މޯލްޑިވެސް މީޑިޔާކައުންސިލްގެ ކުރީގެ މެންބަރު އަދި ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް ރޭ ދަގަނޑުބުރިއަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
އިރުވަރު އޮންލައިންނަށް މައުލޫމާތު ދެއްވަމުން މަސްއޫދު ވިދާޅުވީ ހަމަލާދީފައި ވަނީ ރޭ ގާތްގަނޑަށް ނުވަ ގަޑި ފަނަރަ އެހާކަންހާއިރު އަންހެނުންނާއި އެކު ސައިކަލްގައި ބުރަކަށް ނިނުމެ ވަޑައިގެން އުޅުއްްވަނިކޮށް ލާމް ފޮނަދޫއިން ކަމަށެވެ.
"އަޅުގަނޑުގެ މުދަލަށް ގެއްލުންދީ އެތައް ދުވަހަކު ބިރު ދެއްކުމަށް ފަހު ރޭ ސީދާ އަޅުގަނޑު ޖާނަށް އެ ހަމަލާދިނީ. އެތައް ފަހަރަކު ފުލުހަށް ރިޕޯޓްކޮށްފައި ވާނެ. އެކަމަކު ފުލުހުންގެ ފަރާތުން އެއްވެސް ކަމެއް ނުކުރެވޭ. ކާރު ރޯކޮށްލައިގެން ވެސް ނުވަ މަސްދުވަސްވީ. ހަމަ އެއްކަމެއް ވެސް ނުވި. " މަސްއޫދު ވިދާޅުވި އެވެ.
ރޭ މަސްއޫދަށް ހަމަލާދީފައި ވާއިރު މިދިޔަ ޑިސެމްބަރު މަހު ވެސް ވަނީ ލ. ފޮނަދޫގައި އޮތް މަސްއޫދުގެ ކާރެއްގައި ރޯކޮށްލައި ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލާފަ އެވެ. އެމައްސަލައަށް ނުވަ މަސްދުވަސް ވެފައިވާއިރު އަދި މިހާތަނަށް އެމައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފަ އެއްނުވެ އެވެ.
ލާމް އަތޮޅާއި ރާއްޖޭ އެކި ސަރަހައްދުތަކުގައި ވެސް ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުންދާ މަސްއޫދު ވިދާޅުވީ މިއަދުވެސް މިރަށުން އޭނާއަށް ފުރައިގެން ދެވިދާނެ ކަމަށާއި އެހެން ނަމަވެސް އޭނާގެ ވިޔަފާރިތަކާއި އެތައް މުވައްޒަފުންނެއް ލާމް އަތޮޅު އޮޕަރޭޝަންގައި މަސައްކަތް ކުރާ ކަމަށެވެ.
މަސްއޫދު ވިދާޅުވީ ހަމަލާދިން މީހާ މަަސައްކަތްކޮށްފައި ވަނީ އޭނާ ބޮލުގައި ޖެހުމަށް ކަމަށާއި އެހެންނަމަވެސް އަތް ހިއްލާމުމުން ހަމަލާ އަރާފައި ވަނީ އޭނާގެ އަތަށް ކަމަށެވެ.
"ހަމަލާދިން މީހާ އުޅުނީ އަޅުގަނޑުގެ ފަހަތުން ސައިކަލްގައި އައިސް އޭނާގެ އަތުގައި އޮތް ދަގަނޑު ބުރިން އަޅުގަނޑުގެ ބޮލުގައި ޖަހަން. އެކަމަކު އޭނާ ދަގަނޑުބުރިން ޖަހަން އުޅުނު ވަގުތު އަޅުގަނޑު އަތް ބޮލާ ދިމާލަށް ދިއްކޮށްލުމުން އަތުގައި ޖެހުނީ. އަތް ވަރަށް ބޮޑަށް ދުޅަވެ ފަޅައިގެން ގޮސްފައި އޮތީ އަތަށް ވަރަށް ތަދުވޭ،" މަސްއޫދު ވިދާޅުވި އެވެ.
މި ހަމަލާއަށް ފަހު މަސްއޫދަށް ވަނީ ލ. ފޮނަދޫ ސިއްހީމަރުކަޒުން ފަރުވާދީ މިހާރު ދޫކޮށްލާފަ އެވެ.