ނަމޫނާ ނަރުހެއް: ފޫހިކަމެއްނެތި ޚިދުމަތުގައި 20 އަހަރު!

ނަރުހުންނަކީ ސިއްޚީ ދާއިރާގެ އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނެވެ. ބަލި މީހާއާ ފުރަތަމަ ބައްދަލިވާނީ ވެސް އެމީހުންނާއެވެ. ފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމުގައި އެންމެ ބޮޑު އެހީތެރިއަކަށް ވާނީވެސް ނަރުހުންނެވެ. އެހެންކަމުން ނަރުހުންގެ ފަރާތުން ބަލި މީހުންނާއި އޯގާތެރިކަމާއި އަޅާލުމާއި ލޯތްބާއި ކުލުނު ލިބުން މަޖުބޫރެވެ. މިފަހަރު އިރުވަރު ނޫހުން މި ހިމަނާލާ އިންޓަވިއުއަކީ އެފަދަ ހުރިހާ ކަމެއް ހިތުގެ އަޑިން ގަބޫލުކުރާ ނަމޫނާ ނަރުހެކެވެ. ޚިދުމަތުގައި މިހާރު 20 އަހަރު ވެއްޖެއެވެ؛ އޭނާގެ ވާހަކަތައް ކިޔާލަމާހެއްޔެވެ.

ނަމާއި އެޑްރެސް: އާމިނަތު ނާޝިދާ

އުފަން ރަށް: ހއ.ދިއްދޫ

މިހާރު ވަޒީފާ އަދާކުރާތަން: ހއ އަތޮޅު ހޮސްޕިޓަލް

ދާއިރާގެ ތަޖުރިބާ:

މިއީ މިދާއިރާގައި 20 ވަނަ އަހަރު، 2004 ގައި ޖޫނިއަރ އެސިސްޓެންޓް  ނާރސް އަކަށް އުޅެފަ، 2011 ވަނަ އަހަރު ޑިޕޮލޮމާރ އިން ނާރސިންގ ހެދުމަށްފަހު ރެޖިސްޓާރޑް ނާރސް އަކަށް ބަދަލުވީ. ދެން 2020 އޭޕްރީލް ގައި ބެޗްލަރ އޮފް ނާރސިންގ ނިންމީ، އޭގެ ފަހުން މާރސްޓާރ އޮފް ނާރސިންގ ނިންމާފަ މިހާރު މަސައްކަތް ކުރަނީ ކުލިނިކަލް ނާރސްއެއްގެ ގޮތުގައި. މީގެއިތުރުން ގިނަ ވޯކްޝޮޕް އަދި މި ދާއިރާގެ ގިނަ ރިފްރެޝްމެޓް ޓްރެނިން ހެދިފައި ހުންނާނެ.

ނަރުހަކަށްވީތީ ވަކި ޚާއްސަކަމެއް ހުރޭތަ؟

މިއީ މީހުން އިތުބާރު ލިބޭ ދާއިރާއެއް، އެގޮތުން އާއިލާގެ ތެރެއިން ވިއަސް ރައްޓެހިންގެ ތެރެއިން ވިއަސް ސިއްޚީ ލަފައެއް ހޯދަން ޖެހިއްޖެނަމަ ފުރަތަމަ ވެސް އަހާލާނެ އަޅުގަނޑުގެ ކައިރީ، އެއީ ވަރަށް ޚާއްސަކަމެއް.

ބަލިމީހުގެ ފަރާތުން ލިބެނީ ރަނގަޅު ފީޑްބެކްއެއްތޯ؟ ދެރަވާ ފަދަ ކަންކަން ދިމާވޭތޯ؟

މިހާ ތަނަކަށް ނުލިބޭ ނެގެޓިވް ފީޑްބެކްއެއް، މިއީ ވަރަށް ބަލައިގަންނަ މަސައްކަތެއް، ދާއިރާގެ ގޮތުން ބައެއް ފަހަރު ދެރަވާ ކަންތަކާއިވެސް ދިމާވޭ. ނަރުހަކަށްވީމަ ޤަބޫލުކުރެވޭ ބަލިމީހާގެ ޝަކުވާވެސް ފުރަތަމަ އަންނާނީ ނަރުހުންނަށްކަން.

 

ނަރުހަކަށްވީ ކީއްވެގެންތޯ؟

މިއީ އަޅުގަނޑަށް ލިބުނު ފުރުޞަތެއް، މަންމަ އަކީ މިދާއިރާގައި އުޅޭމީހަކަށްވާތީ ލިބުނު ފުރުޞަތެއް މިއީ، މިހާރު ވަރަށް އުފާވޭ މި ދާއިރާ ނެގުނީތީ.

މިހާރު ވަޒީފާ އަދާކުރާތަނުގެ ގޮތުން ޒިންމާތަކަށް ބަދަލު އާދޭތޯ؟

މިވަގުތު މަސައްކަތްކުރަނީ ވޯރޑް މެނޭޖަރ އެއްގެ ގޮތުގައި.، މިތަނުގައި މަސައްކަތް ކުރާއިރު ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ވަރަށް މަސައްކަތް ކުރަން،. ކުރިން މަސައްކަތްކުރީ ޑަޔަލިސިސް ޔުނިޓުގައި. އެއީ ވަރަށް ކްރިޓިކަލް އޭރިއާއެއް، އާއްމު ބަލިތަކުގެ މީހުންނާއި ވަރަށް ތަފާތު، ވަރަށް ތަފާތު ތަޖުރިބާއެއް އެއީ.

އާއިލާއަށް ވަގުތު ދެނީ ކިހިނެއް؟

ޑިއުޓީ ނޫން އެހެން ހުރިހާ ގަޑިތަކެއް ހުސްކުރަނީ އާއިލާއަށް، ވަކިން ޚާއްސަކޮށް ހަވީރުގެ ވަގުތު، އަދި މިހާރު ރޭގަނޑުވެސް ވަގުތު ވޭ އެކަމަކު މިދުވަސްވަރު ގިނަވަގުތު ހޮސްޕިޓަލްގައި އުޅެވެނީ އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކޮށްލަށް މިދާއިރާއިން ކުރިއަށްދާން އާއިލާގެ ފަރާތުން ލިބޭ ސަޕޯޓް.

ނަރުހެއްގެ ވިސްނުން ހުންނަންޖެހެނީ ކިހިނެއް؟

ނަރުހަކަށްވީމައި އެންމެ ފުރަތަމަވެސް ސަމާލުކަން ހުންނަންޖެހޭނީ ބަލިމީހާއަށް، އަމިއްލަ ދިރިއުޅުމުގެ ކަންބޮޑުވުންތައް އެއްކައިރިކޮށްލާފައި ބަލިމީހުންގެ ކަންތައް ވީ އެންމެ ފުރިހަމައަށް ކޮށްދެވޭތޯ ބަލަންޖެހޭ، ނަރުހުންނަކީ އަބަދުވެސް ވަރަށް އޯގާތެރިބަޔަކަށްވާންޖެހޭ، އެހެންވެ އަބަދުވެސް ބަލަން ވީ އެންމެ ރަނގަޅަކަށް ޚިދުމަތް ދެވޭތޯ،

ކޮވިޑް ހާލަތުގައި މަސައްކަތްކުރިއިރު ކަންބޮޑުވާފަދަ ކަމެއް ދިމާވިތޯ؟

ކޮވިޑްގައި މަސައްކަތް ކުރަންޖެހުނީ ފްރޮންޓްލައިންގައި، ކަންބޮޑުވާންޖެހޭ ކަމަކަށް ދިމާވީ މި މަސައްކަތުގައި އުޅޭތީ މީހުންގެ ވިސްނުން ހުންނަ ގޮތް، ވަރަށް ބޮޑަށް އިހްސާސްކުރެވުނު ތަފާތުކުރުން ގެންގުޅޭކަން، މީހުންނަށްވެސް އަދި އެކުގައި މަސައްކަތްކުރާ ބައެއް މީހުންނަށް އޭރު ހީވެފައި އޮންނަނީ ސާމްޕަލް ނަގަން އުޅޭތީ ދެން ތިބެންޖެހޭނީ އެންމެންނާއި ވަކިންނޭ، ހީވަނީ އަޅުގަނޑުމެންގެ ފަރާތުން ބަލި ފެތުރުމުގެ ފުރުޞަތު އެމީހުންނަށް ބޮޑުވެފައި އޮންނަނީހެން.

ތިޔަ ވަޒީފާގައި އެންމެ ދެރަވި ދުވަހަކީ ކޮބާ؟

ތުއްތު ކުއްޖަކު ގެނބިގެން ނިޔާވި ދުވަސް ވަރަށް ދެރަވި، އެގޮތަށް ކުއްލި އަކަށް ދިމާވާ ހުރިހާ މަރުތަކެއްގެ ސަބަބުންވެސް އަސަރުކުރޭ،

އެންމެ ހާސްވެ ކަންބޮޑުވި ހާދިސާއަކީ ކޮބާ؟

އެހެން ފާހަގަކުރެވިފައި ނެތް، ވަކި ކަމެއް ދިމާވެގެން ވަރަށް ހާސްވެގެން އުޅުނުހެން ހިއެއް ނުވޭ.

އެންމެ އުފާވި ދުވަހަކީކޮބާ؟
އެންމެ އުފާވީ ހއ އަތޮޅު ހޮސްޕިޓަލްގައި ޑައިލިސިސްގެ ޚިދުމަތް ފެށުނު ދުވަހު، އެއީ ވަރަށް ގިނަ ދުވަހުގެ ސައްކަތުން ފެށުނު ޚިދުމަތެއް.

ނިންމާލަމުން ބުނެލަން ބޭނުންވަނީ ކީކޭ؟

މި ދާއިރާއަށް ރަށުގެ ގިނަ ކުދިން ނިކުމެ ޚިދުމަތްކުރާ ދުވަހެއް ދެކެން ވަރަށް ބޭނުން. މިއީ ކެރިއަރެއްގެ ގޮތުގައި ކުރިއަށް ދާން ވަރަށް ރަނގަޅު ދާއިރާއެއް. މިއީ މީހުން ބަލައިގަންނަ ޕޮރޮފެޝަނަލް ދާއިރާއެއް، މި ދާއިރާއަށް ދިއްދޫގެ ގިނަ ކުދިން ޝައުޤުވެރިކަމާއި އެކު ކުރިމަތިލައި ޚިދުމަތްކުރާތަން ދެކެން ބޭނުން.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *