އިނގިރޭސި ޕްރިމިއާ ލީގުގެ ފަހު މެޗްގައި ކްރިސްޓަލް ޕެލަސްގެ މައްޗަށް 2 ލަނޑު 0 ލަނޑުން ކުރި ހޯދާ ތާވަލްގެ 3 ވަނައިގައި ލިވަޕޫލުން ލީގު ނިންމާލައިފިއެވެ.
ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ކްރިސްޓަލް ޕެލަސްގެ ކޮޅަށް ދެ ގޯލު ވެސް ޖެހީ ސަޑިއޯ މާނޭ އެވެ. މި މެޗަކީ ކްރިސްޓަލް ޕެލަސްގެ ތަޖުރިބާކާރު ކޯޗު ރޯއީ ހޮޖްސަންގެ ކޯޗިން ހަޔާތުގެ ފަހު މެޗެވެ. ހޮޖްސަން ވަނީ ލިވަޕޫލާއި ފުލަމް އަދި ވެސްޓް ބްރޮމް އަށް ޕްރިމިއާ ލީގުގައި ކޯޗުކޮށްދީފަ އެވެ.
ލީގު ޗެމްޕިއަންކަން ހޯދި މެންޗެސްޓާ ސިޓީ އަށް 86 ޕޮއިންޓް ލިބުނުއިރު، ދެ ވަނަ އަށް ދިޔަ މެންޗެސްޓާ ޔުނައިޓެޑަށް ލިބުނީ 74 ޕޮއިންޓެވެ. ލިވަޕޫލް ތިން ވަނަ ހޯދީ 69 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި ޗެލްސީ އޮތީ 67 ޕޮއިންޓް ހޯދައިގެންނެވެ. ފަސް ވަަނަ އަށް ދިޔައީ ލެސްޓާ އެވެ. އެ ޓީމަށް 66 ޕޮއިންޓް ލިބުނުއިރު، ހަ ވަަނަ އަށް ގޮސް ޔޫރޮޕާ ލީގުގެ ފަހު ޖާގަ ހޯދީ ވެސްޓް ހޭމް ޔުނައިޓެޑުންނެވެ. ވެސްޓް ހޭމް އަށް ވަނީ 65 ޕޮއިންޓް ލިބިފަ އެވެ.
މިއީ ސީޒަނުގެ ފަހު ދުވަހުގައި ލެސްޓާ އަށް ގަދަ ހަތަރެއް ގެއްލުނު ދެ ވަނަ ފަަހަރެވެ. މިދިޔަ ސީޒަނުގައި ފަހު މެޗުގައި ޔުނައިޓެޑް އަތުން ބަލިވެ ޗެމްޕިއަންސް ލީގުގެ ޖާގަ ގެއްލުނުއިރު މި ފަހަރު ޓޮޓެންހަމް އަތުން ބަލިވުމުގެ ސަބަބުން ޗެމްޕިއަންސް ލީގު ކުޅުމަށް ދެކެމުން އައި ހުވަފެން ގެއްލުނީއެވެ. ލެސްޓާ އަންނަ ސީޒަނުގައި ކުޅޭނީ ޔޫރޮޕާ ލީގުގަ އެވެ.
62 ޕޮއިންޓާއެކު ޓޮޓެންހަމް އިން ލީގު ނިންމާލީ ހަތް ވަނައިގަ އެވެ. އަންނަ ސީޒަނުގައި ޔުއެފާ އިން ފަށާ ތިން ވަނަ ފަންތީގެ މުބާރާތް ޔުއެފާ ކޮންފަރެންސް ލީގުން ފުރުސަތު ލިބުނީ ޓޮޓެންހަމް އަށެވެ. އަށް ވަނައިގައި ނިންމާލީ މިރޭ 2-0 އިން ބްރައިޓަން ބަލިކުރި އާސެނަލް އެވެ. މިއީ 1996 ވަނަ އަހަރަށް ފަހު އާސެނަލް ޔޫރަޕްގެ މުބާރާތަކަށް ކޮލިފައިނުވި ފުރަތަމަ ފަހަރެވެ.