު ލިބިގަނެ، އެތަކެއް ހުނަރުވެރި ކުޅުންތެރިންދަނީ ދުނިޔޭގެ ބޮޑެތި ލީގުތަކުގައި ކުޅެމުންނެވެ. ފްރާންސްގެ މިޝެއިލް ޕްލެޓިނީ، ޑޭވިޑް ޖިނޯލާ، ކެންޓޮނާ، ތިއެރީ ހެންރީ އަދި އެފަދަ ދެވަނަ އެއް ނެތް ޒައިނުއްދީން ޒިދާނަކީ ދުނިޔޭގެ ފުޓުބޯޅައިގެ ރަސްކަލުންގެ ލަޤަބު ލިބިފައިވާ ކުޅުންތެރިންނެވެ. ޚާއްޞަކޮށް، ޒިދާނަކީ މުޅި ދުނިޔޭގެ ފުޓުބޯޅައިގައި ތަފާތު ހުނަރުވެރިކަމެއް ދައްކުވައިދިން ކުޅުންތެރިއެކެވެ. ޒިދާނުގެ ކެރިއަރުގައި ޒިދާނު އާއި ވާދަކުރެވޭ އެއްވެސް ކުޅުންތެރިއަކު ދުނިޔޭގައި ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ފްރާންސްގެ ޖޯޒީގައި ޒިދާން ކުޅެދިން އެއްވެސް މެޗަކު ދުނިޔޭގެ ޗެމްޕިއަނަކަށްވެސް އަދި ދުނިޔޭގެ ފުޓުބޯޅައިގެ ގަދަ އެއްވެސް ބާރަކަށް ފްރާންސް ބަލިކުރެވިފައިނެތެވެ. މިއީ، އަދިވެސް ދުނިޔޭގެ ރެކޯޑެވެ.

ޢުއްމީދު:

ފްރާންސްގެ ރައްޔިތުންނާއި ފްރާންސްގެ ސަޕޯޓަރުންގެ ޢުއްމީދަކީ މިފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމެވެ. އެނޫން އިތުރު އެހެންކަމެއް މިހާރުގެ ފްރާންސްގެ ޓީމުގެ ފަރާތުން އެއްވެސް ސަޕޯޓަރަކު ޢުއްމީދެއްނުކުރާނެއެވެ. ފްރާންސްގެ މިހާރު އޮތީ ބެލެންސް ޓީމެކެވެ. ހުރިހާ ޑިޕާޓްމެންޓެއް ހަމަހަމައަކަށްކުޅޭ ހުނަރުވެރި ކުޅުންތެރިން ހިމެނޭ ޓީމެކެވެ. އެކުޅުންތެރިން މުބާރާތަށް އެދަނީ ކޮންމެވެސް ލީގެއްގެ ޗެމްޕިއަން ޓެގް އަޅުވައިގެންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *