އިސްރާއީލް-އިރާން ހަނގުރާމަ އިތުރަށް ގޯސްވާނަމަ ސާފުނުކުރާ ތެޔޮފީފާއެއްގެ އަގު 150 ޑިލަރަށް އަރާނެކަމަށް ލަފާކޮށްފި

އިޒްރޭލާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ގޯސްވެއްޖެ ނަމަ އެންމެ ގޯސް ހާލަތުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 150 ޑޮލަރަށް އަރާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ.

ނަމަވެސް ތަޖުރިބާކާރުން ބުނަނީ ހަމަނުޖެހުން ތައް ކޮންޓްރޯލް ކުރެވިއްޖެ ނަމަ ހަކަތައިގެ ބާޒާރުތައް ވަރަށް އަވަހަށް ހަމައަކަށް އެޅޭނެ ކަމަށެވެ.

މިދިޔަ ހަފުތާގައި އިޒްރޭލުން އީރާނަށް ދިން ވައިގެ ހަމަލާތަކުގެ ސަބަބުން ހަކަތައިގެ އަގުތަކަށް އަސަރުކޮށް، ހުޅަނގު އޭޝިއާގައި ބޮޑު ހަމަނުޖެހުމެއް އުފެދިދާނެ ކަމުގެ ކަންބޮޑުވުން ބޮޑުވެ، ތެލާއި ގުދުރަތީ ގޭހުގެ އަގު ވަނީ އުފުލެން ފަށާފަ އެވެ. އެގޮތުން ނެދަލޭންޑްސްގެ ގުދުރަތީ ގޭހުގެ ވާޗުއަލް ޓްރޭޑިން ޕޮއިންޓެއް ކަމަށްވާ ޓައިޓަލް ޓްރާންސްފާ ފެސިލިޓީ (ޓީޓީއެފް) ގޭހުގެ އަގުތައް މިދިޔަ ހަފުތާގައި ވަނީ ފަސް ޕަސެންޓް އުފުލި، މެގަވޮޓަކަށް 38.24 ޔޫރޯ އަށް އަރައިފަ އެވެ.

ރަބޯބޭންކް އިންޓަނޭޝަނަލްގެ އެނަލިސްޓުން ގަބޫލުކުރާ ގޮތުގައި މި ހަމަލާތަކުގެ ސަބަބުން މި ސަރަހައްދުގައި ތެލާއި ގުދުރަތީ ގޭހުގެ ސަޕްލައިއަށް ހުރި ނުރައްކާތައް ވަރަށް ބޮޑަށް ހާމަވެގެން ދެ އެވެ. އެގޮތުން ހަކަތައިގެ އިންފްރާސްޓްރަކްޗާއަށް ސީދާ ހަމަލާދިނުމުގެ ސަބަބުން ނުވަތަ ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ސައުދީ އަރަބިއްޔާ، ޔޫއޭއީ އަދި ގަތަރު ފަދަ ގައުމުތަކުގެ ތެޔޮ އުފައްދާ ކުންފުނިތަކަށް ހުރަސް އެޅިއްޖެ ނަމަ، ތެޔޮ ފީފާއެއްގެ އަގު 120 ޑޮލަރަށް ވުރެ މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ފަރާތްތަކުން ލަފާކުރެ އެވެ.

ރަބޯބޭންކް އިންޓަނޭޝަނަލްގެ ގްލޯބަލް ސްޓްރެޓެޖިސްޓެއް ކަމަށްވާ މައިކަލް އެވްރީ، ގެ ރިޕޯޓެއްގައި ފާހަގަކުރައްވާފައިވާ ގޮތުގައި ސައުދީތެޔޮ، ގޭސް، ޝިޕިން ނުވަތަ ރިފައިނިން އިންފްރާސްޓްރަކްޗާ އަށް ހަމަލާދީ ހަލާކުކޮށްލައިފި ނަމަ، ތެޔޮ ފީފާއެއްގެ އަގު 120 ޑޮލަރަށް ވުރެ މައްޗަށް ގޮސް، ފީފާއެއްގެ އަގު 150 ޑޮލަރަށް އަރާނެ އެވެ.

އަދި ދުނިޔޭގެ ހަކަތައިގެ ބާޒާރަށް މުހިންމު ޗޮކްޕޮއިންޓެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅިގެ ކޮންޓްރޯލް އީރާނުން ވަނީ ދަމަހައްޓައިފަ އެވެ. މި ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ސަޕްލައިގެ 17 އިންސައްތަ (ދުވާލަކު ގާތްގަނޑަކަށް 17 މިލިއަން ފީފާ) ދަތުރުކުރާ މަގެކެވެ. މިއީ ކުވައިތު، އިރާގު، ބަހްރެއިން އަދި ސައުދީ އަރަބިއްޔާގެ ޓޭންކަރުތަކުގެ ފްލީޓްތަކަށް ދަތުރުކުރާ މަގެކެވެ. ގަތަރާއި އޮމާން އަދި ޔޫއޭއީގައި ގާތްގަނޑަކަށް 98 މިލިއަން ޓަނުގެ އެލްއެންޖީ އެކްސްޕޯޓް ކެޕޭސިޓީ ހުރިއިރު، މިއީ ދުނިޔޭގެ އެލްއެންޖީ ސަޕްލައިގެ ގާތްގަނޑަކަށް 18 އިންސައްތަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *