Ad

އިންގްލެންޑުން ފުރަތަމަ ފަހަރަށް ޔޫރޯ ފައިނަލަށް

ޔޫރޯ 2020 ގެ ސެމީ ފައިނަލުގައި ޑެންމާކު ބަލިކޮށް، އިންގްލެންޑުން އެގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޔޫރޯގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

އިންގްލެންޑްގެ ރަސްމީ ދަނޑު، ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗު އިންގްލެންޑުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 1-1 އިން އެއްވަރު ވެފައި އޮތުމުން ނަތީޖާ ނެރުނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެގެންނެވެ.

މެޗުގެ ފުރަތަމަ ގޯލް 30 ވަނަ މިނެޓުގައި ޖެހީ ޑެންމާކުންނެވެ. މި ގޯލަކީ ހިލޭޖެހުމަކުން ޑެންމާކުގެ ޑެމްސްގާޑު ޖަހައިދިން ހިތްގައިމު ގޯލުންނެވެ. މެޗުގެ 39 ވަނަ މިނެޓުގައި އިންގްލެންޑުން ވަނީ އެއްވަރުކޮށްފައެވެ. މި ގޯލަކީ ސަކާ ހުރަސްކުރި ބޯޅައެއް ޕެނަލްޓީ އޭރިއާ ތެރެއިން ދިފާއުކުރަން އުޅުމުގެ ތެރޭގައި ޑެންމާކުގެ ކެޕްޓަން ކިއޭ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. 90 މިނެޓް ހަމަވިއިރު 1-1 ދެޓީމު އެއްވަރުވުމުން އިންގްލެންޑުން ނަތީޖާ ނެރުނީ އިތުރުވަގުތުގެ ފުރަތަމަ 15 މިނެޓް ތެރޭފައެވެ. މިއީ ޑެންމާކު އޭރިއާ ތެރެއިން ޑިފެންޑަރު ވެސްޓްގާޑް، ރަހީމް ސްޓާލިންނަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. ހެރީ ކޭންގެ ޕެނަލްޓީ ޖެހި ޕެނަލްޓީ ކީޕަރު ޝޫމައިކަލް މަތަކުރި ނަމަވެސް ރީބައުންސްގައި ކޭން ވަނީ ބޯޅަ ގޯލަށް ވައްދާލާފައެވެ.

މިއީ އިންގްލެންޑަށް ތާރީހީ ނަތީޖާއެކެވެ. އެގައުމުން ބޮޑު މުބާރާތެއްގެ ފައިނަލަށްވެސް ގޮސްފައި މިވަނީ 55 އަހަރު ފަހުންނެވެ.

އަންނަ އާދީއްތަ ދުވަހުގެރޭ އިންގްލެންޑުން ޔޫރޯ ފައިނަލުގައި ނުކުންނާނީ އިޓަލީއާ ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *