Ad
ޕަވަންދީޕް އިނާމު ލިބިގަންނަނީ
ޕަވަންދީޕް އިނާމު ލިބިގަންނަނީ

އިންޑިއަށް އައިޑޮލް-12: ތާރީޚީ އެއް ވަނަ ޕަވަންދީޕަށް

އެކުވެރިންނާއެކު 10 ދުވަހުގެ ރޯޑު ޝޯއަކަށް ދާން އޮތީ ރާވާފައި

އިންޑިޔާ ތާރީޚުގައި މިހާތަނަށް އެންމެ ކާމިޔާބު އެއް ޓީވީ ޝޯ ކަމަށްވާ އިންޑިއަން އައިޑަލް12ގެ އެއް ވަނަ ޕަވަންދީޕް ރާޖަން ހޯދާ އޭނާ ތާރީޚުގެ ތެރެއަށް ވަދެއްޖެއެވެ. އޭނާ ވެގެން ގޮސްފައިވަނީ މިހާތަނަށް ރިއަލިޓީ ޝޯއެއްގެ ބައިވެރިއަކު އެންމެ ގިނަ އެސްއެމްއެސް ހޯދި ބައިވެރިޔާއަށް ވެސް މެއެވެ. އޯޑިއަންސްގެ ތާއީދު އޭނާއަށް އޮތީ އާދަޔާ ޚިލާފު ބޮޑުކޮށް ކަމުން، އޭނާއާ އެންމެ ގާތުން ވާދަކުރި އަރުނީތާ އަށް އެއްވަނަ ޓްރޮޕީ އުފުލާލެވޭނެ ގޮތެއް ނުވިއެވެ. އޭނާއަށް ލިބުނީ މުބާރާތުގެ ދެވަނަ އެވެ.

ސޮނީ ޓީވީއިން އޮންލައިންކޮށްވެސް ލައިވްކޮށް ދެއްވި ޝޯގައި ރޭ ޕަވަންދީޕަށް މުބާރާތުގެ އެއްވަނަ ޓްރޮފީގެ އިތުރުން 25 ލައްކަ ރުޕީސް އާއި މަރޫތީ ސުޒުކީ ބްރޭންޑުގެ މުޅި އައު ސްވިޓް ކާރެއްގެ އިތުރުން ވެސް ތަފާތު އިނާމުތައް ލިބިގެން ދިޔައެވެ.

ޝޯއަށް ފަހު ޕަވަންދީޕް ބުނެފައި ވަނީ އޭނާއާއެކު ފައިނަލަށް ދިޔަ ހަ ބައިވެރިންނަކީ އެއް އާއިލާއެއް ފަދަ ގާތް އެކުވެރިންތަކެއް ކަމަށެވެ. އަދި އެ ހަ އެކުވެރިންނާއެކު 10 ދުވަހުގެ ރޯޑު ޝޯއަކަށް ދާން ނިންމާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ފުރަތަމަ ހަ ބައިވެރިންވެސް ދާނީ އެމީހުންގެ އާއިލާއާ އެކު ވަގުތު ކޮޅެއް ހޭދަކޮށްލަން. އެއަށް ފަހު 10 ދުވަހުގެ ރޯޑު ޝޯއަކަށް ދާނީ،" ޕަވަންދީޕް މީޑިޔާ އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

ޕަވަންދީޕް ބޭނުން ވަނީ ރޯޑް ޝޯ ނިންމައި ބޮމްބޭއަށް ގޮސް، ހަ ކުދިން ވެސް އެއް އިމާރާތަކުން ފްލެޓް ގަނެ، އެކީ ދިރިއުޅޭށެވެ. އެ ހުރިހާ ކަމެއް ވެސް އެކުދިން ވަނީ މާކުރިން ރާވައި، ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތްތައް ވެސް ހިއްސާކޮށްފައެވެ.

ޕަވަންދީޕް ބޭނުންވަނީ ގަދަ ހައެއްގެ ބައިވެރިން އެކީގައި މިއުޒިކުގެ ފަންނުގައި ކުރިއަށް ދިއުމަށެވެ. އެކަމަށްޓަކައި ގްރޫޕެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކޮށް މުސްތަގުބަލު ކާމިޔާބު ކުރުމަކީ އޭނާގެ މިހާރުގެ އެންމެ ބޮޑު އުންމީދެވެ.

ލޯބީގެ ހަޔާތާ ބެހޭ ގޮތުން ސުވާލު ކުރުމުން ޕަވަންދީޕް ބުނީ އެކަހަލަ ކަމަކާ ވިސްނޭ ވަރަށްވުރެ މުބާރާތުގެ ސީރިއަސްކަން ބޮޑުވި ކަމަށެވެ. އަދި ވަގުތު ޖެހުމުން މީޑިޔާއިން ފޮޓޯތައް ފެންނާނެ ކަމަށް ބުނެ ރަކި ގޮތަކަށް އޭނާ ހިނިތުންވެލިއެވެ.

ޕަވަންދީޕް އެންމެ މަޝްހޫރު ވެފައިވަނީ މިއުޒިކުގެ ގިނަ ވައްތަރު އާލާތްތައް ކުޅޭ ކުޅަދާނަ ފަންނާނެއްގެ ގޮތުގައެވެ. އަދި ކޮންމެ ސްކޭލެއްގެ ލަވައެއްވެސް ފަސޭހަ ކަމާއެކު ކިޔާލައި ބެލުންތެރިންނާއި ފަނޑިޔާރުންގެ ހިތްތައް ފަތަހަ ކުރި ޒުވާން ހުނަވެރިއެއްގެ ގޮތުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *