ބާރުގެ ބޭނުންކޮށްގެން ޒުވާނުންގެ މުޒާހަރާ ރޫޅާލީ އާއްމު މަސްލަހަތަށް ހުރަސްއެޅޭތީ: ފުލުހުން

މާލޭގެ މަޖީދީމަގުގައި ޒުވާނުން ކުރަމުން އަންނަ ސިލްސިލާ މުޒާހަރާ ރޫޅާލާފަވަނީ، ދަރިވަރުންގެ ތަޢުލީމީ މަސްލަހަތަށާއި އާއްމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރަށް ރިއާޔަތްކޮށްފައިވަކަމަށް ފުލުހުންގެ ބުނެފިއެވެ.

އޭޕްރީލް 18 ވަނަ ދުވަހުގެ ރޭ ހ ފެންޓޯނީ ގެއިން 21 އަހަރރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ފުލުހުންނާއި ޒިންމާދާރު މުވައްސަސާތަކުން އަމަލުކޮސްފައިވާގޮތުގައި އިހްމާލުތަކާއި އޮޅުވާލުންތައް ގެންގުޅެފައިވާކަމަށްބުނެ ޒުވާނުން ކޮންމެ ރެެއަކު މަޖީދީމަގަށް ނިކުމެ ކުރަމުންއަންނަ މުޒާހިރާ ރޭ ވަނީ އިންޒާރު ޒިނުމަށްފަހު ރޫޅާލާފައެވެ.

އެކަމާގުޅިގެން ފުލުހުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި މަޖީދީމަހުގައި ދުއްވާ އުޅަނދުފަހަރަށް އެ މަގު ބަންދުވާގޮތައް ބައެއް ޒުވާނުން ހިންގަމުންދާ އިހުތިޖާޖުގެ ސަބަބުން، އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ނޭދެވޭ އަސަރުތައްކުރަމުންދާކަމުގެ ޝަކުވާތައް ދިވެހި ފުލުހުންގެ ޚިދުމަތަށް މެދުނުކެނޑި ލިބެމުންދިޔަކަމަށާއި، މަޖީދީމަގު ފަދަ މުހިންމު މަގެއްގައި ދަތުރުފަތުރަށް ބަންދުވާގޮތަށް، މިއުޒިކު ކުޅުމާއި ޓޭބަލް ޓެނިސް އަދި ކެރަމް ފަދަ ކުޅިވަރުތައް ކުޅުން ފަދަ އާއްމު މަސްލަހަތާ ފުށުއަރާ ކަންތައްތަކެއް ކުރަމުން ގެންދިއުމާ ގުޅިގެން، މިފަދަ ކަންތައްތައް ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ޖީސީއީ އޯލެވެސް އިމްތިހާނުގެ ޓެސްޓަށް ގިނަ ދަރިވަރުން ހާޒިރުވާންޖެހޭ ދުވަހަކަށްވާތީ، އެކަމަށްވެސް ހުރަސްއެޅެމުންދިޔަކަމުގެ ޝަކުވާ ލިބެމުންދިޔަކަމަށާއި އެހެންކަމުން އެކި ރޭ މަތިން ތަކުރާރުކޮށް ނަސޭހަތްތެރިވުމަށްފަހު އަދި ޤާނޫނީ އިންޒާރުދިނުމަށްފަހު، ރޭ ފުލުހުން ވަނީ އެ ހަރަކާތް ހުއްޓުވާ އެއްވުން ރޫޅާލާފައި ކަމަށްވެސް ބުނެފައި ވެއެވެ.
އަދި އެ ފިޔަވަޅަކީ ދަރިވަރުންގެ ތަޢުލީމީ މަސްލަހަތަށާއި އާއްމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތްކޮށް އެޅި ފިޔަވަޅެއްކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެގޮތުން ރޭގެ އެއްވުން ރޫޅާލުމުގެ ތެރޭގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމާއި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާ އަދި ފުލުހަކަށް ހަމަލާދޭން މަސައްކަތްކުރިކަމުގެ ތުޙުމަތުގައި ނ.ކުޑަފަރި ބަގީޗާގެ ޢަބްދުﷲ މަޙްޒޫމް މާޖިދު (28އ) އާއި މާލެ، މ. ހަސްތީ ޢާއިޝަތު ޝިމަން އަޙްމަދު (19އ) ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ޢަބްދުﷲ މަޙްޒޫމް މާޖިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ. އަދި ޢާއިޝަތު ޝިމަން އަޙްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *