Ad
Soccer Football - Lionel Messi holds an FC Barcelona press conference - 1899 Auditorium, Camp Nou, Barcelona, Spain - August 8, 2021 Lionel Messi during the press conference REUTERS/Albert Gea
Soccer Football - Lionel Messi holds an FC Barcelona press conference - 1899 Auditorium, Camp Nou, Barcelona, Spain - August 8, 2021 Lionel Messi during the press conference REUTERS/Albert Gea

މެސީގެ ކަރުނައިން ބާސެލޯނާގެ ސަޕޯޓަރުން ރޮެއްވާލައިފި

މިވަގުތު ކުޅިވަރުގެ ދުނިޔޭގައި އެންމެ ގަދައަށް ދެކެވެމުން އަންނަ ވާހަކައަކީ ދުނިޔޭގެ އެންމެ މޮޅު ފުބްޓޯޅަ ކުޅުންތެރިޔާކަމަށް ގިޔަބަޔަކު އެއްބަސްވާ އާޖެންޓީނާއާއި ބާސެލޯނާގެ ކެޕްޓަން، ލިއޮނަލް މެސީ ކުޑައިރުން ފެށިގެން ކުޅެމުން އައި ކުލަބް ދޫކޮއްލަން ނިންމި ވާހަކައެވެ.

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް އާޖެންޓީނާއަށް ކާމިޔާބު ކޮއްދިނުމަށްފަހު ކުރު ޗުއްޓީއަށް ހާދަކުރުމަށްފަހު ބާސެލޯނާއަށް މެސީ ދިޔައީ އާ ކޮންޓްރެކްޓްގައި ސޮއިކޮށް ކުރިއަށް އޮތް ތާންގައިވެސް ބާސާއަށް ކުޅުމުގެ އުންމީދުގައެވެ. މެސީ ހުރީ ކުރިން އޭނާއަށް ލިބެމުން އައި މުސާރައިގެ ފަންސާސް އިންސައްތަ މަދުކޮށްގެންވެސް ބާސާއަށް ސޮއިކުރާށެވެ. ނަމަވެސް ހުރިހާކަމެއް ބަދަލުވެ ބާސެލޯނާއިން މެސީ ދެން ނުފެންނާނެކަން އެކުލަބުން އިއުލާން ކުރުން ވެގެންދިޔައީ މުޅި ދުނިޔެއަށް ލިބުނު ޝޮކަކަށެވެ. ގަބޫލުކުރަންވެސް ދަތިވިއެވެ. މިހަބަރާއެކު ބާސެލޯނާގެ ރަސްމީ ދަނޑުކައިރިއަށް އެތައްހާސް ބަޔަކު އެއްވެ ހިތާމަ ފާޅުކުރިއެވެ.

ބާސެލޯނާއިން މެސީ ދާކަން އިއުލާންކުރުމަށްފަހު ކަމުގެ ހަޤީޤަތް އޮޅުންފިލުވައިދިނުމަށް އެކްލަބްގެ ރައީސް ނޫސްވެރިންނާ ބައްދަލުކުރިއެވެ.

ބާސާގައި 17 އަހަރު ހޭދަކުރުމަށްފަހު މެސީ ކްލަބު ދޫކޮށްލަން ނިންމީ ލަލީގާގެ ފައިނޭންޝިއަލް ފެއާޕްލޭގެ ތެރެއިން އޭނާގެ އާ ކޮންޓްރެކްޓްގައި ސޮއި ނުކުރެވިގެންނެވެ. މެސީގެ ކޮންޓްރެކްޓް އާކުރުމުގެ މަސައްކަތް ބާސާއިން ކުރި ނަމަވެސް އެކަން ވަނީ ނާކާމިޔާބު ވެފައެވެ. ބާސާއިން ރަސްމީކޮށް ބުނެފައި ވަނީ ކުރިއަށް އޮތް ސީޒަންގައި މެސީ އެޓީމުން ނުފެންނާނެ ކަމަށާއި، ލަލީގާގެ ފައިނޭންޝިއަލް ފެއާ ޕްލޭގެ ގަވާއިދުތަކަށް މެސީގެ އާ ކޮންޓްރެކްޓް ނުފެތޭތީ އެއްބަސްވުން އާ ކުރެވެން ނެތް ކަމަށެވެ.

އެއަށްފަހު އެންމެން އިންތިޒާރު ކުރަމުން ދިޔައީ މެސީގެ ބަހަކަށެވެ. މި އިންތިޒާރުގައި ތިއްބާ މެސީ ވަނީ ކްލަބަށް އަލްވަދާއު ކިޔުމަށް ބާސެލޯނާގެ ދަނޑުގައި ޚާއްޞަ ޕްރެސްއެއް ބާއްވާފައެވެ. މި ޕްރެސް ފެށުމުގެ ކުރިން އޭނާއަށް ވަރަށް ބޮޑަށް ގިސްލައި ރޮއެވެ. އަދި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެމުންވެސް ގިސްލަ ގިސްލާ ރޮއި މަންޒަރު ފެނުނެވެ. އެ މަންޒަރު ބަލަން ތިބި ބާސާގެ އެތައް ކުޅުންތެރިންނަށްވެސް ވަނީ ރޮވިފައެވެ.

"އަހަރެން ހުރީ ބާސާގައި މަޑުކުރަން. މިއީ އަހަރެންގެ ހޯމް، އަހަރެންގެ މުޅި އާއިލާގެ ހޯމް. އަހަރެން ބޭނުންވަނީ ބާސާގައި މަޑުކުރަން. އަހަރެންގެ މުޅި އުމުރު މިތަނުގައި ހޭދަކޮށްފައި މި ޖެހުނީ އެހުރިހާ ކަމެއް ދޫކޮށްލަން. އަހަރެން ހުރީ ބާސާއާއެކު ކުރިއަށްދާން އެއްބަސްވެގެން. އެކަމަށް ކްލަބާއެކު އެއްބަސްވެ ސޮއިކުރަން އުޅުނު ހިސާބުން ލަލީގާގެ ކަންކަން ބަލައި، އެ ކޮންޓްރެކްޓްގައި ސޮއި ނުކުރެވުނީ. ކްލަބުގައި މަޑުކުރަން އަހަރެން ހުރިހާ ކަމެއްވެސް ކުރިން،" ހިތާމައާއެކު މެސީ ބުނެފައިވެއެވެ.

މެސީ ބާސާއާ ވަކިވެ ދިޔައީ އެ ކްލަބުގެ ޔޫތު ސިސްޓަމުން ފެށިގެން އެތައް އަހަރެއް ހޭދަކުރުމަށް ފަހުގައެވެ. މިހާރު އުމުރުން 34 އަހަރުގެ މެސީ، 2004 ގައި ބާސާގެ ސީނިއާ ޓީމާ ގުޅުމުގެ ކުރިން އޭނާ ވަނީ ތިން އަހަރު ދުވަހު ބާސާގެ ޔޫތު ޓީމުތަކަށް ވެސް ކުޅެފައެވެ. އޭގެ ފަހުން މެސީ ވަނީ ބާސާ ޖާޒީގައި 672 ގޯލު ޖަހައި، 10 ފަހަރަށް ލަލީގާ ކާމިޔާބު ކޮށް، އެ ކްލަބާއެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގުވެސް އުފުލާލައިފައެވެ. މެސީއަކީ މިހާތަނަށް ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ވަރަށް ގިނަ ބަޔަކު އެއްބަސްވެއެވެ. އޭނާ ވަނީ ހަ ފަހަރަށް ބެލޮންޑިއޯވެސް ހޯދައިފައެވެ.

މި ވަގުތު ބާސެލޯނާ އަށް ކުޅެމުން އަންނަ ޖެރާޑް ޕީކޭ އާއި ސާޖިއޯ ބުސްކެޓްސް އާއި ކުރިން ބާސެލޯނާ އަށް ކުޅުނު ޒަވީ ހެނާންޑޭޒާއި ކާލެސް ޕުޔޯލް ފަދަ ކުޅުންތެރިން މި ޕްރެސްގައި ބައިވެރިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *