ލިއޯ ސްޓޯރ އެންޑް ސަޕްލައި ޕްރައިވެޓް ލިިމިޓެޑަށް 3.4 މިލިއަން ދެއްކުމަށް، ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
ސިވިލް ކޯޓުގެ މި ހުކުމަކީ ވެމްކޯއާ އެ ކުންފުންޏާ ދެމެދު ކޮށްފައިވާ މުއާމަލާތަކާ ގުޅިގެން ވެމްކޯއިން ލިއޯއަށް ދައްކަންޖެހި ނުދައްކާ އޮތް 3.4 މިލިއަން ރުފިޔާ އާއި މި ފައިސާ ދެއްކުން ލަސްވުމުގެ ސަބަބުން އިންޓްރެސްޓްގެ ގޮތުގައި 279،071 ރުފިޔާއާއެކު ޖުމްލަ 3.7 މިލިޔަން ރުފިޔާ ވެމްކޯއިން ހޯދުމަށްއެދި ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ކޮށްފައިވާ ހުކލުމެކެވެ.
މި މައްސަލަ ބެލުމަށްފަހު ބުރާސްފަތި ދުވަހު ސިވިލް ކޯޓުގެ ގާޟީ ސިނާން އަލީ ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ އިންޓްރެސްޓްގެ ގޮތުގައި ދައުވާގައި ހިމަނާފައިވާ 279،071 ރުފިޔާ ނަގައިދެވޭނެ ގާނޫނީ އަސާސެއް ލިއޯ އަށް ދެއްކިފައި ނުވާތީ އެ ފައިސާ ނަގައިދޭންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ވެމްކޯއިން އެ ފައިސާ ދެއްކުމަށް ވެމްކޯ އިން ހީދުމަށް އެދިފައިވާ 12 މަސް ދުވަހުގެ މުއްދަތުވެސް ދެވެން ނެތް ކަމަށެވެ.
އެގޮތުން ގާޟީ ސިނާންގެ ހުކުމުގައި ބުނެފައިވަނީ 7 އޯގަސްޓް 2025 އިން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި 3،488،276.23 ރުފިޔާ ލިއޯ ސްޓޯސރ އެންޑް ސަޕްލައި ޕްރައިވެޓް ލިިމިޓެޑަށް ދައްކައި ހަލާސްކުރުމަށް ވެމްކޯގެ މައްޗަށް އަންގައި ހުކުމް ކުރާ ކަމަށެވެ.