މާލޭ ގެއަކަށްވަދެ އެގޭ ވެރިފަރާތާމެދު މާރާމާރީ ހިންގައި ބިރުދެއްކި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހުން ދޫކޮށްލާފައިވާތީ، އިސްތިއުނާފުކުރުމާމެދު ވިސްނަމުންދާކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.
މި މައްސަލާގައި ތުހުމަތުކުރެވޭ އއ. މާޅޮސް، ރީތިހިޔާ، މުހައްމަދު އަފްލާހް، 23، ނ. ވެލިދޫ، އެލަސް، އިބްރާހިމް އަހުނަފް، 21، ނ. މަނަދޫ، ހޭވަލި، މުހައްމަދު އަޒާން، 23، އަދި ތ. ގުރައިދޫ، ފަޒާ، އަލީ ނަވާފު، 21 ކްރިމިނަލް ކޯޓުން ވަނީ ބަންދުން ދޫކޮށްލާފައެވެ. ބަންދުން ދޫކޮށްލާފައިވަނީ ޝަރީޢަތް ނިމެންދެން ބަންދުކޮށްދިނުމަށް ދައުލަތުން އެދިފައިވަނިކޮށެވެ.
ބަންދުން ދޫކޮށްލުމަށް ނިންމެވި ނިންމެވުމުގައިވަނީ ބަންދުގެ މުއްދަތު އިތުރުކޮށްދެވޭ މިންވަރަށް މި މައްސަލާގައި ހެކި ހުށަހަޅާފައިނުވާކަމަށެވެ.
ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގެ ނިންމުން މިހާރު ދިރާސާކުރަމުންދާކަމަށެވެ، އަދި އިސްތިއުނާފު ކުރެވޭނެ ޤާނޫނީ ބިނާއެއް އޮތްނަމަ އިސްތިއުނާފު ކުރުމުގެ ވިސްނުން ހުރިކަމަށެވެ.
އިސްތިއުނާފާމެދު ގޮތެއް ނިންމާނެ ތާރީޚެއް ޕީޖީ އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.




