ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ސާފު ފައިދާގެ ގޮތުގައި 331.9 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެސްޓީއޯއިން ހާމަކޮސްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ 2 ވަނަ ކުއާޓާގެ އާމްދަނީ މިދިޔަ އަހަރުގެ 2 ވަނަ ކުއާޓާ އާއި އަޅާ ބަލާއިރު 2 އިންސައްތަ ވަނީ ދަށްވެފައެވެ. އާމްދަނީ ދައްވި މައިގަނޑު ސަބަބެއް ކަމަށް އެސްޓީއޯއިން ބުނީ ތެލުގެ އަގަށް އައި އުދަގޫތަކާއި މި ކުއާޓަރުގައި ތެލަށް އޮތް ޑިމާންޑް ދަށްވުމެވެ.
ފުރަތަމަ ކުއާޓާއާއި ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 7.57 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ގްރޮސް ޕްރޮފިޓް ވަނީ 1.15 ބިލިއަން ރުފިޔާއަށް އަރާފައެވެ.
6 މަސް ދުވަހުގެ ތެރޭގައި ހިންގުމުގެ ފައިދާގެ ގޮތުގައި 498.9 މިލިއަން ރުފިޔާ ލިބިފައިވާއިރު، ފައިނޭންސް ކޮސްޓްގެ ގޮތުގައި 95.8 މިލިއަން ރުފިޔާ އަދި ޓެކުހުގެ ހަރަދުގެ ގޮތުގައި 72.1 މިލިއަން ރުފިޔާ ހުރި ނަމަވެސް ސާފު ފައިދާ އޮތީ ވަރުގަދަކޮށެވެ.
2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް 4.02 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 180.7 މިލިއަން ރުފިޔާ އެވެ.