ތަހުގީގަށް ހުރަސްއެޅުންފިޔަވައި، މިނިސްޓަރ އަމީން ކޮމިޝަނަރ އޮފް ޕޮލިސްއަށް ގުޅާނެ ބޭނުމެއް ނޯންނާނެކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވިދދާޅުވެއްޖެއެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ފަތިހު ގ. ރަނައުރާގެއާގެ، 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ހ. ފެންޓެނޯއީގޭގެ މަތިން ވެއްޓުނު މައްސަލައިގައި، ރައީސް ޔާމީން އެމަނިކުފާނުގެ ޕީއެންއެފް ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ ތަހުގީގަށް ހުރަސްއަޅަން މިނިސްޓަރ އަމީން ބޭނުން ނުވާނަމަ ކޮމިޝަނާ އޮފް ޕޮލިސް އަށް ގުޅައިގެން ކުރަންޖެހޭ ކަމެއް ނެތް ކަމަށާއި، މި ހާދިސާގައި ފުލުހުން ވެސް ފުރަތަމަ ކުށްވެރި ކުރަން އުޅުނީ އެ އަންހެން ކުއްޖާ ކަމަށާއި ފުލުހުން މިހާރު މަތިޖެހުމުގެ ބޭނުމުގައި ތަފާތު އެކި ވާހަކަތައް ދައްކަމުންދާ ކަމަށެވެ.
އެއީ އަމީނުގެ ބެލުމުގެ ދަށުގައި ހުރި، އަމީނު ކުރުވާފައި އޮތް ކަމެއް މިއީ. އެޔަކުން ދެން މިހާރު ރެކެން އުޅޭނެ ކަމެއް ނެތް،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ފުލުހުން އެމައްސަލައިގެ ތަހުގީގުގެ މައުލޫމާތު ދެއްވަމުން އެ އަންހެންކުއްޖާ ވެއްޓުނު ގޭގައި ސީސީޓީވީ ކެމެތާތައްވެސް ހުއްޓައި ފުލުހުން ގެންދަނީ ދޮގު ހަދަމުން ކަމަށް ވަނީ ވިދަޅުވެފައެވެ. އަދި އެކަމާގުޅިގެން ފުލުހުންގެ މުއައްސަސާއަކީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު ރައްޔިތުންގެ ހައްގު ހިމާޔަތްކޮށް އަދުލުއިންސާފު ގާއިމުކޮށްދިނުމުގެ ގޮތުން ޖިނާއީ ތަހުގީގުތައް ހިންގޭ ވަރުގެ ގާބިލުކަން ހުރި މުއައްސަސާއެއް ކަމަށް ގަބޫލުކުރަން މިހާރު ދަތި ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މިދިޔަ ހުކުރުދުވަހުގެ ރޭ ފަތިހު ޔުމްނު ރަޝީދު ހ. ފެންޓެނޯއީ ގެއަށް ދިއުމުގެ ކުރިން އެރޭ ޔުމްނުއާ އެކު އުޅުނު ހަތް މީހުން ގޮސްފައިވަނީ މިނިސްޓަރ އަމީން ގެ ގެކޮޅުކަމަށްވާ މއ. މާންދޫގޭދެކުނުގެއަށެވެ. އަދި 7 މީހުންގެ ތެރޭގައި މިނިސްޓަރ އަމީން އަށް ބޮޑުބޭބެ ކިޔާ 2 މީހަކު ތިބިކަންވެސް މިހާރުވަނީ ހާމަވެފައެވެ.
އެކަމާގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެ ދެމީހުންނަކީ ރައީސް އޮފީހުގައި ސިޔާސީ މަޤާމުތަކުގައި ތިއްބެވި 2 މީހުން ކަމަށާއި އޭގެތެރެއިން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިކްގެ އަންޑަ ސެކްރެޓަރީގެ މަގާމުގައި ހުންނެވި އިޒުދިޔާން މުހައްމަދު މައުމޫނު އެ މަޤާމުން ވަކި ކުރިއިރު ހަމަ އެމަޤާމުގައި ހުރި ރައީސް އޮފީހުގެ އަންޑާ ސެކްރެޓެރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ ދާއޫދު އަހުމަދު މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރުމަކީވެސް އިންސާފު ނޫން ކަމަށާއި، ދާއޫދުވެސް ވަކިކުރަންޖެހޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.