Ad
ސިވިލް ސާރވިސް ކޮމިޝަންގެ މެމްބަރުކަމުގެ ޤާނޫނީ ހުވައި ކުރެއްވުން-: ފޮޓޯ: ރައީސް އޮފީސް
ސިވިލް ސާރވިސް ކޮމިޝަންގެ މެމްބަރުކަމުގެ ޤާނޫނީ ހުވައި ކުރެއްވުން-: ފޮޓޯ: ރައީސް އޮފީސް

ދަށުން މާރކްސް ލިބޭ މީހަކު އެސް.ޖީ އަކަށް ޢައްޔަނުކުރުމަށް ކައުންސިލުން "ލަފާ"ދީފި ނަމަ؟

".....ނޫންނަމަ، ކައުންސިލްގެ ލަފައަށް "ބަރޯސާވެ" ކޮމިޝަން އިން ނިންމި ނިންމުން ވެސް ޑިފެކްޓޯ ވެގެން ދިއުމުގެ ފުރުޞަތު، ޤާނޫނީ ހަމަތަކުން ބަލާއިރު، އިންތިހާއަށް ބޮޑެވެ!"

ލޯކަލް ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް އިތުރުކުރުމުގެ އިތުރުން ކައުންސިލްތަކުގެ އިދާރީ އެންމެ އިސްމުވައްޒަފުގެ ގޮތުގައި "ސެކްރެޓެރީ ޖެނެރަލް" ގެ މަޤާމު ޤާނޫނުގައި ކަނޑައަޅައި ބަޔާންކޮށްގެން އުފެއްދި އަދި އެމަޤާމަށް މީހަކު ޢައްޔަނު ކުރުމުގައި ކައުންސިލްގެ "ބަހެއް" އޮތުން ޤާނޫނުން ލާޒިމުކޮށްފައި ވުމާއެކު މަޤާމަށް ޝަޢުޤުވެރިކަން ހުރި ފަރާތްތަކުގެ ހިތުގައި "ނުތަނަވަސްކަން" އުފެދި ސުވާލުމާކެއްގެ ތެރެއަށް ވެއްޓިގެން ދިޔައެވެ.

ވާދަވެރި ސިޔާސީ ޕާޓީގެ ނިޒާމާއެކުވެސް ދުނިޔޭގެ ތަހުޒީބު މުޖުތަމަޢުތަކުގައި ޒިންމާދާރުކަމާއެކު އަދި ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަންދިނުމުގެ ހަމަތައް އެމުޖުތަމަޢުތަކުގެ ސިޔާސީ ވެރީންގެ "ކަށީހިފާފައި" ވުމުން އެފަދަ މުޖުތަމަޢުތަކުން ކާމިޔާބީ ހޯދަމުން ދިޔަނަމަވެސް ރާއްޖޭގައި އެ ނިޒާމު ހިނގަމުންދަނީ ތިމާމެންގެ "ފިކުރު" ނަމަ "ބުޅަލެއް" ކުރިމަތިލިޔަސް "އޯކޭ" ޖަހާ އުޞޫލުންކަމަށް ވުމުންނެވެ.

މުޅި ދައުލަތުގެ އެންމެހައި ބާރުތަކުންނާއި މުއައްސަސާތަކުގެ އިތުރުން ޢާންމު ރައްޔިތުންވެސް އެމައްޗަށް ޢަމަލުކުރުން ލާޒިމުވާ "މަގު ޗާޓު" ކުރެހުމުގެ ބިޔަ ބޮޑު މަސްއޫލިއްޔަތު އަދާކުރުމުގެ ޒިންމާއާ މަތިކުރެވި "ޢިއްޒަތް" ދެވޭ މަޖްލިސް މެމްބަރުންނާއި، ކެބިނެޓް ވަޒީރުންނާއި އަދި މުޅި ދައުލަތައް ޢާމްދަނީ ލިބޭ ވިޔާފާރި ކުންފުނިތަކުގެ އެމްޑީ އިންވެސް އިސްތިސްނާ ނުވާނެ ބީދައިން ކަމަށް ޤަބޫލުކުރަން މަޖުބޫރުވެފައި ވުމުންނެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަކީ ޤާނޫނުއަސާސީގައި ގަނޑައަޅައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމައެކެވެ. ނަމަވެސް، މާބޮޑު ތަފްޞީލުތަކެއް ބަޔާންކުރުމަކާއި ނުލައި ޤާނޫނުން އެކަން ތަފްޞީލުކުރުމަށް ލާޒިމުކުރުމާއެކުއެވެ. ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ އިދާރާތަކާއި، މަޤާމުތަކާއި، ކައުންސިލްތަކުގެ ސިފަތަކާއި، އެފަރާތްތަކުގެ އިޚްތިޞާޞް ޤާނޫނުގައި ކަނޑައަޅައިފައި އޮންނާންވާނެކަމަށް ޤާނޫނުއަސާސީގެ ނައްޞުން ކަނޑައަޅައި ބަޔާންކޮށެވެ.

ޤާނޫނު ނަމްބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަކީ، ޤާނޫނުއަސާސީގެ 8 ވަނަ ބާބުގައި 230 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އަދި އިސްވެ ބުނެވިދިޔަ ދުސްތޫރީ އިލްތިޒާމުގައި ބުނެފައިވާ ޤާނޫނެވެ. އެހެނީ އެޤާނޫނުގެ ތަޢާރުފުގައި، ފުރަތަމަ މާއްދާގައި، އެޤާނޫނަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 8 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށްޓަކައި އުފައްދަންޖެހޭ އިދާރާތަކާއި މަޤާމުތަކާއި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އުފެއްދުމަށާއި، އެ ބަޔާންކުރެވުނު އިދާރާތަކާއި ކައުންސިލްތަކާއި މަޤާމުތަކުގެ ސިފަތަކާއި، އިޚްތިޞާޞް ކަނޑައަޅައި އެކަމާބެހޭ އެންމެހައި އުޞޫލުތައް ބަޔާންކުރުމަށްޓަކައި ހަދާފައިވާ ޤާނޫނެއްކަމަށް ބުނެފައި ވުމުންނެވެ.

ކައުންސިލްތަކާއި ކައުންސިލް އިދާރާތައް

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ނިޒާމުގައި ހިމެނެނީ ދެބަހާއެކެވެ. ލޯކަލް ކައުންސިލްތަކާއި ލޯކަލް ކައުންސިލްތަކުގެ އިދާރާތަކެވެ. އެއްބަހާ އެކުލަވާލެވެނީ ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކުރެވިގެންނެވެ. އަނެއް ބަހާ އެކުލަވާލެވެނީ ޤާނޫނީ ހަމަތަކުން އިޚްތިޔާރުކުރެވި ޢައްޔަނުކުރެވިގެންނެވެ.

ލޯކަލްކައުންސިލްތަކަކީ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި، ސީދާ ރައްޔިތުންގެ ވޯޓުން އިންތިޚާބުކުރެވޭ މެމްބަރުންތަކެއްގެ މައްޗަށް އެކުލެވޭ ޤަވަރނިންގެ ބޮޑީއެކެވެ. ޤާނޫނީ ޝަޚުޞެކެވެ. އަދި ކައުންސިލްތަކުގެ އިދާރާތަކަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އިންތިޚާބުކޮށް އުފެއްދިފައިވާ އިސްވެބުނެވުނު ކައުންސިލްތަކުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމަށް އެހީތެރިވެދީ، ކައުންސިލްގެ އިދާރީ ކަންކަން ކުރުމަށްޓަކައި ޤާއިމްކުރެވިފައިވާ އިދާރާއެކެވެ. އޮފީހެކެވެ. ޤާނޫނުއަސާސީގެ 8 ވަނަ ބާބުގެ އުޞޫލުތަކާއި ޤާނޫނު ނަމްބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ބަޔާންކުރުންތައް އެކުއެކީ ކިޔުމުން ވަރަށް ސާފުކޮށް އެކަން އެނިގެންދެއެވެ.

ކައުންސިލް އިދާރާގެ މުވައްޒަފުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އިންތިޚާބުކޮށް އުފެއްދިފައިވާ ކައުންސިލްތަކުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމަށް އެހީތެރިވެދީ އިދާރީ ކަންކަން ކުރުމަށްޓަކައި އުފައްދާ އިދާރާތަކުގެ އެންމެހައި މުވައްޒަފުންވެސް މަޤާމަށް ޢައްޔަނުކުރެވޭ ޤާނޫނީ ހަމަ ބަޔާންކޮށް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގެ 127 ވަނަ މާއްދަގައި ކަނޑައަޅައި ބަޔާންކޮށްފައި ވަނީ، އަތޮޅު ކައުންސިލާއި ރަށު ކައުންސިލާއި ސިޓީ ކައުންސިލާއި އަވަށު އޮފީހުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އުފައްދާ އިދާރާތަކުގެ މަޤާމުތައް ކަނޑައަޅައި އެމަޤާމުތަކަށް މުވައްޒަފުން ޢައްޔަންކޮށް ވަކިކުރާނީ ކައުންސިލްތަކުގެ މަޝްވަރާއާއެކު ސިވިލް ސަރވިސް ކޮމިޝަނުންކަމަށެވެ.

އަދި އެ ފަދަ މުވައްޒަފުންގެ މައްޗަށް ހިނގާނީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި އެޤާނޫނުގެ ދަށުން ސިވިލް ސަރވިސް ކޮމިޝަނުން ހަދާ ގަވާއިދުތައް ކަމުގައިވެސް، އެމާއްދާގައި ބަޔާންކޮށްފައި ވާއިރު، ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި، ކައުންސިލްގެ ލަފަޔާއެކު، ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމަށް މީހަކު ޢައްޔަންކުރާނީ ސިވިލް ސަރވިސް ކޮމިޝަނުންކަމުގައި، އެޤާނޫނުގެ 126 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުރުންވެސް މި ބުނެވިދިޔަ ޤައިދުގެ ތެރެއަށް ވާންނާނެއެވެ. އެބަހީ، ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މައްޗަށްވެސް ހިނގާނީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި އެޤާނޫނުގެ ދަށުން ސިވިލް ސަރވިސް ކޮމިޝަނުން ހަދާ ގަވާއިދުތައް ކަމެކެވެ.

ސިވިލް ސާރވިސް ކޮމިޝަން

ސިވިލް ސާރވިސް ކޮމިޝަނަކީ ދުސްތޫރީ ކަނޑައެޅުމަކާއި ބަޔާންކުރުމަކުން އުފައްދާފައިވާ ދުސްތޫރީ ޝަޚުޞެކެވެ. ޤާނޫނުއަސާސީ އިން އެފެދިފައިވާ މުސްތަޤިއްލު ކޮމިޝަނެކެވެ.

ސިވިލް ސާރވިސް ކޮމިޝަނަކީ، ވަކިފަރާތަކަށް ބުރަނުވާ، މުސްތަޤިއްލު މުއައްސަސާއެއްކަމާއި، އެ ކޮމިޝަނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރާންވާނީ ޤާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީންކަމާއި އަދި އެ ކޮމިޝަނުން މަސައްކަތް ކުރާންވާނީ ނަތީޖާ ނެރެވޭ، އެކަށީގެންވާ ހަލުވިމިނެއްގައި މަސައްކަތްކުރާ އަދި ފަންނީ މިންގަނޑުތަކާއި ސުލޫކީ ހަމަތައް އޭގެ އެންމެ މަތީ ދަރަޖައެއްގައި ހިފަހައްޓާ ސިވިލް ސަރވިސްއެއް ދެމެހެއްޓުމަށްޓަކައިކަމަށް ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައި ވެއެވެ.

ޤާނޫނުގައި ކަނޑައަޅައިފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން ސިވިލް ސަރވިސް އަށް މީހުން ހޯދުމާއި، މީހުން ޢައްޔަންކުރުމާއި، މީހުންނަށް މަޤާމުގެ ކުރިއެރުން ދިނުމާއި، މީހުންގެ ވަޒީފާ ބަދަލުކުރުމާއި، މީހުން ވަޒީފާއިން ވަކި ކުރުމަކީ ސިވިލް ސަރވިސް ކޮމިޝަނަށް ސީދާ ޤާނޫނުއަސާސީ އިން ލިއްބައިދީފައިވާ ބާރެކެވެ. މަތީ ދަރަޖައެއްގެ ފަންނީ ހަމަތަކެއް ހިފަހައްޓައި އެ ހަމަތައް ކުރިއެރުވުމާއި، ޚިދުމަތް ދިނުމުގައި އިންޞާފާއި ހަމަހަމަކަމާއެކު، ވަކިފަރާތަކަށް ބުރަވުމެއް ނެތި، ތަޢައްޞުބުން އެއްކިބާވުމާއި، ވަޒީފާ ދިނުމާއި މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ އުޞޫލުތައް ކަނޑައެޅުމުގައި ޤާބިލްކަމަށާއި ކަނޑައަޅައިފައިވާ މިންގަނޑުތަކަކުން ވަޒަންކުރުމަށާއި އިންޞާފުގެ މައްޗަށް ބުރަވުމާއި އަދި ސިޔާސީ ވަކި ޕާޓީއަކަށް ނުވަތަ ވަކި ކަމަކަށް ތާއީދުކުރުމުގެ ނުވަތަ ނުކުރުމުގެ ސަބަބުން، ސިވިލް ސަރވިސްގެ އެއްވެސް މުވައްޒަފަކަށް ކަމެއް ފަހިކޮށް ނުވަތަ ކަމެއް ދަތިކޮށް ނުހެދުމަކީ ވެސް، ސިވިލް ސަރވިސް ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގައްޔާއި އެ ކޮމިޝަނަށް ލިބިފައިވާ ބާރުތައް ބޭނުންކުރުމުގައި ތަބާވުން ޤާނޫނުއަސާސީ އިން ލާޒިމުކޮށްފައިވާ އަސާސީ ހަމަތެކެވެ.

އެ ޤާނޫނަކީ، ދިވެހި ސިވިލް ސަރވިސްގެ ނަމުގައި، މުސްތަޤިއްލު ޚިދުމަތެއް ޤާއިމްކޮށް، އެޚިދުމަތުގެ ޤާނޫނީ ހައިސިއްޔަތާއި، މަޤްޞަދުތަކާއި، މަސްއޫލިއްޔަތުތަކާއި ހުދޫދުތައް އެކަށައެޅުމުގެ ޤާނޫނުކަމަށް، ޤާނޫނު ނަމްބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ ފުރަތަމަ މާއްދާގައި ބަޔާންކޮށްފައި ވެއެވެ. އަދި "ދިވެހި ސިވިލް ސާރވިސް" އެކުލެވިގެންވަނީ، މަސްއޫލު އޮފީސްތަކުގެ ޒިންމާދާރު އިސް ވެރިންނާއި ސިވިލް ސަރވިސްގެ މުވައްޒަފުން ހިމެނިގެންކަމަށް ޖެހިގެން އައި މާއްދާގައި ބަޔާންކުރުމާއެކު، އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މުސްތަޤިއްލު ކޮމިޝަންތަކާއި، މުސްތަޤިއްލު މަޤާމުތަކާއި، އެނޫންވެސް މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި އެފަރާތްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ފިޔަވައި، ވެރިކަން ހިންގުމުގެ ބާރުގައި ހިމެނޭ އެންމެހައި މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ މުވައްޒަފުންކަމަށް، އެއާއި ޖެހިގެން އޮތް 3 ވަނަ މާއްދާގައި ބަޔާންކޮއްފައި ވެއެވެ.

ދިވެހި ސިވިލް ސަރވިސް ހިންގަންވާނީ ސިޔާސީ މަޞްލަޙަތަކުން އެކަހެރިވެފައިވާ، ވަކިފަރާތެއްގެ ނުފޫޒަކަށް ތަބާނުވާ، އަދި ވަކިފަރާތެއްގެ ރުހުން ހޯދުމަށް މަސައްކަތްކުރުމެއްނެތި ޕްރޮފެޝަނަލް މިންގަނޑުތަކަކުން ޚިދުމަތް ފޯރުކޮށްދޭ ގޮތުގެ މަތީންކަމީ އެސާރވިސްގެ އަސާސީ ޞިފަތައްކަމުގައި ޤާނޫނުގައި ކަނޑައަޅައި ބަޔާންކޮއްފައިވާއިރު، ދިވެހި ސިވިލް ސަރވިސްގައި މަސައްކަތް ކުރުމަށް ވަޒީފާ ދޭންވާނީ އެމީހެއްގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ތަޖުރިބާއަށް ބެލުމަށް ފަހުގައިކަމީ، ސިވިލް ސާރވިސް ހިނގުމުގައި އާސާސީ އިލްތިޒާމެއްގެ ގޮތުގައި ޤާނޫނުން ކަނޑައަޅައި ބަޔާންކޮށްފައި ވެއެވެ.

އަދިހަމަ، ވަޒީފާ ދިނުމުގެ އަސާސީ މިންގަނޑަކީ، ސިޔާސީ ނުފޫޒުތަކުން އެކަހެރިވެފައިވާ ގޮތެއްގައި މެރިޓް އަކީ އަސާސީ މިންގަނޑު ކަމަށް ބަލައިގެން މަޤާމަށް ޢައްޔަންކުރުންކަމުގައި ކަނޑައަޅައި ބަޔާންކުރުމާއެކު، މެރިޓް ކަމަށް ބަލައިގެން ވަޒީފާ ދިންކަމަށް ބެލެވޭނީ، ޢައްޔަނު ކުރެވުނު މީހަކީ ވަޒީފާގެ ޝަރުޠުތައް ފުރިހަމަވާ މީހެއްކަމުގައިވުމުގެ އިތުރުން އެ މީހަކީ އެމީހެއްގެ ތަޢުލީމީ ފެންވަރަށާއި، މަސައްކަތުގެ ހުނަރަށް އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން ޢައްޔަނު ކުރެވިފައިވާ، މީހަކު ކަމުގައި ވާނަމަކަމަށްވެސް، ޤާނޫނު ނަމްބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 38 ވަނަ މާއްދާގެ ނައްޞުގައި ކަނޑައަޅައި ބަޔާންކޮށްފައި ވެއެވެ.

ދެ ޤާނޫނުގައި ބުނާ ކައުންސިލްގެ "ލަފާ"

ޤާނޫނު ނަމްބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 126 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވަނީ، ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި، ކައުންސިލްގެ "ލަފަޔާއެކު"، ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމަށް މީހަކު ޢައްޔަންކުރާނީ ސިވިލް ސަރވިސް ކޮމިޝަނުން ކަމަށެވެ.

އަދިހަމަ، ޤާނޫނު ނަމްބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް 6 ވަނަ އިޞްލާޙު ގެނައުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް މިއަހަރުގެ މާރިޗް މަހުގެ 7 ވަނަ ދުވަހު ރައްޔިތުންގެ މަޖްލީހަށް ހުށައަޅުއްވައި މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު އެމަޖްލީހުން އިޞްލާޙުތަކާއެކު ފާސްކުރައްވައި 18 މެއި ގައި ޤާނޫނަކަށްވެ ޢަމަލުކުރެވެމުންދާ ޤާނޫނު ނަމްބަރު 10/2021 (ޤާނޫނު ނަމްބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) 1-59 ވަނަ މާއްދާގެ (ހ) ގައިވެސް، ލޯކަލް ކައުންސިލްގެ އެންމެ އިސް މުވައްޒަފެއްގެ ގޮތުގައި، ކައުންސިލްގެ "ލަފަޔާއެކު"، ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޢައްޔަންކުރާނީ ސިވިލް ސަރވިސް ކޮމިޝަނުން ކަމަށް ކަނޑައަޅައި ބަޔާންކޮށްފައި ވެއެވެ.

"ލަފާ" ނުވަތަ "މަޝްވަރާ" އަދި "ރުހުން" ނުވަތަ "ފާސްކުރުން"

ޤާނޫނުއަސާސީގެ ނުވަތަ ޤާނޫނެއްގެ ދަށުން ޢައްޔަނުކުރެވޭ މަޤާމުތަކަށް މީހުން ޢައްޔަނުކުރުމުގެ ބާރު ޤާނޫނީ ގޮތުން ވަކި ފަރާތަކަށް ލިއްބައި ދިނުމުގައި، ބައެއް މަޤާމުތަކުގައި މުޠުލަޤުކޮށާއި އަދި އަނެއްބައި މަޤާމުތަކުގައި ޤައިދާއެކުވެސް ލިއްބައިދީފައި ވެއެވެ. މަޤާމަށް ޢައްޔަނުކުރުމުގެ ބާރު ޤާނޫނުން ލިއްބައިދީފައިވާ ފަރާތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ގޮތުގައި ފުރިހަމަކުރަންޖެހޭ އިޖުރާއާތުތަކެއްގެ ގޮތުގައެވެ.

މަޤާމަށް މީހަކު ޢައްޔަނުކުރުމުގެ ކުރިން ދެވަނަ ފަރާތެއްގެ ލަފާ ނުވަތަ މަޝްވަރާ، ނުވަތަ، ރުހުން ހޯދަންޖެހޭ ގޮތަށް ޤާނޫނުތަކުގައި ކަނޑައަޅައި ބަޔާންކޮށް އެއިލްތިޒާމު މަތިކޮށްފައި ވަނީ، އެކެއްގެ އަތަށް ހުރިހާ ބާރުތަކެއް މުޠުލަޤުކޮށް ޖަމާކޮއްދެވިއްޖެ ނަމަ ކުރިމަތިވެދާނެ ހުދުމުޚްތާރުކަމާއި އަނިޔާވެރިކަމުން ރައްޔިތުން ސަލާމަތްކުރުމުގެ މަޤްޞަދުގައި "ޗެކް އެންޑް ބެލެންސް" ގެ އަސާސް ނެގެހެއްޓުމަށެވެ.

އެގޮތުން، ބައެއް މަޤާމުތަކަށް ޢައްޔަނުކުރުމަށް އެހެން ފަރާތެއްގެ ހަމައެކަނި ރުހުން ހޯދަންޖެހޭ މަޤާމުތަކާއި، އެހެން ފަރާތެއްގެ ހަމައެކަނި ލަފާ ނުވަތަ މަޝްވަރާ ހޯދަންޖެހޭ މަޤާމުތަކާއި، އެހެން ފަރާތެއްގެ ލަފައާއި އަދި އިތުރު ފަރާތެއްގެ ރުހުންވެސް ހޯދަންޖެހޭ މަޤާމުތައްވެސް ހިމެނެއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް، ނުވަތަ އޭސީސީ ނުވަތަ ސިވިލް ސަރވިސް ކޮމިޝަން ފަދަ މިނިވަން މުއައްސަސާތަކުގެ މެމްބަރުކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަނުކުރުމާއި އަދި އެ ޢައްޔަންކުރުމަށް ރުހުމަށް "ލަފާ" ދެއްވުމުގެ ޙައިސިއްޔަތުވެސް ރައީސުލް ޖުމްހޫރިއްޔާއަށް ދެވިގެން ވާއިރު، އެ ޢައްޔަނުކުރެއްވުމުގެ ކުރިން ރައްޔިތުންގެ މަޖްލީހުގެ ރުހުން ހޯއްދަވަންޖެހިވަޑައިގަންނަވައެވެ. އެފަދަ މަޤާމަކަށް ރައީސުލް ޖުމްހޫރިއްޔާ އިޚްތިޔާރުކުރައްވާ ނަންފުޅެއް މަޖްލީހުން ފާސްވުމުން މެނުވީ މަޤާމަށް ޢައްޔަނު ނުކުރެވެއެވެ. އަދި އެ ފާސްކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅަށް ޢަމަލުކުރެއްވުން މަޖްލީހަށް ޤާނޫނީ ގޮތުން ލާޒިމެއްވެސް ނޫންމެއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން އަށް 2 މެމްބަރުން ޢައްޔަނުކުރުމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވި ނަންތަކުގެތެރެއިން އެމަނިކުފާނު އިސްކަންދެއްވާ (ލަފާދެއްވާ) ފުރަތަމަ ނަކަމަށް ޝިފްލާގެ ނަން ފޮނުއްވުމުން، ޝިފްލާއަށް ރުހުން ނުދެއްވައި ޤައިޞް އަދި ޙިލްމީއަށް 03 ޑިސެމްބަރު 2019 ގައި ރުހުންދިނުމަށް މަޖްލީހުން ފާސްކުރެއްވުމާއެކު 05 ޑިސެމްބަރު 2019 ގައި އެ ދެބޭފުޅުން މަޤާމަށް ޢައްޔަނުކުރެވިގެން ދިއުމަކީ މިފަދަ މިސާލެކެވެ.

ހަމައެގޮތަށް، ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަނުކުރައްވާނީ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ޤާނޫނުގައި ކަނޑައަޅައި ބަޔާންކޮއްފައި ވެއެވެ. އަދި، ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަނުކުރައްވާނޭ ބޭފުޅަކާމެދު ޖޭއެސްސީގެ މަޝްވަރާ (ލަފާ) ހޯއްދެވުމުގެ އިތުރުން އެބޭފުޅެއްގެ ނަން މަޖްލީހުން ފާސްވާން (ރުހުންލިބޭން) ޖެހޭކަމީވެސް ޤާނޫނީ ބަޔާންކުރުމެކެވެ. އެހެންނަމަވެސް، ޖޭއެސްސީގެ ލަފަޔާއި ރައީސުލް ޖުމްހޫރިއްޔާ އިސްކަންދެއްވާ ތަރުތީބު (ލަފާ) އަށް ޢަމަލުކުރެއްވުމަށް މަޖްލީހަކަށް ލާޒިމެއް ނޫންމެއެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އިޢުލާނުކުރުމާއެކު އެމަޤާމަށް ކުރިމަތިލެއްވި އަލްއުސްތާޛާ ދިޔާނާ ސަޢީދު ސްޕްރީމް ކޯޓަށް ޢައްޔަނުކުރެއްވުމަށް "ހައިލީ ރިކޮމަންޑެޑް" ގެ ވެސް އެއްވަނަ ދަރަޖައިގައި 16 ސެޕްޓެމްބަރު 2019 ގައި ޖޭއެސްސީ އިން ލަފާދެއްވި ނަމަވެސް، އެކަމަނާ މަޤާމަށް ޢައްޔަނުކުރެވިފައި ނުވެއެވެ. އަދި އެކަމަކީ ޤާނޫނާ ޚިލާފު ކަމެއްކަމުގައި ބުނާނެ މީހަކު ނޫޅޭމެއެވެ. ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ބޭފުޅަކު ކަނޑައެޅުއްވުމުގައި ޖޭއެސްސީގެ މަޝްވަރާ (ލަފާ) އަކީ ޤާނޫނީ އިލްތިޒާމެއް ނަމަވެސް މެއެވެ.

ކައުންސިލްގެ "ލަފާ" "މެރިޓް" އުޞޫލާ ތަޢާރުޟުވުމުގެ ނަތީޖާ

ހަމަ އެބީދައެވެ. ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމައް މީހަކު ޢައްޔަނުކުރުމަކީ ސިވިލް ސާރވިސް ކޮމިޝަން އާ ޤާނޫނީ ގޮތުން މަސްއޫލުކުރެވިގެންވާ ބާރެކެވެ. އަދި ޤާނޫނުން ލާޒިމުކުރަނީ އެ މަޤާމަށް މީހަކު ޢައްޔަނުކުރުމުގައި ކައުންސިލްގެ ލަފާ ހޯދުމަށެވެ. ރުހުން ހޯދުމެއް ނޫނެވެ.

ވީހިނދު، ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޢިއުލާނުކުރުމުން ކުރިމަތިލީ ފަރާތްތައް މެރިޓް އުޞޫލުން ތަރުތީބުކުރުމަށް މާކްސް ދެވިފައި ވަނިކޮށް، 1 ވަނައަށް އެންމެ މަތިން މާކްސް ލިބުނު ފަރާތް ދޫކޮށް މާކްސް ލިބުނު ތަރުތީބުގެ 2 ވަނަ ނުވަތަ 3 ވަނަ އަށް އައި ފަރާތަކީ ކައުންސިލުން ލަފާދީފައިވާ ފަރާތްކަމަށް ބުނެ މަޤާމަށް ޢައްޔަނުކުރުމަކީ ޤާނޫނުގެ މަޤްޞަދާއި އަސާސީ އުޞޫލުތަކާއި، ޤާނޫނީ ޢާންމު ހަމަތަކާއިވެސް ޚިލާފުކަމެކެވެ.

އަދި އެޙާލަތުގައި، އެ ނިންމުމަކީ ޤާނޫނާ ޚިލާފަށް ޢަމަލުކޮށް ނިންމުނު އިދާރީ ނިންމުމެއްގެ ސަބަބުން ޙައްޤަކަށް އުނިކަމެއް އައުންކަމަށް ދެކި، އެމައްސަލަ ޝަރުޢީ ކޯޓަކަށް ހުށައަޅައި ޙައްޤަށް ވަކާލާތުކޮށް ޤަޟާއީ ނިޔާއަކުން އެ ޙައްޤު ކަށަވަރުކޮއްދިނުމަށް އެދުމުގެ ޙައްޤުވެސް އުފަންވެގެން ގޮސް، މަޤާމަށް ކުރިމަތިލީ ފަރާތުގެ އިތުރުން ކޮމިޝަނަށްވެސް ތަކްލީފުތަކާ ކުރިމަތިލާންޖެހުމުގެ ފުރުޞަތު ބޮޑުވެގެން ދާނެއެވެ.

އަދިހަމަ، ކައުންސިލުން ދީފައިވާ "ލަފާ" އާ އެއްގޮތަށް ޢަމަލުކޮށް މަޤާމަށް ޢައްޔަނުކުރެވިފައި ވަނީ ސިޔާސީ ނުފޫޒު ނަފީކުރެވިގެން، މެރިޓްގެ އަސާސް ކަށަވަރުކުރެވިގެންކަން ޝަރީޢަތަށް ސާބިތުކޮށްދިނުމުގެ ބުރަވެސް ސިވިލް ސާރވިސް އިން އުފުލަންޖެހޭނެކަމީ ޤާނޫނީ ޤަބޫލުކުރުމެވެ.

ނޫންނަމަ، ކައުންސިލްގެ ލަފައަށް "ބަރޯސާވެ" ކޮމިޝަން އިން ނިންމި ނިންމުން ވެސް ޑިފެކްޓޯ ވެގެން ދިއުމުގެ ފުރުޞަތު، ޤާނޫނީ ހަމަތަކުން ބަލާއިރު، އިންތިހާއަށް ބޮޑެވެ!

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *