އަނިޔާގެ ސަބަބުން ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުރި ބްރެޒިލްގެ ނޭމާ، 17 މަސް ދުވަހަށް ފަހު ޤައުމީ ޓީމަށް ނެގުމަށްފަހު އަނިޔާގެ ސަބަބުން އެ ފުރުޞަތު ގެއްލިއްޖެއެވެ.
ސައުދީގެ އަލް ހިލާލުން ބްރެޒިލްގެ ސަންތޯސްއަށް ބަދަލުވި ވަނީ މިހާތަނަށް އެ ކްލަބަށް ކުޅެދިން ހަތް މެޗުން ތިން ގޯލު ޖަހައި ތިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ނަމަވެސް ސަންތޯސް އެންމެ ފަހުން ކުޅުނު މެޗްގައި އަނިޔާގެ ސަބަބުން ނޭމާ ނުކުޅެެއެވެ.
ކުރިއަށްއޮތީ ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލްއަށް ވަރުގަދަ ދެ މެޗެވެ. އެ ދެ މެޗުގައި ބްރެޒިލުން ކުޅޭނީ އާޖެންޓީނާ އާއި ކޮލަމްބިއާއާ އެވެ.
ނޭމާ އަކީ ކަފޫ އަށް ފަހު ބްރެޒިލަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އެވެ. ކުރީގެ ކެޕްޓަން، ކަފޫ ވަނީ 142 މެެޗު ބްރެޒިލަށް ކުޅެދީފަ އެވެ. ނޭމާ މިހާތަނަށް 129 މެޗު ވަނީ ކުޅެފައެވެ. ނޭމާގެ ބަދަލުގައި ބްރެޒިލް ޓީމުން ފުރުޞަތު ދިނީ ރިއަލްމެޑްރިޑަށް ކުޅެމުން އަންނަ ޒުވާން ކުޅުންތެރިޔާ އެންޑްރިކަށެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ދެކުނު އެމެރިކާގެ ތާވަލުގައި ބްރެޒިލް އޮތީ ހަތަރުވަނައިގައެވެ. އެއީ، އެއް ވަނައިގައި އޮތް އާޖެންޓީނާ އަށް ވުރެ ހަ ޕޮއިންޓް މަދުން ލިބިގެންނެވެ. ބްރެޒިލުން މި މަހު 21 ގައި ކުޅޭނީ ކޮލަމްބިއާއާ އެވެ. އާޖެންޓީނާއާ ކުޅޭނީ އޭގެ ފަސް ދުވަސް ފަހުންނެވެ.
މި ހަފްތާ ބަންދާއި އާދިއްތަ ދުވަހު ކުލަބްތަކުގެ މެޗްތައް ކުޅުމަށްފަހު މިމަހުގެ ނިޔަލަށް ދެން ކުރިއަށްދާނީ ޤައުމީ ޓީމުގެ މެޗްތަކެވެ.
advertisment
advertisment