ދ. އަތޮޅު ރައްޔިތުން ޕިކްނިކް ދާން ހާއްސަ ކުރި އަތޮޅު އުއްދޫގައި ދަތުރު ދާ ފަރާތްތަކަށް ގާއިމްކުރި ފެސިލިޓީތައް ނިންމައި މާދަމާއިން ފެށިގެން ދަތުރުދެވޭގޮތަށް އާއްމުކޮށް ހުޅުވައިލަން ނިންމައިފި އެވެ.
ދ އުއްދޫ އެ އަތޮޅު މީހުން ދަތުރުދާ ރަށެއްގެ ގޮތުގައި ހަމަޖައްސައި އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކޮށްދެއްވަން ރައީސުލް ޖުމްހޫރިއްޔާ ޑރ. މުއިއްޒު ނިންމެވީ ދ މީދުއަށް މާރިޗް މަހު ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުހާތަބްކުރައްވައި ދެއްކެވި ވާހަކަ ފުޅުގައެވެ.
އެއަށްފަހު އެރަށުގައި ދަތުރުދާ ފަރާތްތަކަށް ގާއިމްކޮށްދޭންޖެހޭ ފެސިލިޓީތައް ގާއިމް ކުރުމުގެ މަސައްކަތް ކޮށްފައިވަނީ ލޯކަލް ގަވަރުމަންޓް މިނިސްޓްރީއާއި ސިފައިން ގުޅިގެންނެވެ.
ލޯކަލް ގަވަރުމަންޓް މިނިސްޓަރ އާދަމްް ޝަރީފު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާދަމާ އިން ފެށިގެން ހަފުތާ ބަންދު ދުވަސްތަކާއި، ސަރުކާރު ބަންދު ދުވަސްތަކުގައި ދ. އަތޮޅުގެ ރައްޔިތުންނަށް ކުއްޔަކާ ނުލައި އުއްދު އަށް ޕިކްްނިކް ދެވޭނެ ކަމަށެވެ.
މާަދަމާއިން ފެށިގެން ހަފުތާ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތަކުގައި ދ. އަތޮޅުގެ ރައްޔިތުންނަށް ކުއްޔަކާ ނުލައި ދ. އުއްދޫއަށް ޕިކްްނިކް ދެވޭނެގޮތަށް ވަނީ ހަމަޖެހިފައި.
ޕިކްނިކު ދަތުރާގުޅޭގޮތުން މުޢާމަލާތް ކުރާނެ ނަންބަރު @MoCLPmv އިން މިއަދު ޢާންމު ކުރާނެ pic.twitter.com/NjqKtTACvM— Adam Shareef Umar (@Adamshareefz) April 14, 2025
ލޯކަލް ގަވަރުމަންޓް މިނިސްޓްރީން ބުނެފައިވަނީ އުއްދޫ ބެލެހެއްޓުމަށްޓަކައި އެ މިނިސްޓްރީގެ މުވައްޒަފުން އެރަށުގައި ޙަރަކާތްރިވާނެ ކަމަށާއި އުއްދޫގެ ޕިކްނިކް ދިއުމާގުޅޭ އިތުރު މަޢުލޫމާތު 9108899، 7777848 ނަންބަރު ތަކުން ލިބި ލައްވާނެ ކަމަށެވެ. އުއްދޫ ބެލެހެއްޓުމުގެ ކަންކަން ކުރުމަށް އެ މިނިސްޓްރީން ވަނީ ދެޕިއުޓީ މިނިސްޓަރަކު ހަމަޖައްސާފައެވެ.