ގައުމީ ސަލާމަތާ ގުޅުންހުރި މަޝްރޫޢުތަކަށް ކްރޮސް ސަބްސިޑީގެ ދަށުން އިންވެސްޓް ކުރަންޖެހޭ އަދަދު 100 މިލިއަން ޑޮލަރަށް އިތުރުކޮށްފި

ގައުމީ ސަލާމަތާގުޅުންހުރި މަޝްރޫޢުތަކަށް ކްރޮސް ސަބްސިޑީގެ ދަށުން އިންވެސްޓް ކުރަންޖެހޭ އަދަދު 100 މިލިއަން ޑޮލަރު އިންވެސްޓް ކުރަންޖެހޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ނިންމަވައިފިއެވެ.

މިއަދު ނެރެފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު: 2025/9 (ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހިންގާނޭ މުހިންމު މަޝްރޫޢުތައް ކަނޑައެޅުން) ގައި ވަނީ ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމަށް އެކަށައެޅި އިންވެސްޓްމަންޓް އަދަދުތަކަށް ބަދަލުތައް ގެނެސްފައެވެ.

އެ ގޮތުން 21 މާރިޗް 2025 ގައި ރައީސުލް ޖުމްހޫރިއްޔާ ނެރުއްވާފައިވާ ޤަރާރުގައި ވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ޤައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި ކްރޮސް ސަބްސިޑީ އުސޫލުން މަޝްރޫޢުއެއް ހިންގުމަށްޓަކައި މަދުވެގެން 15 މިލިއަން ޑޮލަރު އިންވެސްޓްކުރަންޖެހޭނެ ކަމަށެވެ.

ނަމަވެސް މިއަދު އެ ގަރާރަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ އެފަދަ މަޝްރޫއުއެއް ކްރޮސް ސަބްސިޑީގެ އުސޫލުން  ހިންގާނަމަ މަދުވެގެން 100 މިލިއަން ޑޮލަރު އިންވެސްޓް ކުރަން ޖެހޭނެ ކަމަށެވެ.

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ގައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި ސަރުކާރުން ބޮޑެތި މަޝްރޫޢުތަކެއް ހިންގުމަށް ތައްޔާރުވަމުންއަންނައިރު، އެ މަޝްރޫޢުތަކުގެ ތަފްސީލްތަކެއް ސަރުކާރުން މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *