މި ނޫހަށް މަޢުލޫމާތުދިން އައްޑޫގެ ބައެއް ޢާންމު ރައްޔިތުން ބުނެފައިވާ ގޮތުގައި އިއްޔެ އައްޑޫއިން ކަރަންޓު ކެނޑިދާނެކަން ފެނަކައިން ކުރިން އަންގާފައިވާކަމަށެވެ. ނަމަވެސް އިރުއިރުކޮޅާ ކަރަންޓު ކެނޑޭތީ މުޅި ދުވަހު، މުހިންމު ކަރަންޓު ސާމާނު ޖެހުނީ ބޭނުންނުކޮށް ބަހައްޓަންކަމަށެވެ. މި ރޯދަމަހު މިކަން ތަކުރާރުވާނަމަ އާންމުންނަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހޭނެކަމަށް އެމީހުން ފާހަގަކުރޭއެވެ.
އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކައިން 1.6 މެގަވޯޓުގެ ޖަނަރޭޓަރެއް މިދިޔަ ފެބްރުވަރީމަހުގެ ތެރޭގައި ބަހައްޓާފައިވެއެވެ. ނަމަވެސް މިއީ އައްޑޫސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލުކުރަން ފުދޭ މިންވަރު ނޫންކަމަށް އައްޑޫ ސިޓީގެ މޭޔަރު ވިދާޅުވެފައިވެއެވެ.
"ރަމަޟާން މަހަށް އައްޑޫގެ ކަރަންޓްގެ މައްސަލަ އަދި ހައްލެއް ނުވާނެ. މާލެ އިން ގެނައި ޖަނަރޭޓަރ އިން ކަރަންޓް ދިން ނަމަވެސް 2 ޖެނެރޭޓަރ ވަނީ މިވަގުތުވެސް ސްޕެއަރ ނުލިބި ހުއްޓިފަ. ގަޑިއަކުން ގަޑި އަކުން އައްޑޫގެ ގުޅިފައިވާ ރަށްރަށުން ކަރަންޓް މިދަނީ ކަނޑަމުން. ހައްލަކީ ހަގީގީ ހާލަތު ދަނެގަނެ އަދި އެހާލަތު ހާމަކޮށް ، ދައުލަތުން ހަރަދު ކޮށް މައްސަލަ ހައްލު ކޮށްދިނުން. ފެނަކަ ކުންފުނި ވަނީ ބަނގުރޫޓު ހާލަތުގައި." – އައްޑޫ މޭޔަރު ނިޒާރު އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވެއެވެ.
އައްޑޫސީޓީއަށް ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާން ފެށިތާ ޒަމާންތަކެއްވެއްޖެއެވެ. ކޮންމެ ފަހަރަކުވެސް ވަގުތީ ޙައްލެއް ހޯދައި އެ މިންވަރުން ފުއްދާލަނީއެވެ. މިފަހުން ކަރަންޓުގެ މައްސަލަ ދިމާވާން ފެށިތާ އަހަރެއްހާ ދުވަސްވެފައިވާއިރު، މިދިޔަ ޖުލައި މަހުގެ ތެރޭގައި، ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރަކަށް މުޢާޒް މުޙައްމަދު ރަޝީދު ހުންނެވިއިރު، އައްޑޫގެ ކަރަންޓުގެ މައްސަލަ 2 ހަފްތާގެ ތެރޭގައި ޙައްލުކުރާނެކަމަށް ވިދާޅުވެފައިވެއެވެ. އޭގެ ފަހުން މިހާރު 30 ހަފްތާވެއްޖެއެވެ. އަދި މުއާޒު މުޙައްމަދު ރަޝީދުގެ މަޤާމުވެސް ގެއްލިއްޖެއެވެ. އައްޑޫ ރައްޔިތުން އަދިވެސް ތިބީ ކަރަންޓުގެ މައްސަލައިގެ ތެރޭގައެވެ.




