ގްރޭޓަ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑްގެ ނަމުގައި ސަރުކާރުން ކުންފުންޏެއް އުފައްދައިފި

ގްރޭޓަ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑްގެ ނަމުގައި ސަރުކާރުގެ އައު ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ އުފައްދައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 15/2025 އިން އުފައްދަވާފައިވާ މި ކުންފުންޏަކީ ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏެކެވެ.

މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ، ދިވެހި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ޑިޖިޓަލް ފައިނޭންޝަލް ސާވިސަސްއާއި، ޑިޖިޓަލް ރިއަލް އެސްޓޭޓާއި، ފައިނޭންޝަލް ޓޫރިޒަމާއި، ބޭންކިންގގެ ޚިދުމަތްތައް ހިމެނޭ ގޮތުން، މާލީ ޚިދުމަތްތަކުގެ ސިނާއަތު ދިވެހިރާއްޖޭގައި ކުރިއަރުވައި، ބައިނަލްއަގުވާމީ މާލީ ޚިދުމަތްތަކުގެ މަރުކަޒަކަށް ރާއްޖެ ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި، އެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ތަންފީޒު ކުރުމެވެ.

ގްރޭޓަ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް ކުންފުންޏަށް ހުއްދަކޮށްފައިވާ ރައުސުލްމާލަކީ، 10 ރުފިޔާގެ 100 މިލިއަން ހިއްސާގެ މައްޗަށް ބަހާލެވިފައިވާ 1 ބިލިއަން ރުފިޔާއެވެ. އަދި އެ ކުންފުންޏަކީ އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި، ދަޢުވާ ލިބިގަތުމުގެ ޙައްޤު ލިބިގެންވާ، ވަކި ސިއްކައެއް އޮންނަ، ޤާނޫނީ ގޮތުން އަމިއްލަ ޝަޚްޞެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *