މިފްކޯގެ ދަރަނި މިދިޔަ އަހަރު ނިމުނުއިރު 1.8 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް އެ ކުންފުނީގެ އެންމެ ފަހުގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
އޮޑިޓަރ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ މިފްކޯގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުން ފާހަގަވަނީ މިފްކޯ ހިންގަނީ ބޮޑު ގެއްލުމެއްގައި ކަމަށާއި އަދި ދުވަހެއް ދުވަހަކަށް އެކުންފުނީގެ ދަރަނި ބޮޑުވަމުންދާ ކަމަށެވެ. ސަރުކާރުން އެތައް މިލިޔަން ރުފިޔާއެއް ދެެމުންދާއިރުވެސް އެކުންފުންޏަށް ދަނީ ބޮޑު ގެއްްލުމެއް ވަމުންކަން އޮޑިޓް ރިޕޯޓުން ފާހަގަވިއެވެ. މިގޮތުން މިދިޔަ އަހަރު ލިބުނު ގެއްލުމާ އެކު މިހާތަނަށް މިފްކޯއަށް ލިބުނު ގެއްލުން 1.2 ބިލިއަން ރުފިޔާއަށް ވަނީ އަރައިފަ އެވެ.
މިދިޔަ އަހަރު ސަރުކާރުން ސަބްސިޑީގެ ގޮތުގައި 389.5 މިލިޔަން ރުފިޔާ އެކުންފުންޏަށް ދީފައިވާއިރު އެ ކުންފުނީގެ ދަރަނި ވެސް އިންތިހާއަށް ބޮޑެވެ. މިގޮތުން، އެ ކުންފުނީގެ ދަރަނި ވަނީ މިދިޔަ އަހަރު ނިމުނުއިރު 1.8 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. މިދިޔަ އަހަރު އެކަނިވެސް 166 މިލިއަން ރުފިޔާގެ ގެއްލުން އެކުންފުންޏަށް ވެފައިވާކަމަށް އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.
މިފްކޯއަށް ގެއްލުމާ ކުރިމަތިވާން ދިމާވާ އެންމެ ބޮޑު ސަބަބަކީ ލިބޭ އާމްދަނީއަށްވުރެ ޚަރަދު ބޮޑުވުމެވެ. އޮޑިޓް ރިޕޯޓުން ފާހަގަވާ ގޮތުގައި އެކުންފުންޏަށް މިހާރުވެސް މަސް ކިލޯއެއް ގަންނަމުންދަނީ އެކުންފުނިން ގަންނަ ކޮންމެ މަސް ކިލޯއަކަށް ސަބްސިޓީގެ ގޮތުގައި ސަރުކާރުން 4 ރުފިޔާ ދީގެންނެވެ.

މިފްކޯއަށް މިހާ ބޮޑަށް ގެއްލުންވެ ގެއްލުމުގެ އަގު ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް ގޮސްފައިވާއިރު އަދި އެ ކުންފުނީގެ ދަރަނި ވެސް އެއް ބިލިއަން ރުފިޔާއަށް ވުރެ ބޮޑުއިރު އެ ކުންފުނި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވިދާނެތޯ އޮޑިޓް ރިޕޯޓްގައި ވަނީ ސުވާލު އުފައްދާފައެވެ.
މިފްކޯއަށް މިހާރު 16 ރުފިޔާއަށް މަސްކިލޯއެއް ގަންނައިރު މަސްގަންނަ އަމިއްލަ ބައެއް ކުންފުނިތަކުން 17ރއަށް މަސްކިލޯއެއް ގަންނަކަން ފާހަގަކުރެވެއެވެ. ސުވާލަކީ އަމިއްލަ ކުންފުނިތަކަށް މި އަގުގައި މަސްގަނެގެން ބޮޑު ފައިދާއެއްވާއިރު މިފްކޯއަށް މިހާބޮޑު ގެއްލުމެއް މިވަނީ ކީއްވެތޯއެވެ.