ދިއްފުއްޓަށް ރެކޯޑު އަދަދަކަށް ވާރޭވެހިއްޖެ

ދިއްފުއްޓަށް ރެކޯޑު އަދަދަކަށް ވާރޭވެހިއްޖެ އެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ބުނެފައިވަނީ އިއްޔެގެ ހެނދުނު 8:00 އިން މިއަދުގެ ހެނދުނު 8:00 އާއި ދެމެދު 296.1 މިލްމީޓާރުގެ ވާރޭ ދިއްފުއްޓަށް ވެހިފައިވާ ކަމަށެވެ. މެޓް އޮފީހުން އާއްމުކޮށްފައިވާ ރާއްޖޭގެ ރަށްތަކަށް ވާރޭވެހިފައިވާ ރެކޯޑް ތަކަށް ބަލާއިރު މީގެ ކުރިން 24 ގަޑިއިރުގެ ތެރޭގައި އެއްމެ ގިނައިން ވާރޭ ވެހިފައިވަނީ 2024 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 12 ވަނަ ދުވަހު ހއ.ކެލައަށެވެ. އެދުވަހު ކެލައަށް 231.5 މިލްމީޓާރުގެ ވާރޭ ވެހިފައިވެއެވެ.

ހއ.ކެލާގެ ކުރިން އެއްމެ ގިނައިން ވާރޭ ވެހިފައިވަނީ 5 ޑިސެމްބަރ 2018 ވަނަ ދުވަހު ކ.މާލެ އަށެވެ. އެދުވަހު މާލެއަށް 228.9 މިލްމީޓާރުގެ ވާރޭ ވެހިފައިވާއިރު އޭގެ ކުރިން އެއްމެ ގިނައިން ވާރޭހިފައިވަނީ 24 ނޮވެމްބަރ 2015 ގައި ސ.ގަމަށެވެ. އެދުވަހު ސ.ގަމަށް 228.4 މިލްމީޓާރުގެ ވާރޭ ވެހިފައިވެއެވެ.

https://x.com/MetMaldives/status/1896093360022311165

މި މަހުގެ 1 ވަނަ ދުވަހު ރާއްޖެއަށް ކުރަންފެށި ވިއްސާރާގައި މިއަދުވެސް ވަނީ ހއ. އަތޮޅުން ފެށިގެން ބ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފައެވެ. މެޓް އޮފީހުން ނެރެފައިވާ ޔެލޯއެލާޓްގައި ބުނެފައިވަނީ މިއަދުގެ 9:30 އިން 13:30 އާއިދެމެދު ހއ އަތޮޅުން ފެށިގެން ބ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި 45 މޭލަށް ވައިވެސް ގަދަވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *