ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމައި ރަސްމީކޮށް އެ އެއާޕޯޓު މިއަދު ހުޅުވައިފި އެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އޭޕްރަން ބޮޑުކުރުމުން އެއާޕޯޓުގައި 30 ޖެޓު އެއްފަހަރާ ޖެއްސުމުގެ ޖާގަ މިހާރު ވަނީ ތަނަވަސްވެފަ އެވެ.
މާފަރު އެއާޕޯޓު ހިންގަނީ ގައުމީ އެއާލައިން ހިންގާ، އައިލެންޑް އޭވިއޭޝަން ކުންފުނިންނެވެ. އެ އެއާޕޯޓަކީ ޔޫއޭއީގެ އަބޫދާބީ ފަންޑުން ފަންޑުކޮށްގެން ތަރައްގީކުރި އެއާޕޯޓެކެވެ.
މާފަރު އެއަރޕޯޓް ތަރައްޤީކޮށް ރަސްމީކޮށް ހުޅުމުގެ ގޮތުން އައިލެންޑް އޭވިއޭޝަނުން އޮޕަރޭޓްކުރާ އެންމެ ބޮޑު މަތިންދާބޯޓު މިއަދު ވަނީ އެ އެއާޕޯޓަށް ޖައްސާފައެވެ.
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި ޚިދުމަތް އިފްތިތާޙުކުރުމަށް ބޭއްވި ހަފްލާގައި އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދާއި، ގެދޮރުވެރިކަމާ އިމާރާތްކުރުމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބާއި، ޔޫއޭއިން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ސެއިޚް ރަހްމާ އަބްދުލްރަޙްމާން ރަހްމާ އަބްދުލްރަޙްމާން އަލް ޝަމްސީއާއި، ޑިރެކްޓަރ ޖެނެރަލް އޮފް ދި އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓް ހިސް އެކްސެލެންސީ މުޙައްމަދު ސައިފް އަލް ސުވައިދީ، އަދި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް އިޔާސް ބައިވެރިވެވަޑައިގެންނެވިއެވެ.

މާފަރު އެއާޕޯޓުގައި ފުރަތަމަ ފިޔަވަހީގެ ދަށުން، 2200 މީޓަރުގެ ރަންވޭއަކާއި، ޕެސެންޖަރ ޓަރމިނަލް އިމާރާތާއި ވީއައިޕީ ލައުންޖް ވަނީ ތަރައްޤީކޮށްފައެވެ. މީގެ އިތުރުން ފަޔަރ އެންޑް ރެކްސިއު ސްޓޭޝަނާއި ކޮންޓްރޯލް ޓަވަރު އަދި ޕެސެންޖަރ ޖެޓީ ވަނީ ގާއިމުކޮށްފައެވެ. މާފަރު އެއަރޕޯޓްގެ މަސައްކަތް ފަށާފަވަނީ 23 ޖެނުއަރީ 2018ގައެވެ. މި އެއަރޕޯޓްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާ ކޮމާޝަލް ދަތުރުތައް ފެށީ 2019ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 1 ވަނަ ދުވަހުއެވެ.
މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ރަންވޭއަށް 650 މީޓަރު އިތުރުކޮށް ފުޅާކޮށް، ބޮއިންގ 777-އީއާރް300 ފްލައިޓް ޖެއްސޭގޮތަށް މިހާރު މިވަނީ ތަރައްޤީކޮށްފައެވެ. މީގެއިތުރުން ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތާ، ރަންވޭގެ އެއަރފީލްޑް ލައިޓް އަޕްގްރޭޑްކުރުމުގެ މަސައްކަތްވަނީ ކުރިއަށްގެންގޮސްފައެވެ.
ދެވަނަ ފިޔަވަހި ހިމެނޭހެން އެއަރޕޯޓްގެ ހުރިހާ މަސައްކަތްތައް ނިންމާފަވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުއެވެ. މި މަޝްރޫޢުގެ ދެ ފިޔަވާހިގެ މަސައްކަތަށް އަބޫދާބީ ފަންޑުން 76 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާގެ އެހީ ވަނީ ދީފައެވެ.
2023 ވަނަ އަހަރު އެކަނި ވެސް މާފަރަށް 353 ޖެޓު ޖެއްސި އެވެ.