ޚާއްސަ އެހީއަށް ބޭނުންވާ މިސްކާ މުޙައްމަދު 10، ގެ ކުއްލި މަރާއެކު މުޅި ގައުމަށް ސިހުން ލިބުނެވެ. އެތައް ބަޔަކު ހިތުގައި ޖެހުނެވެ. އެ ފުރާނައަށް ހަމްދަރުދީ އާއި ލޯބި އޮހެމުންދިޔައެވެ. ހަމައެއާއެކު ދައުލަތުގެ ސިއްޚީ ނިޒާމަށާއި ސިއްހީ ދާއިރާގެ ވެރިންނަށް، ރައްޔިތުންގެ ނުރުހުމާއި ނަފްރަތާއި ރުޅިވެރިކަން އިންތިހާއަށް އަމާޒުވިއެވެ. މިއީ ކޮވިޑް-19 ގެ ކަންކަން ބެލެހެއްޓުމަށް ގާއިމްކޮށްފައިވާ ގައުމީ މަރުކަޒީ ސެންޓަރުގެ އިންތިޒާމުތައް ފޫވެއްޓި ރައްޔިތުންނަށް އިންތިހާއަށް ދަތިތަކާ އުނދަގޫތައް ކުރިމަތިވަމުންދާތީ ކެނޑިނޭޅި ކުރަމުން ދިޔަ ޝަކުވާތަކަށް އެކަށީގެންވާ ހައްލު ނުލިބި އުޅެނިކޮށް، މައުސޫމު އަންހެން ކުއްޖަކު، އެ ސެންޓަރުގެ ބޮޑު އިހްމާލުން މަރުވެ ދިއުމުގެ ސަބަބުންނެވެ. މިއީ ދުވަހަކުވެސް ފޫނުބެއްދޭނެ ވަރުގެ ފަރުވާކުޑަ އަމަލެކެވެ. އެކަން ކުރި ބަޔަކަށް ހަރުކަށި އަބަދު ލިބުމުގެ އިތުރުން ސިއްޚީ ނިޒާމަށާއި އެދާއިރާގެ ސިޔާސީ ހިންގުންތެރިން ބަދަލުކޮށް، މުޅިން އާ އަޒުމަކާއި އާ ހިތްވަރަކާއި އާ ވިސްނުންތަކަކާއެކު މަސައްކަތްތައް ތަރުތީބުކުރަންވީ ވަގުތު މިއޮތީ އަރާ ހަމަކޮށްފައެވެ. ސަރުކާރަށް ބަދަލު ގެންނަން ކެރޭނެ ހެއްޔެވެ؟
ބައެއް މީހުންގެ ތަޖުރިބާ
ކޮވިޑް ޖެހިގެން ގޭގައި ފަރުވާ ހޯދަން ޖެހިފައިވާ މީހުން މިހާރު ގެންދަނީ ފާޅުގައި އެމީހުންގެ ހާލަތު ކިޔައިދެމުންނެވެ. ދަރުބާރު ގޭގައި ހުންނަ ސެންޓަރަށް ގުޅުމުން، ބައެއް ފަހަރު ހަރުކަށިކޮށް ވާހަކަ ދެއްކުމާއި ނޭވާލާން އުނދަގޫވާ މީހުން އަމިއްލައަށް ގުޅާ ވޭނީ ގޮތަކަށް އެކަން ބުނުމުން "ތިޔައީ ތި ބަލީގެ ގޮތޭ" ބުނެ، ހިތަށް ތަދުކަން ދެއެވެ. އަދި ބައެއް މީހުންގެ ހާލު ދެރަވެގެން ޑޮކްޓަރަށް ގެންދަން ހެނދުނު އަންނާނެ ކަމަށް އެންގި އެމްބިއުލާންސް މެންދުރު ފަސްވެ، ހަވީރު ވެގެންދާއިރުވެސް ހަބަރެއް ނުވެ ދެއެވެ. ސީދާ ހޮސްޕިޓަލްތަކަށް ގުޅުމުން ކޮވިޑް ޕޭޝަންޓުން ސިއްޚީ އެހީ ލިބޭނެ ހިސާބަކަށް އުފުލައިދޭން ދެކޮޅު ހަދައެވެ. ހެލްތުގެ ހުއްދަ ނެތީމަޔޯލައެވެ. ކިހާ ދެރަ ކަމެއް ހެއްޔެވެ؟
ކޮރަޕްޝަނާއި ފަސާދަ
ރާއްޖެއަށް ކޮވިޑް-19 އައުމާއެކު ސަރުކާރުން ވަކި ޓާސްކް ފޯހެއް ހަދައި، ކަމާގުޅޭ ހުރިހާ ދާއިރާއެއް އެއް ފުރާޅެއްގެ ދަށުން ކޯޑިނޭޓް ކުރެވޭނެ އިންތިޒާމު ހަމަޖެއްސިއެވެ. އަދި ހަމައެއާއެކު ރާއްޖޭގެ ހާލަތު ގޯސްވެދާނެ ކަމަށް އަންދާޒާކޮށް، މެޑިކަލް ސާމާނު ހޯދުމަށް ބަޖެޓް ހުޅުވާލިއެވެ. އެހެނަސް މިފަދަ ގިނަ މުޢާމަލާތްތައް ހުރީ ކޮރަޕްޝަނާއި ފަސާދައިގެ ތެރޭގައެވެ. ދިވެހިންނަށް، ދިވެހި ރާއްޖެއަށް މަންފާއެއް ނުލިބިއެވެ. މަޝްހޫރު ވެންޓިލޭޓަރުގެ މައްސަލައިން ފެށިގެން، ކޮވިޑް ފެސިލިޓީތަކުގެ އިންވެންޓްރީއާއި ކާންބޯންދިނުމުގެ ޚިދުމަތާއި އޮކްސިޖަން ސިލިންޑަރު ގަތުމާއި މި ނޫންވެސް އެތައް ކަމެއް ލިސްޓް ކުރެވިދާނެއެވެ. ދައުލަތުގެ ބަޖެޓުން ނުވަތަ ކުންފުނިތަކުގެ ބަޖެޓުން އިންތިހާއަށް ގެއްލުންވުމުގެ އިތުރުން ކޮވިޑްގެ ހާލަތު އެންމެ ގޮސްވި ވަގުތު އެތަކެތީގެ މައްސަލަތައް ހައްލު ކުރުމަށް އާބިޓްރޭޝަނަށް ދިއުން ފިޔަވައި ކުރެވުނު ކަމެއް ނެތެވެ. އެކަންކަމުގައި ޝާމިލުވި ގިނަ ވެރިންނާއި މުވައްޒަފުން މަތިހަށި ނަގާފައި މިހާރު ވެސް އެ އުޅެނީ އެވެ. ހެދުނު ގޮތެއް، އެޅުނު ފިޔަވަޅެއް ނެތެވެ. މުވައްސަސާތަކުގެ ފަހަތު ފަޔަށް ވަނީ ބަރުވެފައެވެ. ސަރުކާރުން އެތައް ކަމެއް ފޮރުވައި އެތައް ބަޔަކު ހިމާޔަތްދިނުމުގެ ނިޔަތް އޮތްކަމަށް ބެލުމުގެ ޖާގަ ލިބޭ ގޮތަށް ގެންދަނީ އެތައް ކަމެއް، އެތައް އަމަލު ކުރަމުންނެވެ.
މުޅި ސިއްޚީ ނިޒާމު ފާރުވެ ދޮސްލާފައި
ރާއްޖޭގެ މުޅި ސިއްޚީ ނިޒާމު އޮތީ ފާރުވެ ދޮސްލާފައެވެ. ދުވަނީ ކުނިވަހެވެ. އާސަންދަ ހަދައި، ރައްޔިތުންނަށް ހިލޭ ބޭސްފަރުވާގެ ޚިދުމަތް ފެށިގެން މިހާ ހިސާބަށް އައިއިރު، ފެންވަރު ރަނގަޅު ސިއްޚީ ޚިދުމަތްތެރިންނާއި ސާމާނާއި ވަސީލަތްތަކާއި އިމާރާތްތައްވެސް ގާއިމްކުރެވިފައެއް ނުވެއެވެ. ކުދިކުދި ރަށްރަށުގައި ފަޅުކޮނެ ބަނދަރު ހެދުމަށް މިލިއަނުން ޚަރަދުކުރާއިރު، ސިއްޚީ ދާއިރާ އޮތީ ވަރަށް ވެސް ނިކަމެތި ދަތި ހާލަތެއްގައެވެ.
ބައެއް ރަށްރަށުގައި ކޮވިޑްގެ ހާލަތު ގޯސްވިއިރު، ސިއްހީ ޚިދުމަތްތެރިން ބޭނުންކުރާނެ އަންގިއެއް، މާސްކެއް، ފޭސް ޝީލްޑެއް ވެސް ނެތެވެ. ވެންޓިލޭޓަރުގެ މައްސަލަ ދޫކޮށްލަމާހެއްޔެވެ؟ އެކަށީގެންވާ ބޭސް ނުލިބުމުގެ ދަތިކަން ފާހަގަވެއެވެ.
ކޮވިޑްގެ މަރުގެ ދިގު ލިސްޓް: އިންތިޒާމު ގެއްލި ކޮންޓްރޯލު ގެއްލިފައިވާކަން ދޭހަވޭ
ކޮވިޑްގެ ބަލީގައި މަރުވި މީހުންގެ ލިސްޓް ދިގެވެ. އަދިވެސް އެ ލިސްޓުގެ އަދަދުތައް ދަނީ ގިނަ ވަމުންނެވެ. ބައެއް އާއިލާތަކުން ދެކޭ ގޮތުގައި ގިނަ މީހުން މަރުވުމުގައި، އެކަށީގެންވާ ފަރުވާ ނުލިބުމާއި ކޮވިޑް ފެސިލިޓީޒްތަކުން ކުރިމަތިވި ނަފްސާނީ ގޮންޖެނުންތަކާއި އެތަންތަނުގެ އިންތިޒާމުތައް ދޯހަޅިކަން ފާހަގަ ކުރެވެއެވެ.
"ކޮންމެ 30 ބަލި މީހަކަށް ނަރުހެއް ހުންނަ ފަހަރުވެސް އާދޭ. ހާލުބޮޑު މީހުން ރޮއެ އާދޭސް ކުރާއިރުވެސް އަޅާނުލެވި ދޫކޮށްލެވިފަ އެބަހުރި،" ހުޅުމާލޭ ކޮވިޑް ފެސިލިޓީޒުން ފަރުވާ ހޯދި މެދު އުމުރުގެ އަންހެނަކު ކިޔައިދިނެވެ. "އެކަމަކު ނޫސް ކޮމްފަރެންސްތަކުގައި ހުރިހާ ކަމެއް ބަރާބަރު. ހަގީގަތް އޮންނަނީ ދިމާ އިދިކޮޅަށް."
ތަޖުރިބާއިން ދަސްނުވި ފިލާވަޅުތައް
ސުނާމީ އަރައި ގައުމު ސުންމާފަތިވިއެވެ. އިގްތިސާދު ކަނޑުވިއެވެ. މިހާރު އެފަދަ ހާދިސާއެއް ދިމާވެއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ އަލިފާނުގެ ނުރައްކާތެރި އެތައް ހާދިސާއެއް ހިނގައިފިއެވެ. ކަންކަން ބަދަލު ގެންނާނެކަމުގެ ވަޢުތައް ފުނި ޖެހެމުން ދިޔައެވެ. ގެނައި ބަދަލަކީ ކޮބައި ހެއްޔެވެ؟ ސިއްޚީ ކާރިސާތައް ދިމާވެއްޖެއެވެ. އެފަދަ ކަންކަމަށް ގައުމު އޮތީ ތައްޔާރުވެފައި ހެއްޔެވެ؟ ހިތާމައާއެކު ލިޔެލަން ޖެހެނީ އެރިޕޯޓުތައް ހުރީ ހަމައެކަނި ފައިލު ތަކުގައެވެ. ސިޔާސީ އެހެން ވަޢުދުތަކުގެ ސަބަބުން އަސާސީ މިފަދަ މުހިއްމު އެތައް ކަމަކަށް އޮތީ އިހްމާލުވެވިފައެވެ. ދަނީ އިހްމާލުވަމުންނެވެ. ސިއްޚީ ދާއިރާއަކީ މީގެ ލާމަސީލު މިސާލެކެވެ. މުޅި ނިޒާމު އޮތީ ފޫވެއްޓިފައެވެ.