މިފްކޯގެ ޝޯވް ރޫމެއް ނުވަތަ ފިހާރައެއް ލަންކާގައި ހުޅުވުމަށް ދިރާސާތައް ކުރަމުންދާ ކަމަށް ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދު ވިދާޅުވީ، ލަންކާގައި ދިވެހި މަހަށް ބޮޑު މާކެޓެއް އެބައޮތް ކަމަށާއި، މިފްކޯގެ މަސްފިހާރައެއް ލަންކާގައި ހުޅުވިއްޖެނަމަ އޭގެ ސަބަބުން ދެ ޤައުމުގެ ދޭތެރޭ ކުރެވޭ ވިޔަފާރިއަށް ކުރިއެރުން ލިބިގެން ދާނެ ކަމަށެވެ.
ސަފީރު ވިދާޅުވީ ލަންކާއިން އެގައުމުގައި، ފެކްޓަރީ ހަދައިގެން ދިވެހިން އޮޕަރޭޓް ކުރާ ގޮތަށްވެސް ލަންކާއިން ހުށަހަޅާފައި ވާކަމަށާއި، އަދި މިފްކޯއިންވެސް ސްރީލަންކާގައި ޑިސްޓްރިބިއުޝަން ސެންޓަރެއް ހުޅުވާފައި ޝޯވް ރޫމެއްވެސް ހުޅުވަން ވިސްނަމުންދާކަމަށް ބުނެފައިވާ ކަމަށެވެ.
އެހެންކަމުން ސަފީރު ވިދާޅުވީ މިފްކޯއިން ބޭނުންވާ ބައެއް މައުލޫމާތު ހޯއްދަވައިގެން ވަޑައިގަންނަވާ ގޮތަކަށް ހަމަޖެހިފައިވާ ކަމަށާއި، ލަންކާ މީހުންނަށް ދިވެހި މަހަކީ ވަރަށް މަގުބޫލު އެއްޗެއް ކަމަށެވެ.