Ad

ފުޓްބޯޅައިގައި ބޮޑު ރެޔެއް. ޔޫރަޕްގެ އެންމެ ވަރުގަދަ 4 ލީގުގެ އެންމެ ފޯރިގަދަ މެޗްތައް!

މިރެޔަކީ ޔޫރަޕްގައި ފޯރިގަދަ މެޗްތަކެއް ކުޅޭނެ ރެޔެކެވެ. ޔޫރަޕްގެ އެންމެ ވަރުގަދަ 4 ލީގުގެ އެންމެ ފޯރިގަދަ މެޗްތަކުގެ ގޮތުގައި ބެލެވޭ މެޗްތައް މިރޭ ކުޅޭނެއެވެ.

މެންޗެސްޓަރ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރާ މެޗްތަކަކީ ޕްރިމިއާ ލީގުގައި އެންމެ ފޯރިގަދަ މެޗް ތަކެވެ. މިއީ އިނގެރޭސި އެންމެ ކާމިޔާބު ދެޓީމެވެ. އަދި އެންމެ ވާދަވެރި ދެ ޓީމެވެ. މި ދެޓީމުގެ ކުރިމަތިލުންތައް މީގެކުރިން ނިމިގެންގޮސްފައިވަނީ ވަރަށް ވާދަވެރި ކޮށެވެ. މިރޭގެ މެޗާއި މި ދެޓީމު ކުރިމަތިލާއިރު ލިވަޕޫލް އޮތީ ތަފާތު ފޯމެއްގައެވެ. މި ސީޒަންގައި އެޓީމް އަދި ބައްޔެއް ނުވެއެވެ. މިރޭގެ މެޗް ކާމިޔާބުކޮށްގެން ލީގުގެ ދެވަނަ މަޤާމަށް ލިވަޕޫލަށް އެރޭނެއެވެ. ޔުނައިޑެޓްގެ ދަނޑުގައި ކުޅޭ މިމެޗް ފަށާނީ ރާއްޖޭގަޑިން 8:30 ގައެވެ.

ރިއަލްމެޑްރިޑާއި ބާސެލޯނާ ބައްދަލު ކުރާ މެޗްތަކަކީ ސްޕެނިޝް ލީގުގެ އެންމެ ފޯރިގަދަ މެޗެވެ. މިއީ ސްޕެއިންގެ އެންމެ ވާދަވެރި ދެޓީމެވެ. މިމެޗާ ކުރިމަތިލާއިރު ބާސެލޯނާގެ ހާލަތު އެހާ ރަނގަޅެއް ނޫނެވެ. ލީގުގައި އެޓީމް އަދި ފެންނަނީ އެންމެ ރަނގަޅު ފޯމުގައި ނޫނެވެ. މިމެޗް ކާމިޔާބުކޮށް ލީގުގެ 1 ވަނައަށް އެރުމުގެ ފުރުޞަތު ރިއަލް މެޑްރިޑަށް އެބައޮތެވެ. ބާސެލޯނާގެ ދަނޑުގައި ކުޅޭ މިމެޗް ފަށާނީ ރާއްޖޭ ގަޑިން 7:15 ގައެވެ.

އިޓަލިއަން ސެރީއާގައި އެންމެ ފޯރިގަދަ ކުރިމަތިލުމަކީ ޔުވެންޓަސްއާއި އިންޓަމިލާންގެ ކުރިމަތި ލުމެވެ. މި ދެޓީމަކީ އެންމެ ފަހުން ލީގު ކާމިޔާބުކުރި ދެ ޓީމެވެ. ލީގުގެ މިހާރުގެ ހާލަތަށް ބަލާ މިމެޗަކީ ފޯރިގަދަވާނެ މެޗެއްގެ ގޮތުގައި ބެލެވެއެވެ. އިންޓަރމިލާންގެ ދަނޑުގައި ކުޅޭ މިމެޗް ފަށާނީ ރާއްޖޭ ގަޑިން މިރޭ 11:45 އެވެ.

ފްރާންސް ލީގުގައި ޕީއެސްޖީގައި ތިބި ކުޅުންތެރިންނާ ބަލާ އެޓީމާ ވާދަކޮށްލެވޭ ވަރުގެ ޓީމެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަމަވެސް ފްރާންސް ލީގުގައި އެންމެ ވާދަވެރި މެޗްގެ ގޮތުގައި ބެލެވެނީ ޕީއެސްޖީއާ މާސެލް ކުރިމަތިލުން ތަކެވެ. މިމެޗް ކާމިޔާބުކޮށްގެން ލީގުގެ 2 ވަނައަށް އެރުމުގެ ފުރުޞަތު މާސެލްއަށް ލިބޭނެއެވެ. މާސެލް ދަނޑުގައި ކުޅޭ މި މެޗް ފަށާނީ ރާއްޖޭގަޑިން 11:45 ގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *