Ad

97 ކިލޯ މަސްތުވާތަކެތީގެ މައްސަލާގައި 2 މީހުންވެސް ބަންދުން ދޫވީ ދައުލަތު މުވައްސަސާ ތަކުގެ އިހުމާލު އޮވެގެން: ދިފާޢީ ވަކީލު

އައްޑު އަތޮޅު ހިތަދޫ ކަނޑުތެރެއިން 97 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށް ދަޢުވާކުރި މީހުންގެ ތެރެއިން އިއްޔެ ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބަންދުން ދޫކޮށްލި 2 މީހުންވެސް ބަންދުން ދޫކޮށްލާފައިވަނީ ދައުލަތުގެ މުއައްސަސާތަކުގެ ޤާނޫނީ ޒިންމާ އަދާނުކުރެވި އެފަރާތްތަކާމެދު އިހުމާލުވެފައިވާތީކަމުގައި، ބަންދުން ދޫކޮށްލި މީހެއްގެ ޤާނޫނީ ވަކީލު ޝަޛީމު ވަޙީދު ވިދާޅުއްޖެއެވެ.

އިރުވަރު ނޫހުންކުރި ސުވާލަކަށް ޖަވާބުދެމުން ވަކީލު ޝަޛީމު ވިދާޅުވީ، އިބްތިދާޢީ އަޑުއެހުންތައް ފެބުރުއަރީ މަހުގައި ފެށިއިރު، ޤާނޫނު ލާޒިމުކުރާ ފަދައިން ކޮންމެ 30 ދުވަހަކުން ޝަރީޢަތް ނިމެންދެން ބަންދު މުރާޖަޢާ ކުރުމަށްޓަކައި އަޑުއެހުމެއް ބާއްވަންޖެހެއެވެ. މިގޮތުގެ މަތީން ބޭއްވުނު ކޮންމެ އަޑުއެހުމެއްގައިވެސް ދައުލަތުން އެދުނީ ދަޢުވާ ލިބޭ ފަރާތްތަށް ޝަރީޢަތުން ގޮތެއް ނިމެންދެން ބަންދުކުރުމަށްޓަކައި ނެރެފައިވާ އަމުރު ދެމެހެއްޓުމަށެވެ. އެހެން ނަމަވެސް، ދަޢުވާލިބޭ ފަރާތްތަކުގެ އަސާސީ އިންސާނީ ޙައްޤުތަށް ދައުލަތަށް ކަށަވަރު ކޮށްދެވިފައި ނުވެއެވެ.

ބަންދުން ދޫކޮށްލި ދެމީހުންނަކީވެސް ސީރިޔަސް ޞިއްޙީ މައްސަލަތަކެއް ކުރިމަތިވެފައިވާ ދެމީހުންކަމުގައިވީއިރު، އެއްވެސް މީހަކަށް އެކަށީގެންވާ ބޭސް ފަރުވާ ޖަލުގައި ލިބިފައިނުވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން ޞިއްޙީ މައްސަލަތަކުގައި ބަންދުން ދޫކުރުމުގައި ޢަމަލުކުރާނެ އުޞޫލެއް ޤާއިމުކޮށްފައިވާއިރު، ބަންދުން ދޫކޮށްލެވޭ ޙާލަތަކީ، ބަންދުގައި ހުރި ހުރުމުގައި ފަރުވާދިނުމުގައި ޤައިދީއާމެދު ޤާނޫނު ތަންފީޒުކުރާ އިދާރާއިން އިހުމާލުވެފައިވާނަމަކަމުގައި ބަޔާންކޮށްފައިވެއެވެ. ދައުލަތުން ވިދާޅުވެފައިވަނީ ބަންދުގައި ތިބި ދެމީހުންނަށް ބޭސް ފަރުވާކުރެވެމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް، ދަޢުވާލިބޭ ފަރާތްތައް އެކަމަށްކުރީ އިންކާރެވެ. އެފަރާތްތަކުން ބުނެފައިވަނީ، ރަނގަޅު ފެންވަރެއްގެ ޑޮކްޓަރަކަށްވެސް ދެއްކުމުގައި ކަރެކްޝަނުން އިހުމާލުވިކަމަށާއި، ޑޮކްޓަރުން ދޭ ބޭސް ބޭނުންކުރާނެ ގޮތެއްވެސް ބަޔާންކޮށްފައި ނުވާ ކަމަށެވެ. އަދި، ގިނަ ފަހަރު ބޭސްވެސް ނުލިބޭ ކަމަށެވެ. ހިއުމަން ރައިޓްސް ކޮމިޝަނަކީ މިފަދަ ޙާލަތްތަކުގައި އިންސާނީ ޙައްޤުތަށް ކަށަވަރުކޮށްދިނުމަށްޓަކައި ޤާނޫނުން މަސްއޫލިއްޔަތު މަތިކޮށްފައިވާ މުއައްސަސާއެވެ. ކޯޓުން އެދުނީ، ރަނގަޅު ބޭސް ފަރުވާއެއް ބަންދުގައި ތިބި މީހުންނަށް ލިބޭތޯ ކަށަވަރުކޮށްދިނުމަށެވެ. އެހެން ނަމަވެސް، އޭގެން އަމުރަކަށް އެކޮމިޝަނުން ތަބައެއް ނުވިއެވެ.

ކޯޓުތަކާބެހޭ ޤާނޫނުގެ ދަށުން ކޯޓަކުންކުރާ އަމުރަކަށް ދައުލަތުގެ ހުރިހާ މުއައްސަސާއަކުންވެސް އަދި ޢާންމު ފަރުދުންނާއި ޤާނޫނީ ޝަޚުޞުން ތަބާވެ ޢަމަލުކުރަންޖެހޭނެއެވެ. ހިއުމަން ރައިޓްސް ކޮމިޝަންގެ މައްޗަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި އެއްވެސް އަމުރަކަށް އެކޮމިޝަނުން ޢަމަލެއްނުކުރިއެވެ. މީގެ އިތުރުންވެސް، މިހާރު ޝަރީޢަތުން ގޮތެއް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން އެމީހުންގެ ބޭސް ފަރުވާ މައްސަލާގައި އެކަށީގެންވާ ފަރުވާއެއް ނުލިބޭތީ ހިއުމަން ރައިޓްސް ކޮމިޝަނަށް މައްސަލަ ހުށަހަޅާފައިވާއިރު، އަދި މިހާތަނަށް އޭގެން އެއްވެސް މައްސަލައެއް ތަޙްޤީޤުކޮށް އެކޮމިޝަނަށް ފިޔަވަޅު އެޅިފައިވެސް ނުވެއެވެ.

ޢާންމު ވިސްނުމަކުން ވިސްނާލާއިރުވެސް، ޖަލެއްގައި ބަންދުކޮށްފައިވާ މީހަކީ އޭނާގެ އިންސާނީ އަދި އަސާސީ ޙައްޤުތައް ހިފެހެއްޓިފައިވާ މީހެކެވެ. އެޙައްޤުތައް އޭނާއަށް ޖަލުގައި ހުންނަ ހުރުމުގައި ލިބޭތޯ ކަށަވަރުކުރުމަކީ ދައުލަތުގެ ޒިންމާއެކެވެ. ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ޖަލުތަކަށް ޒިޔާރަތް ކުރުމުގެ ސަގާފަތް އުވި ގޮސްފައިވާކަމުގައި ބައެއް ދިފާޢީ ވަކީލުން ބުނެއެވެ.

ޖިނާޢީ އިޖުރާއާތުގެ ޤާނޫނަށް ގެނެވުނު އިޞްލާޙުތަކާއެކު، މީހެއްގެ މައްޗަށް ކުރެވޭ ޖިނާޢީ ދަޢުވާގައި އިބްތިދާޢީ މަރުޙަލާނިމި، ޝަރުޢީ މަރުޙަލާ ފެށި، ހެކިންގެ ހެކިބަސް ނެގުމުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ނެގުމަކީ ދަޢުވާލިބޭ ފަރާތުގެ ރުހުމުގެ މައްޗަށް ބިނާވާކަމެކެވެ. އެއްޙާޟިރެއްގައި ޝަރީޢަތްކުރެވުމަކީ ޤާނޫނުން ލިބިދޭ ޙައްޤެއްކަމުގައިވީއިރު، ހިތަދޫ ކޯޓަށް ޝަރީޢަތަށް ދަޢުވާ ލިބުނު ދެފަރާތްވެސް ޙާޟިރުކޮށްދިނުމަށްޓަކައި ކުރި އަމުރަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ދީފައިވާ ޖަވާބަކީ، ކޮވިޑް ޙާލަތާއިހުރެ ޙާލަތު ނިޔާކުރާ ގޮތުން އެފަރާތްތަށް ހިތަދޫ ކޯޓަށް ޙާޟިރުކޮށްދެވޭކަށްނެތް ކަމަށެވެ. އެހެން ނަމަވެސް، ކޮވިޑް ޙާލަތާއިހުރެވެސް ރާއްޖޭގެ އެތެރޭގެ ދަތުރު ފަތުރުކުރުމުގެ ނިޒާމު ހުއްޓުމެއްނެތި އެބަ ކުރިޔަށްދެއެވެ. ޝަރީޢަތުން ގޮތެއް ނިމެންދެން ބަންދުކޮށްފައިތިބި ބަޔަކު ކޮވިޑް ޙާލަތާއިހުރެ ޙާޟިރުކުރަންޖެހޭ ކޯޓަށް ހެކިބަސް ނެގުމަށްޓަކައި ޙާޟިރު ނުކުރެވޭނެ ކަމުގައި ދައުލަތުގެ އިދާރާއަކުން ބުނުމަކީ އަސާސެއްނެތް ކަމެކެވެ. މިސަބަބާހުރެ ބަންދުން ދޫކޮށްލި ދެމީހުންގެ ޝަރީޢަތް އޮތީ ހުއްޓިފައެވެ. ޝަރީޢަތްކުރެވޭނެ އެއްވެސް މާޙައުލެއްވެސް ނެތެވެ.

ކޯޓެއްގައި ހިނގަމުންދާ ޝަރީޢަތާއި ގުޅޭ ކަމެއްގައި ކޮވިޑް އުޒުރަކަށް ހަދައި ޤާނޫނީ ޒިންމާ އަދާނުކޮށް ތިބުން ދައުލަތުގެ ޒިންމާއަކަށް ވެގެންނުވާނެއެވެ. ބަންދެއްގައި މީހަކު ހުއްޓަކަސް ބޭސް ފަރުވާ އާއި ޢާއިލާއާއި ވާހަކަ ދެއްކުމާއި މިނޫންވެސް އެއްވެސް އަސާސީ ޙައްޤަކުން އެމީހަކު މަޙްރޫމެއް ނުކުރެވޭނެއެވެ.

ޤާނޫނީ ވަކީލު ޝަޛީމު ވަހީދަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ކުޅަދާނަ އެއް ޤާނޫނީ ވަކީލެވެ. ޝަޛީމު ގެންދަވަނީ ޖިނާޢީ ބޮޑެތި މައްސަލަތަކުގައި ވަކާލާތުކުރައްވާ ޤާނޫނުން ލިބިދޭ ބާރުގެ ބޭނުންކޮށް ބޮޑެތި މައްސަލަތައް ކާމީޔާބުކުރައްވަމުންނެވެ. މިފަދަ ކުޅަދާނަ ވަކީލުންގެ ސަބަބުން ޖިނާޢީ މައްސަލަތަކުގައި ދައުލަތުންނާއި ކޯޓުތަކުން ހަދަމުންދާ ގޯސްތައް ބޭޒާރު ވަމުންދާކަން ފާހަގަކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. Mihaa gina adhadhakah masthuvaa thakethi etherekurumakee gaumee inaamu libenjehey kameh. Bandhu kuri police officer in jeheynee vazeefaain vakikoh jalah fonuvaan

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *