7 އޮކްޓޫބަރ 2023 ވީދުވަހު މުޅި ދުނިޔެ ސިއްސުވާލި ހާދިސާއަކީ ފަލަޞްޠީނުގެ ޙައްޤުގައި ޖިހާދުކުރަމުން އަންނަ ޙަމާޞް ޖަމާޢަތުން ކުއްލި ޙަމަލާތަކެއް އަނިޔާވެރި އިޒްރޭލަށް ދިނުމަށްފަހު، އިޒްރޭލުގެ އެތައް ސަތޭކަ ސިފައިންނާއި ފުލުހުން މަރައި، ބައެއް މީހުން ހައްޔަރުކޮށްގެން ރަހީނުކުރި ޙާދިސާއެވެ. މިއާއެކު އިޒްރޭލުން ޣައްޒާއަށް މެދުކެނޑުމެއްނެތި ބޮން އަޅައި ޣައްޒާގެ ނިކަމެތި ރައްޔިތުން މަގުމަތިކޮށް، އެތަށް ހާސް ބަޔަކު ޝަހީދުކޮށްލިއެވެ. މިހާރުވެސް މިހަނގުރާމަ ކުރަމުން ދަނީއެވެ.
ފަލަޞްޠީނަކީ މުސްލިމުންނަށް މުހިންމު ޤައުމެކެވެ. ޚާއްޞަކޮށް ބައިތުލް މަޤްދިސް ނުވަތަ މަސްޖިދުލް އަޤްޞާއަކީ މުސްލިމުން އެމިސްކިތް ދެކޯ އިންތިހާއަށް ލޯބިވާ އަޅުގަނޑުމެން މުސްލިމުންގެ ފުރަތަމަ ޤިބްލައެވެ. ފަލަސްޠީނަކީ ގިނަ ޢަދަދެއްގެ ރަސޫލުންނާއި ނަބިއްޔުން އުފަންވެ ދިރިއުޅުނު ފަސްގަނޑެވެ. ވީއިރު، ފަލަސްޠީނާއި ފަލަސްޠީނުގެ ރައްޔިތުން އަހަރުމެން މުސްލިމުންނަށް މުހިންމު ނުވާންވީ ސަބަބެއް ނެތެވެ. އެހެން ނަމަވެސް، ޔަހޫދީ އެމެރިކާ އަދި ހުޅަނގުގެ މަދަދާއެކު، ފަލަސްޠީނުގެ ބިމަށް ގަދަވެ، އެބިން ފޭރި ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކޮށް، އެތަކެއް ލާއިންސާނީ ރަޙްމުކުޑަ އަނިޔާތަކެއް ފަލަސްޠީނުގައި ތިބި އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް ނިރަބުވެރި އިޒްރޭލު ސަރުކާރާއި ސިފައިން ދެމުންދާއިރު، މިއަދުގެ މުސްލިމް ޤައުމުތަކުގެ ލީޑަރުން ތިއްބެވީ ކަނުވެފައެވެ.
ފަލަޞްތީނުގެ ޣައްޒާގައި ވެރިކަންކުރަމުން އަންނަ ޙަމާޞްއަކީ ފަލަސްޠީނުގެ ޙައްޤުގައި ޖިހާދުކުރަމުން އަންނަ ޖަމާޢަތެކެވެ. ޣައްޒާއަށް ނިބުވެރި އިޒްރޭލު ސިފައިން ދޭ ޢުދުވާނީ ކޮންމެ ޙަމަލާއެއްގައިމެ، ޣައްޒާ ސުންނާފަތިކުރާއިރު، ޣައްޒާ އަލުން އާރާސްތުކުރަނީ ހަމާޞް ޖަމާޢަތުގެ މިންނެތް މަސައްކަތުންނެވެ. މިހިނގަމުން އަންނަ ޣައްޒާ ހަނގުރާމައިގާ ހިތްވަރު ގަދަކަމާއި މުޖާހިދުންގެ ކުޅަދާނަކަން ފެނި މުޅި ދުނިޔެ އަންތަރީސްވެއްޖެއެވެ. ޣައްޒާ ހަނގުރާމަ ފެށުނުއިރު، ޙަމާޞްގެ ލީޑަރުންގެ ގޮތުގައި އިސްކޮށްތިބި ލީޑަރޝިޕް އެއްކޮށް ޝަހީދުކޮށްލި ނަމަވެސް، އެޖިހާދަކަށް ބަދަލެއް ނާދެއެވެ. ހަމާޞްގެ ލީޑަރުންގެ ތެރެއިން، މުޙައްމަދު ދީފް، މަރްވާން ޢީސާ، ޔަޙްޔާ ސިންވާރު، އިސްމާޢީލް ހަނިއްޔާ އަދި ޞާލިޙް ޢާރޫރީފަދަ ކުޅަދާނަ ލީޑަރުން އިޒްރޭލުން ޝަހީދުކޮށްލިއިރު، މިއީ ޙަމާޞް އުފެދުނުއިރު، ޝެއިޚް ޔާސީންއަށްފަހު ހަމާޞްގެ އެންމެ ސީނިއަރ ބެޗުގައި ތިބި މެމްބަރުންނެވެ.
ޣައްޒާގެ ވެރިކަން ޙަމާޞް އިން ހޯދައި، މިހާރުގެ ވެރިކަން ކުރަމުން އަންނަ މަޙްމޫދު ޢައްބާސްގެ ފަތަޙަ ޖަމާޢަތާއި އިޒްރޭލުގެ ސިފައިން ޣައްޒާއިން ފައްސާލީ 2007 ވަނަ އަހަރު ތެރޭގައެވެ. އޭގެ ފަހުން، އިޒްރޭލުން ޣައްޒާ އެއްކޮށް ބަންދުކުރީއެވެ. އެތަނަކީ، އިންސާނީ ޖަލެއްކަމުގައި ހެދީއެވެ. އަމިއްލަ ދިފާޢުގައި ޙަމަލާދޭނެ ސިފައިންނެއް، އެއަރ ފޯސްއެއް ނެތެވެ. ޢަޞްކަރީގޮތުން ޙަމާޞްއަށް ވާގިވެރިވެ އަތުގައި ހިފީ އީރާންގެ ރެވެލޫޝަނަރީ ގަރޑުންނެވެ. އޭރު، ޢިރާޤުގެ ރައީސް ޞައްދާމު ޙުސައިން އެމެރިކާގެ ނުފޫޒުގަދަ ޝަރީޢަތުން މަރަށް ޙުކުމްކޮށް ދަންޖައްސައިފިއެވެ. ޙަމާޞްއަށް މާލީގޮތުން ޣައްޒާ ހިންގުމަށް އެހީތެރިވާން ފެށީ މިޞްރާއި ޤަތަރުގެ ސަރުކާރުންނެވެ. މިއަދުގެ މުޅި ޣައްޒާއަށް އިޒްރޭލު ސިފައިން އަރައި ޣައްޒާގެ ގެތަކާއި ހޮސްޕިޓަލިތައް ތަޅައި ސުންނާފަތިކޮށްފައިވާއިރު، މުސްލިމު ދުނިޔެ އޮތީ ލަދުވެތި ޙާލެއްގައެވެ. ވިޔަފާރީގެ ގޮތުން ނުފޫޒުގަދަ ސަޢޫދީ ޢަރަބިއްޔާ އަދި އޫއޭއީ ފަދަ ޤައުމުތަކުން ދުނިޔެ ލަދަށް އިޒްރޭލު ކުއްވެރިކުރިއަސް، މުޅި އިޒްރޭލު ވަށައިގެން ޢަރަބި އިސްލާމީ ޤައުމުތައް އޮތްއިރު، ފަލަސްޠީނުގެ ރައްޔިތުންގެ ދިފާޢުގައި ދޫކޮށްލަންކުރެވުނު އެންމެ ވަޒަނެއްވެސް ނެތީއެވެ. ތުރުކީއަކީ މެދުއިރުމަތީގައި އެންމެ ވަރުގަދަ ޒަމާނީ ބަރު ހަތިޔާރު އޮތް ޢަސްކަރިއްޔާއެވެ. އިޒްރޭލު ސިފައިން ޣައްޒާގެ ރައްޔިތުން މަރައި ހުސްކުރަނީ މިޞްރު ސިފައިންގެ ކުރިމަތީގައެވެ. މިދެޤައުމުގެ ވެރީންނާއި ޢަސްކަރީ ކޮމާންޑަރުން ތިބީ ގަބުވެފައެވެ. ދޭތެރެއަކުން، ތުރުކީގެ ރައީސް އުރުދުޣާން ޕޯޑިއަމަށް އަރައި ޙަމާސްއަކީ މިނިވަންކަމަށް ޖިހާދުކުރާ ޖަމާޢަތެއްކަމުގައި ބުނެލުން ފިޔަވައި އިތުރަށް ކުރި އެއްވެސް ކަމެއް ފެންނާކަށް ނޯންނާނެއެވެ.

ޣައްޒާގެ ނިކަމެތި ރައްޔިތުން މަރައި، ފަލަސްޠީނުގެ ވެސްޓް ބޭންކުގައިވެސް އަޅުގަނޑުމެންގެ ލޮބުވެތި އަޚުންނާއި އުޚްތުން ޝަހީދުކޮށް އެތަކެއް ލާއިންސާނީ އަނިޔާތަށް އިޒްރޭލު ސިފައިން ދެމުންދާއިރުވެސް، މުސްލިމް ޤައުމުތަކުގެ އެއްވެސް ލީޑަރަކަށް އަދިވެސް ބަދުބަހެއް ދެރަ ބަހެއް ފަލަސްޠީނުގެ އެއްވެސް ރައްޔިތަކު އަދިވެސް ނުބުނެއެވެ. ވީމާ، މުޅި އިސްލާމީ ދުނިޔޭގެ ޖައްބާރު ޤައުމުތަށް މިޣާފިލު ނިދިން ހޭލަންވެއްޖެ ނޫންތޯއެވެ! ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި މުޖާހިދުން ރެއާއި ދުވާލު އެވާ ޤުރުބާނީއަކީ ޙަޤީޤީ ޖިހާދެވެ. އެމީހުންގެ އަމިއްލަ ބިން އެވަނީ ފޭރިގެންފައެވެ. ކޮންމެ ރޯދަމަހެއްގައިމެ، އަޤްޞާ މިސްކިތުގެ ޙުރުމަތް ކަނޑައި، މިސްކިތުގެ ތެރެއަށް އިޒްރޭލު ސިފައިން ވަދެ ނަމާދުކުރަންތިބޭ މީހުން ޙައްޔަރުކޮށްގެން ގެންދެއެވެ. އިޒްރޭލުގެ ޖަލުތަކުގައި އިދާރީ ބަންދުގައި އެތަށް ސަތޭކަ ފަލަސްޠީނުގެ ކުޑަކުދިންނާއި މުސްކުޅިން އަދި ޒުވާނުންނާއި އަންހެނުން އެއްވެސް ޝަރީޢަތެއް ނެތި ބަންދުގައި އަދިވެސް އެބަތިއްބެވެ. އިޒްރޭލު ސަރުކާރަށް އެމީހުންގެ މޫނުތަށް ފެނިފެނި ފޫހިވުމުން ދޫކޮށްލަނީއެވެ. މިފަދަ ކަމެކެވެ.
މިހުރިހާ ސަބަބަކާހެދި ޙަމާޞްއަށް މަޖުބޫރުވީ ހަނގުރާމަ ފަށާށެވެ. އެނޫން އިތުރު އެއްވެސް މަގެއް ނެތެވެ. އަދި، އެމީހުންގެ ޙައްޤުގައި ހަނގުރާމަކުރުން އަޅުގަނޑުމެންނަށް ލާޒިމެވެ. ތިޔަ ކުރައްވާ ވިޔަފާރިތަކާއި ހައްދަވާ ވިޔަފާރި ބޮޑެތި ޑީލްތަކުން ދުނިޔެ ގަނެވުނަސް، އާޚިރަތުގައި ހުރީ ނިކަމެތިކަމެވެ. އިޒްރޭލުގެ އަނިޔާވެރި ސިފައިން ޣައްޒާގެ ރައްޔިތުން މަރައި ހުސްކުރަމުން ދިޔައިރު އޭގެ ދިފާޢުގައި ކުރީ ކީއްތޯ ޤިޔާމަތްދުވަހުން އަޅުގަނޑުމެންނާއި މާތް ރަސްކަލާނގެ ޙަޟްރަތުގައި ސުވާލުކުރުމުންދޭނީ ކޮން ޖަވާބެއް ހެއްޔެވެ! އިސްލާމީ ޤައުމުތަކުގެ ލީޑަރުން ހޭއަރާށެވެ! ހަނގުރާމައަށް 2 އަހަރުވަނީއެވެ. ޙަމާސް އާއި ހަތިޔާރު އެޅި މުޖާހިދުންގެ އަގުހުރި ޖިހާދާއެކު އަދިވެސް އެމެރިކާ އަދި ހުޅަނގާއެކު އިޒްރޭލުގެ ޢަސްކަރިއްޔާއަށް މުޖާހިދުން ބަލިނުކުރެވެއެވެ. ވާނީވެސް އެހެންނެވެ. ޣައްޒާ ހަނގުރާމައަކީ، ޙައްޤު ޖިހާދެކެވެ. ވީމާ، ބޮޑެތި އިސްލާމީ ޤައުމުތަކުގެ ލީޑަރުން އެއްބައިވެ، ތެދު ނިޔަތާއެކު މަސައްކަތްކޮށްފިނަމަ، ފަލަސްޠީނު ބިމުން އިޒްރޭލު ފައްސާލުމަކީ މަދު ގަޑިއިރެއްގެ ޓާސްކެކެވެ.