Ad

ދޮގު ހެދުން: ފަނާކުރުވަނިވި ޢަމަލެއް!

ދޮގު ހެދުމަކީ ހުރިހާ ގޯސް ކަމެއްގެ އަސްލު ކަމަށް މީހުން ބުނާތީ އަހަމު އެވެ.

ހިޔާނާތް ތެރިކަމުގެ އެންމެ ކުޑަ މިންވަރަކީ ވެސް ދޮގެވެ! ދޮގުހެދުމަށް އާދަ ވެއްޖެމީހަކު ގިނަފަހަރަށް އެއަށް ވުރެ ބޮޑެތި ކުށް ތަކަށް ވެސް އަރައި ގަންނާކަށް ފަސްނުޖެހޭނެއެވެ.

ގިނައިން ދޮގު ހަދާ ވަރަކަށް ދޮގު ހަދަން އާދަވެ، ފަސޭހަ ވެއެވެ!

މީހުން ހީ ސަމާސާ ކުރުމުގަ އާއި، ކުޅުމުގެ ތެރޭގައި ވެސް ދޮގު ހަދަ އެވެ. މިހެން ހަދާ ދޮގަކީ އެހެން މީހުންނަށް މާބޮޑު ގެއްލުމެއް އޭގެސަބަބުން ލިބޭ ކަމަކަށް ނުވިޔަސް، އެއީ އެދޮގު ހެދި މީހާޔަށް ނޭނގި ނަމަވެސް އަމިއްލަ ނަފްސަށް ދެވޭ ވަރަށް ބޮޑު ދެރައެކެވެ. 2016 ވަނަ އަހަރު “ނޭޗަރ ނިއުރޯސައެންސް” ކިޔާ ޖާނަލެއްގައި ޑިއޫކް ޔުނިވަރސިޓީގެ ސައިކޮލޮޖީ ޕްރޮފެސަރު ޑޭން އެރިލީ އާއި އޭނާއާއެކު މަސައްކަތްކުރާ އެކުވެރިން ހާމަ ކޮށްފައިވާ ގޮތުން ތެދުވެރިނުވުން އިންސާނާގެ ސިކުނޑި މަސައްކަތް ކުރާ ގޮތް ބަދަލު ކޮށްލައެވެ. މީގެ ސަބަބުން މުސްތަޤް ބަލުގައި އެމީހާއަށް، އެއްވެސް ބިރެއް، ޖެހިލުމެއް ނެތި ދޮގު ހަދަން ފަސޭހަ ވެއެވެ.  މީގެ އިތުރުން ކުދިކުދި ދޮގުން ވެސް އެހެން މީހުން ކުރިމަތީ ތިމާގެ ބަހުގެ އަގު އަމިއްލައަށް ވައްޓާލެވެއެވެ. އަދި އެމީހަކީ އިތުބާރު ނުކުރެވޭނެ މީހެއްގެ ގޮތުގައި އެހެން މީހުން ދެކެން ފަށައެވެ.

ކުޑަ ކަމެއްގައި ދޮގުހަދާ މީހާ އެއަށް ވުރެ ބޮޑެތި ދޮގުވެސް ހަދާނެއެވެ!

އެއްވެސް ގޯސް ކަމެއް ކޮށްފައި އެކަމެއް ފޮރުވުމަށްޓަކައި މަސައްކަތްކުރާއިރު، މަތި މައްޗަށް ދޮގު ހަދަން ޖެހެއެވެ. ވައްކަން ކުރުން، އަމާނާތަކަށް ޚިޔާނާތް ތެރިވުން، ބޭވަފާތެރިވުން މި ކަންކަމަކީ އާއިލާއެއް އަދި އާންމު ވެއްޖެނަމަ މުޖްތަމައު ވެސް ހަލާކުވެގެން ހިންގައިދާނެ ނުރައްކާތެރި ޢަމަލުތަކެވެ. ހަމަ އެހެންމެ މި ކަންކަމަކީ އަޅުގަނޑުމެންމީ އިންސާނުންނަށް ވީތީ ބައެއް ފަހަރު ޝައިތޯނީ ވަސްވާހުގައި ޖެހިގެން ކުރެވިދާނެ ކަންކަމެވެ. ނަމަވެސް ތިމާއީ ކޮންމެ ހާލަތެއްގައި ވެސް ތެދު ބަހުން ވާހަކަ ދެއްކުމުގެ ރީތި ސިފަ އާދަ ވެފައިވާ މީހެއް ނަމަ ލަހެއް ނުވެ ކުރެވުނު ކުށަށް އިޢުތިރާފް ވާން އޭނާގެ ޒަމީރު މަޖުބޫރު ކުރުވާނެއެވެ. އަދި ދެވަނަ ފަހަރަށް އެފަދަ ކަމެއް ނުކުރުމަށް ޢަޒުމް ކަނޑައަޅާ އެ އަޒުމްގައި ސާބިތުވެ ހުންނަން ފަސޭހަ ވާނެއެވެ. ގޯސް ކަމެއް ކުރެވުމަށް ފަހު އެކަމަށް ތައުބާވެ އަލުން ރަނގަޅު މަގަށް އައުމަކީ އިންސާނަކަށް ދުލުން ބަޔާން ކޮށްދޭން ދަތި ހިތްހަމަ ޖެހޭ އިޙްސާސް ތަކެއް ލިބޭ ކަމެކެވެ. އަދި އޭނާގެ އީމާންތެރިކަން ވެސް ގަދަވާ ކަމެކެވެ.

 ދޮގުހަދާ މީހުން ގިނަ ވެއްޖެ ނަމަ އެ މުޖްތަމަޢު އެއްގައި ކުށް ކުރާ މީހުންވެސް ގިނަވާނެއެވެ!

ދޮގު ޚަބަރު ފެތުރުން، ވަޒީފާގެ ނާޖާއިޒް ފައިދާ ނެގުން، ރިޝްވަތު ދިނުން އަދި ރިޝްވަތު ހިފުން، ދޮގު ހެކި ދިނުން މިއީ ކެންސަރެއް ފަދަ ނުރައްކާތެރި ވަބާތަކެވެ. އަދި އަމްދުން އިސްލާމީ ވެރިކަމެއް ހިންގާ އިސްލާމީ ޤައުމެއްގައި އެއްގޮތަކަށް ވެސް ފެނިގެން ނުވާނޭ ނުބައި ކަންކަމެވެ. ނަމަވެސް ހިތާމަޔާ އެކު ދަންނަވަން ޖެހެނީ ދިވެހިރާއްޖޭގައި ކަންކަން އޮތީ މިއާ މުޅިން ޚިލާފަށް ކަމަށެވެ. “ޕޮލިޓީޝަންސް” ކެމްޕެއިން ކުރާއިރު އެހެން މީހެއްގެ އަބުރަކަށް ޢިއްޒަތަކަށް، ތެދެއް ދޮގެއް ބެލުމެއް ނެތި ހަރު އަޑުން ވާހަކަ ދައްކަނީއެވެ. އެއީވެސް ހަމަ އިންސާނެކެވެ. ދޮގުހެދުމާއި ގަސްދުގައި އެހެން މީހަކަށް އަނިޔާއެއް ދިނުމަށް އެ ބުނެވޭ ނޭދެވޭ ބަސްތަކުން ހުދު ތިމާގެ ނަފްސަށް ލިބެމުންދާ ގެއްލުން އިޙްސާސްވެސް ނުކުރެވެއެވެ! ދުނިޔޭގެ އަވާގައި ޖެހި ޝައިތޯނާއަށް  ބޯލަނބައިފި މީހަކު މަރުވާނެ ކަމާއި ހިސާބު ބެއްލެވޭނޭ ދުވަހެއް އަންނާނެކަން ވެސް ހަނދާން ނުހުރެ އެވެ. އެމީހަކު ބުނާ ކޮންމެ ބަހެއް، ކުރާ ކޮންމެ ޢަމަލެއް ވަގުތުން ލިޔުއްވަވަމުން ގެންދަވާ ދެ މަލާއިކަތުން އޭނާއާ އެކީ ވާކަމުގެ އިޙްސާސް ވެސް ނުހުރެއެވެ. ބިރެއް ކަންބޮޑުވުމެއް ނެތެވެ.

ދޮގު ހެދުމަކީ ހަމަ ހުރިހާ ކުދި، ބޮޑު އެންމެހާ ނުބައި ކަންކަމުގެ އަސްލެވެ. އަހަރުމެން ތެދު ބަހުން ވާހަކަ ދައްކަން އާދަކޮށް އެ ރީތި އާދަ އަހަރުމެންގެ ދަރިންނަށް ވެސް ދަސްކޮށް ދޭން ޖެހެއެވެ. ހެޔޮ މުޖުތަމައެއް ބިނާކުރުމަށްޓަކައެވެ.

 

 

 

 

 

 

 

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *