އިސްލާމް ދީނާ ޚިލާފަށް ކަންކަން ކުރާ މީހުންނާއި އެދީނުގެ އުޞޫލުތަކަށް ފުރައްސާރަކުރާ ފަރާތްތަކުގެ މައްޗަށް ޤާނޫނު ތަންފީޒުނުކުރެވި އެފަދަ މައްސަލަތަކުގެ އެއްވެސް ތަޙްޤީޤެއް ޛިންމާދާރު ގޮތެއްގައި ކުރިއަށް ނުގޮސް ހުއްޓިފައި އޮންނަ އޮތުމަކީ، މިހާރު ހުށައެޅިގެން އުޅޭ ބިލާ މެދު ދިވެހި ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ޝައްކުތައް ޔަޤީނަށް ބަދަލުވާން އެޅެމުންދާ ބާރެއްކަމަށް ރާއްޖޭގެ ދީނީ ޢިލްމުވެރިން ވިދާޅުވެއްޖެއެވެ.
ޢިލްމުވެރިން މިފަދައިން ވިދާޅުވެފައި މިވަނީ، "މުސްލިމަކު ކާފަރުކުން ކުށަކަށް ހެދުމުގެ ބިލު" ގެ ނަމުގައި މަޝްހޫރު ކުރެވިފައިވާ ޤާނޫނުލްޢުޤޫބާތައް އިޞްލާޙު ގެނައުމަށް ސަރުކާރުން މަޖްލީހަށް ހުށައަޅައި މަސައްކަތް ފެށިފައިވާ ބިލާ ގުޅޭގޮތުން ކަނބޮޑުވުން ފާޅުކުރަށްވައި އެބޭފުޅުންގެ ފަރާތުން ނެރުއްވި ބަޔާނެއްގައެވެ.
"ނަފްރަތުގެ ޢަމަލުތަަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުން" މި ނަމުގައި ޤާނޫނަށް ގެނައުމަށް މިހިނދު ހުށައަޅާފައިވާ ބަދަލުތަކުގެ ސަބަބުން އިސްލާމް ދީނާ ދެކޮޅު ފިކުރުތައް ފަތުރަން މަސައްކަތްކުރާ ފަރާތްތައް ޙިމާޔަތްވެގެންދާނެކަމާއި އަދި އެފަދަ ފަރާތްތަކާ ދެކޮޅަށް ޙައްޤު ބަސް ފާޅުކޮށް އެފަރާތްތަކުގެ ނުރައްކާތެރިކަމާއި މެދު ބަހެއް ބުނާ ކޮންމެ މީހެއްގެ މައްޗަށް ހަރުކަށި ފިޔަވަޅު އެޅި ޤާނޫނީ ގޮތުން ބޮޑެތި އަދަބުތަކެއް ލިބިގެން ދާނެކަމަށްވެސް، ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ކޯލިޝަނެއް ކަމުގައިވާ "ޢިލްމުވެރިންގެ ގުޅުން" ގެ ރަސްމީ ލެޓަރހެޑްގައި ނެރެފައިވާ މި ބަޔާނުގައި ބުނެފައި ވެއެވެ.
އަދި މީގެ އިތުރުން، މި މައްސަލައިގައި ރައްޔިތުންގެ ނުރުހުމާއި ޝަކުވާތައް ކުރިމަތިވާން ފެށުމުން ބަންޑާރަ ނައިބުގެ އޮފީހުން ނެރުއްވާފައިވާ ބަޔާނަކީ ޤާނޫނަށް މިހާރު ހުށައެޅިފައިވާ އިފްސާދުގެ މައްސަލައިގެ ހޫނުކަން ފިލުވާލައި ރައްޔިތުންގެ އުދާސްތައް ހިހޫކުރުމަށްޓަކައި ދިވެހި ރައްޔިތުންގެ ލޮލުގައި އެޅުއްވި އަނދުނެއް ކަމުގައިވެސް ޢިލްމުވެރިން އެ ބަޔާނުގައި ޞިފަކުރަށްވާފައި ވާއިރު، އިސްލާމް ދީނުގެ ޙިމާޔަތުގައި ދިވެހިރާއްޖޭގައި މިހާރު ވެސް ހެދިފައި ހުރި ހަރުދަނާ އެތައް ޤާނޫނެއް އެ ހުރި ތަނެއްގައި އަތްނުލައި ބެހެއްޓިފައި އެބަހުރިކަމަށްވެސް، ރާއްޖޭގެ އެންމެހައި ދީނީ ޢިލްމުވެރީން ހެން ނިޞްބަތްވެވަޑައިގަންނަވާ ކޯލިޝަންގެ ބަޔާނުގައި ބުނެފައި ވެއެވެ.
ޢުޤޫބާތު ޤާނޫނަށް އިޞްލާޙު ގެނައުމަށް ހުށައަޅާފައިވާ މި ބިލަކީ ހިންގެމުންދާ އަޑިނުބައި ރޭވުމެއްކަމަށާއި އެ ރޭވުމާ ދެކޮޅަށް އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުން ރާއްޖޭގައި ތިއްބެވި ދީނީ ޢިލްމުވެރިންނާއި އެކުއެކީގައި ތެދުވަވަޑައިގެން ޤާނޫނޫ ތަންދޭ އެންމެ ފުޅާ މިނެއްގައި އިޙްތިޖާޖުކޮށް އަޑު އުފުލުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވުމުގެ އިތުރުން، އެ ބިލާއި ދެކޮޅަށް މަސައްކަތްކޮށް އެއާ ދެކޮޅަށް ވޯޓު ދެއްވުމަށް ރައްޔިތުންގެމަޖުލީހުގެ މެންބަރުންގެ އަރިހުން ޢިލްމުވެރިންގެ ބަޔާން ނިންމަވާލައްވަމުން އެދިވަޑައިގެންފައި ވޭމެއެވެ.