ކުޑަކުދިންގެ ޢަދުލުގެ ޤައުމީ ފެންވަރުގެ މަހާސިންތާ "ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025″ މި މޭ މަހުގެ 10 އިން 12 އަށް ބޭއްވުމަށް ޕީޖީ އޮފީހުން ތައްޔާރުވެެއްޖެއެވެ.
މިއީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހިމެނޭ ހުރިހާ އިދާރާތަކާއި، ގުޅުންހުރި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ޤައުމީ ފެންވަރުގެ ފުރަތަމަ މަހާސިންތާއެވެ. މި މަހާސިންތާ ޝަރަފުވެރިކޮށްދެއްވުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
މި ކޮންފަރެންސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި މޭ މަހުގެ 10 އިން 12 އަށް ވިލާ ނޯޓިކާ ރިސޯޓުގައެވެ.
މިއީ ޔުނިސެފްގެ އެހީތެރިކަމާއެކު ޕީޖީ އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ މަހާސިންތާއެކެވެ.
މި މަހާސިންތާގެ މީޑިއާ ޕާރޓްނަރުގެ ގޮތުގައި ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމް ހަމަޖެއްސުމަށް ޓީވީ ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތައްފަހު މި ނޫހަށް މަޢުލޫމާތުދެއްވަމުން ޕީޖީ އޮފީހުގެ ތަރުޖަމާނު އަދި ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ޝަފީޢު ވިދާޅުވީ، މި މަހާސިންތާގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ޢަދުލުގެ ނިޒާމަކީ ވަރަށް ހަގު ނިޒާމަކަށްވެފައި، ހުރިހާ އިދާރާތަކުގެ ބައިވެރިވުމާއެކު، އެންމެން އެއްތަންވެ، އެއް އަމާޒަކަށް މަސައްކަތް ކުރާނެ ޕްލެޓްފޯމެއް ޤާއިމުކޮށްދިނުންކަމަށެވެ.
"ކުޑަކުދިން ކުށްކުރާ މިންވަރު އިތުރުވެފައިވާ މި ދަނޑިވަޅުގައި، މި ނިޒާމުގައި ހުރި މައްސަލަތަކާއި، އޮޅުންއަރާ ކަންކަން އަދާހަމަކޮށް އިސްލާޙްކުރުމުގެ ބޭނުންތެރިކަން ބޮޑު. އަޅުގަނޑުމެން ކޮންފަރެންސްގައި ކުރާނީ އެ މަސައްކަތް، އެއީ ޢިލްމީ ދިރާސާތަކާއި، ތަޖުރިބާގެ އަލީގައި. ދިރާސާ ކަރުދާސްތަކާއި، ކޮންފަރެންސްއަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް މިހާރު ނިމުމަކާ ހަމައަށް މިއައީ. ކޮންފަރެންސްގައި އިރާދަކުރެއްވިއްޔާ ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ގުޅުންހުރި ހުރިހާ އިދާރާތަކެއް ބައިވެރިވާނެ" – ޝަފީޢު ވިދާޅުވިއެވެ.
ޕީޖީ އޮފީހުން ވަނީ މި ކޮންފަރެންސްއަށް ޚާއްޞަ ވެބްސައިޓުއެއްވެސް ލޯންޗުކޮށްފައެވެ.




