ގަވާއިދާ ޚިލާފަށް މާލީ މުޢާމަލާތްތައް ހިންގާ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ކަނޑައެޅުމަށްޓަކައި ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް އިސްލާހުތަކެއް ހުށައަޅައިފިއެވެ.
މަކުނުދޫ ދާއިރާގެ މެންބަރު އަޙްމަދު ޝަފީގް މިއަދުގެ މަޖިލީހަށް ހުށަހެޅި އިސްލާހުގެ ބޭނުމެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ޕޭމަންޓް ސިސްޓަމްތައް ހިންގުމަށާއި، ޕޭމަންޓް ޚިދުމަތްތައް ދިނުމުގެ ބޭނުމަށް ކުންފުންޏާއި އެނޫންވެސް ޤާނޫނީ ޝަޚުސުތައް އުފެއްދުމުގެ ބާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއަށް ލިބިދިނުމުގެ އިތުރުން ޕޭމަންޓް ޚިދުމަތްތައް ސޮލިސިޓްކުރުން މަނާކޮށް، އަދަބު ކަނޑައެޅުމާ ބެހޭ އުޞޫލުތައް ޤާނޫނުގައި ހިމެނުމެވެ.
ޤައުމީ ޕޭމަންޓް ސިސްޓަމްގެ ބިލުގައިވާ ގޮތުން ޕޭމަންޓް ސިސްޓަމެއް ހިންގުމަށްޓަކައި ނުވަތަ ޕޭމަންޓް ޚިދުމަތެއް ދިނުމަށްޓަކައި ޙިއްސާދާރެއްގެ ނުވަތަ ޕާޓްނަރެއްގެ ހައިސިއްޔަތުން ނުވަތަ އެހެންވެސް ހައިސިއްޔަތަކުން ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ ޖޮއިންޓްވެންޗަރއެއް އެމްއެމްއޭއަށް އުފެއްދިދާނެކަމަށް ބަޔާންކޮށްފައިވެއެވެ.
އެގޮތުން ޕޭމަންޓް ސިސްޓަމްތައް ސޮލިސިޓްކުރުން ނުވަތަ ގަވައިދާ ޚިލާފަށް މާލީ މުޢާމަލާތްތައް ހިންގުން ކުށްވެރިކުރުމާއި އެކަމަށް އަދަބު ކަނޑައެޅުމުގެ ގޮތުން ޤާނޫނުގައި ބަޔާންކުރާ ބޭންކުތަކާއި އެމްއެމްއޭއިން އިސްތިސްނާކޮށްފައިވާ ފަރާތްތަކާއި އިސްތިސްނާކޮށްފައިވާ ހަރަކާތެއް ހިންގާ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ފަރާތަކުން އެ އޮތޯރިޓީން ދޫކޮށްފައިވާ ލައިސަންސް ނުވަތަ ހުއްދަ ލިބިގެން މެނުވީ ރާއްޖޭގައި ޕޭމަންޓް ޚިދުމަތެއް ދީގެން އަދި ޕޭމަންޓް ޚިދުމަތެއް ސޮލިސިޓްކޮށްގެން ނުވާނެކަމަށް އެ އިސްލާހުގައި ބުނެފައި ވެއެވެ.
މިގޮތުން މި ބިލުގައި ނުކުރުމަށް ބަޔާންކޮށްފައިވާ ކަމެއް ކޮށްފިނަމަ، އެ ފަރާތެއް 1 ލައްކަ ރުފިޔާއާއި 10 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެކަމަށް ބިލުގައި ބަޔާންކުރެއެވެ.