އެމްއެމްޕީއާރުސީގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނަށް ބަދަލުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް، އެމްއެމްޕީއާރުސީގެ ނަން "ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމަށް ބަދަލުކޮށްފިއެވެ.

އެމްއެމްޕީއާރުސީއަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްގީއަށާއި އިޖުތިމާޢީ ދުޅަހެޔޮ ކަމަށް މަގުފަހިކޮށްދޭނެގޮތަށް ސަރުކާރުގެ މަސައްކަތްތަކުގެ ތެރެއިން އެއްބާވަތުގެ މަސައްކަތްތައް އެއްތަނަކުން ކުރާގޮތަށް ހަމަޖެއްސުމުގެ ސިޔާސަތުގެ ދަށުން، އިސްތިހާރާއި މާކެޓިންގެ ހުރިހާ ކަމެއް އެއްތަނަކުން ބަލަހައްޓައި ޚިދުމަތް އަވަސްކޮށް، ހަލުވި ކުރުމުގެ މަގުސަދުގައި އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނީގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަށް ބަދަލުކުރައްވައި ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދަށް ކުންފުނިން ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށް ގަސްތުކުރައްވާ ކަމަށް ރައީސްގެ ގަރާރުގައި ވިދާޅުވިއެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތުކުރުމަށްޓަކައި އިސްތިރާޖީ ގޮތެއްގައި ސަރުކާރުގެ ފަރާތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ދިވެހިރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި އިސްތިހާރުކޮށް ޕްރޮމޯޓުކުރުމަށާއި، މަތީ ފެންވަރުގައި ދުނިޔޭގައި ފާހަގަކުރެވޭ ފަދަ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ކުރަންޖެހޭ މާކެޓިން، ޕްރޮމޯޝަން އަދި އިސްތިހާރުކުރުމުގެ އެންމެހައި މަސައްކަތް، ސީދާގޮތުންނާއި އިސްތިރާޖީގޮތުން، ދެމެހެއްޓެނިވި ގޮތެއްގައި މެދުކެނޑުމެއް ނެތި ކުރުމަށް އެކުލަވާލާފައިވާ ކުންފުންޏެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *